ކޭބަލްގެ މައްސަލަ ހައްލުކޮށް ދެ ގަޑިއިރު ފަހުން ހިޔާ ސަރަހައްދަށް ކަރަންޓު ދީިފި

ކޭބަލްގެ މައްސަލަ ހައްލުކުރުމުގެ ތެރެއިން --- ފޮޓޯ/ ސްޓެލްކޯ

ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެން ދިމާވި މައްސަލަ ހައްލުކޮށް، ހުޅުމާލޭ ދެވަނަ ފިޔަވަހިން ކަރަންޓު ދިޔަ ސަރަހައްދުތަކަށް، ދެ ގަޑިއިރެއްހާ އިރު ފަހުން އަލުން ކަރަންޓު ދީފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑިފައި ވަނީ މިއަދު ހެނދުނު 10:00ހާއިރުއެވެ. އެކަމާ ގުޅިގެން އެންމެ ފުރަތަމަ ސްޓެލްކޯއިން ބުނީ، ހުޅުމާލޭ ދެވަނަ ފިޔަވަހިން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައި ވަނީ ވިނަރެސް ފްލެޓުތަކާއި ދިމާލުން ކޮނުމުގެ ތެރޭގައި ޑިސްޓްރިބިއުޝަން މައި ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެން ކަމަށެވެ.

އޭރު ސްޓެލްކޯއިން ބުނީ ކަރަންޓު ކޭބަލް ރަނގަޅު ކުރެވޭނެ ގޮތްތައް ބަލަމުންދާ ކަމަށެވެ. އަދި، އޭގެ ފަހުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނު ދެވަނަ ފިޔަވަހީގެ ބޮޑު ސަރަހައްދަކަށް މިއަދު 11:20ހާއިރު ވަނީ ކަރަންޓު ދީފައެވެ. ކަރަންޓު ނުލިބި އޭރު ހުރީ ގެއްލުން ލިބުނު ކޭބަލާއި ގުޅިފައިވާ ހިޔާ ޓަވަރު އެކަކުން އަށަކަށެވެ.

ކޭބަލްގެ މައްސަލަ ހައްލުކުރުމުގެ ތެރެއިން --- ފޮޓޯ/ ސްޓެލްކޯ

ސްޓެލްކޯގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ކޭބަލަށް ދިމާވި މައްސަލައާ ގުޅިގެން ކަރަންޓު ކެނޑުނު ހުރިހާ ސަރަހައްދަކަށް ވެސް މިއަދު މެންދުރު 12:30ހާއިރު، އަލުން ކަރަންޓު ދީފައިވާ ކަމަށެވެ.

މީގެ އިތުރުން، އެކި ބޭނުންތަކަށް ކޮނުމުގެ މަސައްކަތް ކުރާ ފަރާތްތަކަށް ކޭބަލްތައް ހުންނަ ފުންމިނާއި ސަރަހައްދުތަކުގެ މައުލޫމާތު ފޯރުކޮށްނުދެންތޯ ސުވާލުކުރުމުން ސްޓެލްކޯއިން ބުނީ ކޮނުމުގެ މަސައްކަތް ކުރާ ކޮންޓެކްޓަރުންނަށް ކޭބަލް ރޫޓުތަކާއި ގުޅުންހުރި، ހުރިހާ މައުލޫމާތެއް މީގެ ކުރިން ވާނީ ފޯރުކޮށްދީފައި ކަމަށެވެ.

comment ކޮމެންޓް