ފިއްލަދޫގައި އުމުރުން ދުވަސްވީ ދެމަފިރިއެއްގެ ގެ އަނދައި ހުލިވެއްޖެ

ހއ. ފިއްލަދޫގައި ހިނގި އަލިފާނުގެ ހާދިސާ

ހއ. ފިއްލަދޫގައި ރޭ ދަންވަރު ގެއެއްގައި އަލިފާން ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.

ރޭ އަނދައި ހުލިވެފައިވަނީ އެ ރަށު ހިތަށްފިނިވާގެއެވެ.

މި ކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން ފިއްލަދޫ ކައުންސިލްގެ މެމްބަރު މުހައްމަދު ރަޒީފް ވިދާޅުވީ މައުލޫމާތު ލިބޭ ގޮތުގައި އެ ހާދިސާ ހިނގަން މެދުވެރިވީ ކަރަންޓު ޝޯޓެއް ވުމުގެ ސަބަބުންނެވެ.

އެއާއެކު މުޅި ގޭގައި ހުޅު ހިފައި ރޯވާން ފެށީ ކަމަށް ރަޒީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި ހާދިސާގައި މުޅި ގެ އެއްކޮށް ބޭނުންނުކުރެވޭ މިންވަރަށް އަނދައިފައިވާ ކަމަށެވެ.

އެ ވަގުތު އެ ގޭގައި އުމުރުން ދުވަސްވީ ދެމަފިރިން ނިދައިފައި ތިއްބެވެ. މީގެ އިތުރުން ތިން ކުޑަކުދިންނާއި ދެ އަންހެނަކު ވެސް އެ ގޭގައި އެ ވަގުތު ތިއްބެވެ.

އަލިފާނުގެ ހާދިސާގައި އެ ގެ އެއްކޮށް ބޭނުން ނުކުރެވޭ މިންވަަރަށް އަނދައިފައިވާއިރު މި ވަގުތު އެ ގޭގައި ދިރިއުޅެމުން އައި މީހުން ތިބީ ވަގުތީ ހިޔާއެއްގައެެވެ.

ހއ. ފިއްލަދޫގައި ހިނގި އަލިފާނުގެ ހާދިސާ

އެ ކަމުގެ މައުލޫމާތު ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އާވަނީ ހިއްސާ ވެސް ކޮށްފައެވެ. އެއާއެކު އެންޑީއެމްއޭއިންވަނީ އެ އާއިލާއަށް ލިބުނު ގެއްލުން ދެނެގަނެ ވަގުތީ ގޮތުން އެ އާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ލަފާދީފައެވެ.

ރޯވުމާއެކު އަލިފާން ނިއްވުމުގެ މަސައްކަތް ކުރީ ރަށު ރައްޔިތުން ނިކުމެއެވެ.

"ގާތްގަނޑަކަށް ހާދިސާ ހިނގިތާ 15 ނުވަތަ 20އަކަށް މިނެޓު ތެރޭ ރަށު ރައްޔިތުން އެއްވެއްޖެ އެ ގެއަށް. ހަމަ ހުރިހާ ރައްޔިތުން ގުޅިގެން މި ނިއްވާލީ. ނަމަވެސް ދައްޗަކަށްވީ ދިޔަަވަރު ހިކި ގަޑިއަކަށްވުމުން ފެން ޕަންޕު ބޭނުންކޮށްގެން އަލިފާން ނިއްވުމަށް،" ރަޒީފް ވިދާޅުވިއެވެ.

ހދ. މަކުނުދޫގައި ވެސް މި ފަހުން މިފަދަ އަލިފާނުގެ ހާދިސާއެއް ހިނގައި ގޭގެ ބޮޑު ބައެއް ވަނީ އަނދައިފައެވެ. އެހާދިސާ ވެސް ހިނގަން މެދުވެރިވީ ކަރަންޓް ޝޯޓެއް ވުމުގެ ސަބަބުން ކަމަށް ބެލެވެއެވެ.

comment ކޮމެންޓް