ދިވެހިންގެ ތެރޭގައި ދުންފަތާ ގުޅިފައިވާ ބަލިތައް ފެތުރޭ މިންވަރު ގިނަ: ރައީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް -- ފޮޓޯ/ ރައީސް އޮފީސް

ދިވެހީންގެ ތެރޭގައި މި ވަގުތު ފެތުރެމުންދާ، ގައިން ގަޔަށް ނާރާ ބަލިތަކުގެ ތެރެއިން ވެސް، އެންމެ ނުރައްކާތެރި ބައެއް ބަލިތަކަކީ، ދުންފަތުގެ އިސްތިއުމާލުކުރުމާ ގުޅިފައިވާ ބަލިތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.

މި ޚިޠާބުގައި ރައީސް ވަނީ ދުންފަތް ހެއްދުމާއި ދުންފަތުގެ އިސްތިއުމާލުކުރުމަށް އަހަރަކު އެތައް ބިލިއަން ޑޮލަރެއް އިސްރާފު ކުރާ އިރު، ދުނިޔޭގެ އެކި ސަރަހައްދުތަކުގައި މި ވަގުތު ހައިހޫނުކަން ތަހައްމަލުކުރަމުންދާ އެތައް ބަޔަކު ތިބިކަން ހަނދާން ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ރާއްޖޭގައި ތިބި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން ވެސް އެކަމަށް ޓަކައި ކޮންމެ ދުވަހަކު އެ ހޭދަކުރާ ފައިސާއަކީ، އެ މީހުންނާއި އެ މީހުންގެ އާއިލާގެ މީހުންގެ ކެއިންބުއިމުގެ ކަންކަމަށް ހޭދަކުރެވިއްޖެ ނަމަ، މުޅި މުޖުތަމައަށް އޭގެ މަންފާކުރާނެ ފައިސާތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ދުންފަތުގެ އިސްތިއުމާލު ކުރުމަށް ޚަރަދުކުރާ ފައިސާތައް ރައްކާކޮށް އެ ފައިސާ ތަފާތު ބަލިތައް ތަހައްމަލު ކުރާ އެތައް ބަޔަކަށް ފަރުވާ ކުރުމަށް ބޭނުންކުރެވިދާނެ ކަމަށެވެ. އަދި އެއީ ރަނގަޅު ކާނާ އާއި ބޯފެނާއި ދިރިއުޅުމުގެ ޒަރޫރީ އެތައް ކަމަކަށް ހޭދަ ކުރެވިދާނެ ފައިސާތަކެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މި އަހަރުގެ މި ދުވަހަށް، ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން ކަނޑައަޅާފައިވާ ޝިއާރަކީ، "އަހަރެމެން ބޭނުމީ ކާނާ، ދުންފަތެއް ނޫން" މިއެވެ.

މި ޝިއާރަށް އަލިއަޅުއްވާ ލައްވަމުން ރައީސް ވިދާޅުވީ މި ޝިއާރުގެ މައިގަނޑު ބޭނުމަކީ މި ވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ ކާބޯތަކެތީގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ދުންފަތް ހެއްދުމުގައި ދަނޑުވެރިންގެ ވަގުތުތަކާއި ދަނޑުބިންތައް ނަގައިލުމުގެ ބަދަލުގައި، އެފަދަ ދަނޑުބިންތަކުގައި ގޮވާމުގެ ބާވަތްތައް ހައްދައި އުފެއްދުމަށް ބާރުއެޅުން ކަމަށެވެ.

"މިއަދު އަޒުމް ކަނޑައަޅަންވީ، ތިމާއަށާއި ތިމާގެ ސަބަބުން އެހެން މީހުންނަށް ސިއްހީ މައްސަލަތައް ކުރިމަތިކުރުވާ މިފަދަ ކޮންމެ ކަމަކުން ދުރުހެލިވުމަށެވެ. ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލަންވީ، ތިމާގެ އަމިއްލަ ނަފްސުގެ ދުޅަހެޔޮކަމަށްޓަކައެވެ. ތިމާގެ އަނބިދަރިންނާއި އާއިލާގެ ހެވަށްޓަކައެވެ. ގާތް ރަޙުމަތްތެރިންނާއި އެކުވެރިންގެ ސަލާމަތަށްޓަކައެވެ. މުޅި މުޖްތަމައުގެ ސިއްހީ ރައްކާތެރިކަމަށްޓަކައެވެ،" ރައީސްގެ ޚިޠާބުގައިވެއެވެ.

comment ކޮމެންޓް