އިދިކޮޅު އިއްތިހާދުގެ އެއްވުމުގައި ބައިވެރިނުވާން ގާސިމް އެދިވަޑައިގެންފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާ ސަލާމް ކުރައްވަނީ: ގާސިމް ވަނީ ސަރުކާރާ ދެކޮޅު އެއްވުމުގައި ބައިވެރިނުވާން އެދިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދާ މެދު, އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ނިންމި ނިންމުމާ މެދު ހިތްހަމަނުޖެހި، އިދިކޮޅުން އެކުލަވާލައިފައިވާ އިއްތިހާދުން މި ހުކުރު ދުވަހު ބާއްވައި އެއްވުމުގައި ބައިވެރިނުވާން, ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ މެންބަރުންގެ ކިބައިން، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެދިވަޑައިގެންފިއެވެ.

ކަނޑުގެ ސަރަހައްދު ބެހި ގޮތުން ހިތްހަމަނުޖެހިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީއާއި އެމްއެންޕީ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަޑީގައި ހުންނަވައިގެން އުފައްދަވާ ދަ ޑިމޮކްރެޓްސް އިން ވަނީ އިއްތިހާދެއް އެކުލަވާލައިފައެވެ. އެ އިއްތިހާދުން އަންނަނީ މި ހުކުރު ދުވަހު މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ތައްޔާރުވަމުންނެވެ.

އެ އެއްވުމަށް ނުދާން އެދިވަޑައިގެން ޖޭޕީގެ ކައުންސިލާއި ލީޑާޝިޕްގެ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ގާސިމް ވިދާޅުވީ އެ އެއްވުމުގެ މިސްރާބާއި ނަތީޖާ އެ ޕާޓީގެ މެންބަރުންނަށް ސާފުވާނެ ކަމަށެވެ.

"އެހެންކަމުން އަޅުގަނޑު ދެކޭ ގޮތުގައި އެންމެ ފަހުން ދުވަހު ބޭއްވުނު ޕާޓީގެ ކައުންސިލްގެ ނިންމުމާ އެއްގޮތަށް ޤައުމުގެ އަމަންއަމާންކަމާއި، ޢާންމު މަސްލަޙަތަށް ރިޢާޔަތްކޮށް މި ޕާޓީއާއި މި ޕާޓީގެ ލީޑާޝިޕުން ދެމިތިބޭން ވާނީ މިފަދަ ދަތި ދަނޑިވަޅެއްގައި ޤައުމު ހަލަބޮލި ނުވާނެ މަގަށް ވިސްނުން އިސްކޮށްގެންނެވެ،" އޭނާ މެސެޖުގައި ވެއެވެ.

އެއަށް ފަހުގައި ގާސިމް ވަނީ މޭ ޑޭ މުޒާހަރާގައި ކަންވީގޮތް އެ ޕާޓީގެ މެންބަރުންނަށް ހަދާން އާ ކޮށްދީފައެވެ.

އޭނާ ވިދާޅުވި ގޮތުގައި 2015ވަނަ އަހަރު އޭރުގެ އިދިކޮޅުން ބޭއްވި މޭ ޑޭ މުޒާހާރާގައި ވެސް ޖޭޕީން ބައިވެރި ނުވުމަށް ނިންމިއެވެ. އެކަމަކު، މުޒާހަރާ ނިމުނުއިރު، އަންދާޒާ ކުރި ނަތީޖާ އާއި ނުކުތް ނަތީޖާ މުޅިން ތަފާތުކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ އެހެން އެކަން ހިނގައިފާނެ ކަމަށް ބަލާފައި އޭރު ވެސް ޖޭޕީން ނިންމީ، އެ އެއްވުމުގައި ބައިވެރިނުވާން ކަމަށެވެ.

"ވިސްނުންތެރިކަމާ އެކު ބައިނަލްއަޤްވާމީ މާހިރުންގެ ލަފާއާ އެކު އިޓްލޮސްގެ ނިންމުން ބަދަލު ކުރެވޭނޭ އެންމެހާ މަގުތަކެއް ހޯދޭތޯ ހުރިހާ ބޭފުޅުން ވެސް ބުރަކޮށް މަސައްކަތް ކުރެއްވުން އެއީ ހަޤީޤީ ނަތީޖާއެއް ހާސިލުވާނެ މަގުކަމުގައި އަޅުގަނޑު ދެކެމެވެ،" ގާސިމްގެ މެސެޖުގައި ވިދާޅުވިއެވެ.

އެހެންވެ، ހުކުރު ދުވަހު އިދިކޮޅު އިއްތިހާދުން ބާއްވާ އެއްވުމުގައި ބައިވެރިނުވާން އޭނާ ވަނީ އެ ޕާޓީގެ މެންބަރުން ކިބައިން އެދިވަޑައިގެންފައެވެ.

ރާއްޖެއާއި މޮރީޝަސް ކަނޑުގެ ސަރަހައްދު ފުށުއަރާ 95،563 އަކަ ކިލޯމީޓަރުގެ ސަރަހައްދު ކުރިން ރާއްޖެއިން ބޭނުން ކުރި ނަމަވެސް އެއީ ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއް ނޫނެވެ. އަދި، އެއީ ބައިނަލްއަޤްވާމީ ހަމަތަކާ އެއްގޮތަށް އިން ކަނޑައެޅިފައިވާ ސަރަހައްދެއް ނޫނެވެ. އެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބިފައިވާއިރު މޮރީޝަސްއަށް ލިބުނީ 45،331 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ.

އިދިކޮޅު ޕާޓީތަކުން ނުރުހުން ފާޅުކުރަމުން އަންނަނީ އެ ސަރަހައްދު އެއްކޮށް ލިބެންވާނީ ރާއްޖެއަށް ކަމަށް ބުނެއެވެ.

comment ކޮމެންޓް