އޭޖީ ލިޔުމުން ޖަވާބު ދެއްވުމުން މައްސަލަ ކުރިއަށް ގެންދާނެ ގޮތަކާ މެދު މަޝްވަރާ ކުރަނީ

ބަންޑާރަ ނައިބު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި، މަޖިލީހަށް ހާޒިރުވެ ވަޑައިގެންނެވުމުގެ ބަދަލުގައި ލިޔުމުން ޖަވާބު ފޮނުއްވުމުން މައްސަލަ ކުރިއަށް ގެންދާނެ ގޮތަކާ މެދު މަޝްވަރާ ކުރުމަށް މަޖިލިސް މެދުކަނޑާލައިފިއެވެ.

އޭޖީގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ގުޅިފައިވާ އިދިކޮޅު އިއްތިހާދުންނެވެ. އެ އިއްތިހާދުގައި ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ އިތުރުން އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އިސްކޮށް ހުންނަވާ ދަ ޑިމޮކްރެޓްސްއާއި ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީ ހިމެނެއެވެ.

އެ މައްސަލައިގައި އާންމު ކޮމިޓީން ނިންމީ ބަންޑާރަ ނައިބަށް މަޖިލީހަށް ޖަވާބުދާރީ ވުމަށް 30 މިނެޓު ދިނުމަށެވެ. އެގޮތުން ބަހުސް ފެށުމުގެ ގޮތުން 10 މިނެޓާއި މެދު ތެރެއިން 10 މިނެޓާއި ބަހުސް ނިންމާލުމުގެ ގޮތުން ފަހު ބަހެއްގެ ގޮތުގައި ވާހަކަ ދެއްކެވުމަށް 10 މިނެޓު ދިނުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

އެ މައްސަލަ މިއަދު އެޖެންޑާ ކޮށްފައިވާއިރު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އާންމު ކޮމެޓީން ރިޔާސަތަށް އަންގާފައިވަނީ ބަންޑާރަ ނައިބު މަޖިލީހަށް ވަޑައިގެން މައްސަލަ ކުރިއަށް ގެންދާ ގޮތަށް ނަމަވެސް، ވަޒީރު ހާޒިރުވެވަޑައިގެންފައި ނުވާތީ އިދާރީ މައްސަލައެއް ނުކުމެދާނެ ކަމަށެވެ.

މެންބަރުންގެ ސަމާލުކަމަށް ގެންނަން މި ޖެހެނީ އާންމު ކޮމިޓީން ވަޒީރު ވަޑައިގަންނަވާނެ ކަމަށް ނިންމަވާފައި އޮތް އިޖުރާއަތެއް އަޅުގަނޑުގެ އަތުގައި އޮތީ. ވަޒީރު ނިންމެވީ ވަޒީރަށް ލިބިވަޑައިގަންނަވާ ހައްގުގެ ތެރެއިން ވަޒީރު ލިއުމުން ޖަވާބު ދެއްވަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

މައްސަލަ ކުރިއަށް ގެންދާނެ ގޮތަކާ މެދު އަމީން އާންމު މެދުވެރިކޮށް ގޮތެއް ނިންމެވުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވުމުން ނަޝީދު ވިދާޅުވީ، މައްސަލަ ކުރިއަށް ގެންދާނީ ބަންޑާރަނައިބަށް ޖަވާބު ދާރީ ވުމަށް ލިބޭ ފުރުސަތަށް އެއްވެސް ހަނިކަމެއް ނާންނާނެ ފަދައިން ކަމަށެވެ.

އަދި، މައްސަލަ ކުރިއަށް ގެންދިއުމުގައި ގާނޫނުއަސާސީ އާއި، މަޖިލީހުގެ ގަވާއިދާއި ޑިމޮކްރެޓިކް ހަމަތަކަށް އިސްކަން ދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، އެފަދަ ހާލަތް ތަކުގައި މީގެ ކުރިން މަޖިލީހުން އަމަލު ކޮށްފައިވާ ގޮތާއި، ބޭރުގެ ގައުމުތަކުގައި ކަން ކުރާ ގޮތަށް ރިއާޔަތް ކުރައްވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

އެއަށް ފަހު މަޖިލީހުގެ މެޖޯރިޓީ އަދި މައިނޯރިޓީ ލީޑަރުންނާ އެކު އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ވަނީ މަޖިލިސް މެދު ކަނޑާލާފައެވެ.

comment ކޮމެންޓް