އެސްއެސްޓީވީގެ ޙައްޤުލް ޔަޤީން ޤުރުއާން މުބާރާތުގެ އެއްވަނަ އަކްމަލް އަޖުވަދު ހޯދައިފި

މިދިޔަ ރަމަޟާން މަހު އެސްއެސްޓީވީއިން ބޭއްވި ޙައްޤުލް ޔަޤީން ޤުރުއާން މުބާރާތުގެ އެއްވަނަ ނ. އަތޮޅު ހޮޅުދޫ، ބަނަފްސާގޭ އަކްމަލް އަޖުވަދު ޢަލީ ހޯދައިފިއެވެ.

ވާޗުއަލްކޮށް ކުރިއަށްގެންދިޔަ ޙައްޤުލް ޔަޤީން ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފައިވަނީ އަންގާރަ ދުވަހުގެ ހަވީރު 16:30 ގައި އެސްއެސްޓީވީގައެވެ. މި ޤުރުއާން މުބާރާތަކީ ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް 13 އަހަރުން ދަށުގެ ކުދިންނަށް ބައިވެރިވެވޭ ގޮތަށް ވާޗުއަލްކޮށް ކުރިއަށް ގެންދިޔަ މުބާރާތަކެވެ.

ޙައްޤުލް ޔަޤީން ޤުރުއާން މުބާރާތުގެ އެއްވަނަ ހޯދި އަކްމަލް ވަނީ 13 އަހަރުން ދަށުގެ އުމުރުފުރާގެ އެއްވަނަ ވެސް ހޯދާފައެވެ.

ޙައްޤުލް ޔަޤީން ޤުރުއާން މުބާރާތުގެ ގަދަފަހެއް

1. އަކްމަލް އަޖުވަދު ޢަލީ / ނ. ހޮޅުދޫ ބަނަފްސާ

2. މަން އުސްމާއީލް މުޙްތަބާ / ކ.މާލެ މއ.ހިއުސްޓަން

3. އަޒްކާ ބިންތް މުޙައްމަދު ޞިދުޤީ / ކ.ހުރާ ޝެހެނާޒް

4. މުޙައްމަދު ރައުޝް ބިން ސިރާޖު / ހދ.ކުޅުދުއްފުށި ރޯޅި

4. މުޙައްމަދު ހިޛްޔަމް ހުޝާމް / ސ.ހިތަދޫ ދޫނިހޯލި

5. ޢާއިޝަތު ޢައިނީ ސިނާން / ކ.ކާށިދޫ މާކޯނި

5. ޔޫސުފް އާކިން އަޙްމަދު ސަޢީދު / ގދ.ފިޔޯރި ސައިރެސް

ޙައްޤުލް ޔަޤީން ޤުރުއާން މުބާރާތުގެ 7 އަހަރުން ދަށުގެ އެއްވަނަ ބ. ތުޅާދޫ މީޒާން ޢައްމާރު ބިން ސަޢުދުﷲ ޙާތިމް ހޯދާފައިވާއިރު، 9 އަހަރުން ދަށުގެ އެއްވަނަ ހޯދާފައިވަނީ، ގދ ފިޔޯރީ ސައިރެސް ޔޫސުފް އާކިން އަޙްމަދު ސަޢީދެވެ. އަދި މުބާރާތުގެ 11 އަހަރުން ދަށުގެ އެއްވަނަ ހޯދާފައިވަނީ، ކ.ކާށިދޫ މާކޯނި ޢާއިޝަތު ޢައިނީއެވެ.

ބައިވެރިންނަށް ފަރިތަ ހިސާބަކުން ޤުރުއާން ކިޔަވައި މުބާރާތަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިގެން ކުރިޔަށް ދިޔަ މި މުބާރާތުގައި 700 ކުދިން ބައިވެރިވެ، 394 ކުއްޖަކު ކިޔެވުމުގެ ރިކޯޑިން ފޮނުވާފައިވެއެވެ.

މި މުބާރާތުގެ ވަނަތަކަށް ހުށައެޅިފައިވަނީ އެއްވަނައަށް 25،000 ރުފިޔާ، ދެވަނައަށް 15،000 ރުފިޔާ އަދި ތިންވަނައަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެވެ. އަދި މުބާރާތުގެ ފަނޑިޔާރުންގެ ގޮތުގައި ހަރަކާތްތެރިވީ، އަލްޤާރީ އަބްދުﷲ ވަހީދާއި އަލްޤާރިޔާ އާބިދާ ހުސައިންގެ އިތުރުން އަލްޤާރިޔާ އާމިނަތު ޒައިނާއެވެ.

ޙައްޤުލް ޔަޤީން ޤުރުއާން މުބާރާތާ ގުޅިގެން އެސްއެސްޓީވީގެ ޗީފް ކޮންޓެންޓް އޮފިސަރު މުހައްމަދު ޒަހީން "ސަން"އަށް ވިދާޅުވީ، މުޅި މުބާރާތައް ބޮޑު ތަރުޚީބެއް ލިބުނު ކަމަށެވެ. މިކަން މުބާރާތުގައި ބައިވެރިވީ ކުދިންގެ އަދަދެއް ބެލުމުން އެނގޭ ކަމަށް ވެސް ޒަހީން ވިދާޅުވިއެވެ.

comment ކޮމެންޓް