ސަރުކާރާއި ރައްޔިތުން ހިއްސާވާ ޓޫރިޒަމް ކުންފުނި، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ މިދިޔަ އަހަރުގެ ވިޔަފާރީގެ ފައިދާއިން ޙިއްޞާއަކަށް 60 ލާރި ބަހަން ފާސްކޮށްފިއެވެ.
އެމްޓީޑީސީން ޙިއްޞާއަކަށް 60 ލާރީގެ ނިންމީ އެ ކުންފުނީގެ 2022 ވަނަ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރުންގެ ވޯޓުން ދީގެންނެވެ. މެންހަޓަން ބިޒްނަސް ސްކޫލުގައި ބޭއްވި މި ޖަލްސާގައި އެ ކުންފުނީގެ 15000 ހާސް ހިއްސާދާރުން ތަމްސީލުކުރިއެވެ.
މިގޮތަށް ފާސްވެގެން ދިއުމުން އެ ކުންފުންޏަށް މިދިޔައ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނު 38.6 މިލިއަން ރުފިޔާގެ ތެރެއިން 20 މިލިއަން ރުފިޔާ ބަހާނީ ހިއްސާދާރުންނަށެވެ.
ގިނަ ދުވަސްތަކެއް ގެއްލުމުގައި ހިންގަމުން އައި އެމްޓީޑީސީއަށް އަލުން ފައިދާ ވާން ފަށައި، ހިއްސާގެ ފައިދާ ބަހަން ފެށީ 2019 ގައެވެ.
އެމްޓީޑީސީއަކީ ފަތުރުވެރިކަމުގެ މަންފާ ދިވެހި ރައްޔިތުންނަށް ސީދާ ގޮތެއްގައި ހޯދައިދިނުމަށް ރައީސް މައުމޫނުގެ ވެރިކަމުގައި 2006 ވަނަ އަހަރު ވުޖޫދަށް އައި ކުންފުންޏެކެވެ.