ވެރިކަމަށް އައުމަށް 2018ވަނަ އަހަރު އެމްޑީޕީގެ މެނިފެސްޓޯގައި ރައްޔިތުންނަށް ވެފައިވާ ވައުދުތައް އަދިވެސް ނުފުއްދާ ކަމަށް ބުނެ، އެ ވައުދުތައް ފުއްދުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުންގެ ފަރާތުން މަޖިލީހަށް ހުށަހެޅި ދެ ގަރާރުވެސް މިއަދު މަޖިލީހުން ބޭރުކޮށްލައިފިއެވެ.
މިއީ މަސްވެރިކަމާއި ދަނޑުވެރިކަމާ ގުޅޭ ގޮތުން އެމްޑީޕީން ވެފައިވާ ވައުދުތައް ނުފުއްދާ ކަމަށް ބުނެ ހުށަހެޅި ދެ ގަރާރެވެ.
މިއަދު އެންމެ ފުރަތަމަ ވޯޓަށް އަހާފައިވަނީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރާއްޖޭގެ ދަނޑުވެރިންނަށް ދޫކުރި ދަނޑުވެރިންގެ ސަބްސިޑީ އަލުން އަނބުރާ އިއާދަކޮށް ދަނޑުވެރި މީހާއަށް ދިނުމަށް ގޮވާލައި ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ހުށަހެޅުއްވި ގަރާރަށެވެ.
ވޯޓުގައި 49 މެންބަރުން ބައިވެރިވި އިރު ގަރާރު މަޖިލީހަށް ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ހަތް މެންބަރުންނެވެ. ބާކީ 42 މެންބަރުން ވޯޓު ދެއްވީ ގަރާރު ބަލައިގަންނަން ނުފެންނަ ކަމަށެވެ.
އެއަށް ފަހު އެމްޑީޕީ ވެރިކަމެއް އޮވެމެ، އެމްޑީޕީގެ މެނިފެސްޓޯގައިވާ މަސްވެރިކަމުގެ ސިޔާސަތު ހިންގުމުގައި ފަހަތު ފަޔަށް ބުރަވެ، ސަރުކާރުން މަސްވެރިކަމުގެ ސިޔާސަތާ ދެކޮޅަށް ވާހަކަދެއްކުން ހުއްޓާލައި އެމްޑީޕީގެ މެނިފެސްޓޯގައިވާ ގޮތަށް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ސިޔާސަތު ތަންފީޒުކުރުމަށް ގޮވާލައި މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން ހުށަހެޅުއްވި ގަރާރަށް ވަނީ ވޯޓަށް އަހައިފައެވެ.
މި ގަރާރު ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ ހަތް މެންބަރުންނެވެ. ވޯޓުގައި ބައިވެރިވި މެންބަރުންގެ ތެރެއިން 41 މެންބަރުން ވޯޓު ދެއްވީ ގަރާރު ބަލައިގަންނަން ނުފެންނަ ކަމަށެވެ.
ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން ވަނީ މީގެ ކުރިން ވެސް ސަރުކާރުގެ ވައުދުތައް ފުއްދުމަށް ގޮވާލާ މަޖިލީހަށް ގަރާރު ހުށަހަޅާފައެވެ. އެގޮތުން ދަރަންޏާ ގުޅޭ ނިންމުންތައް ތަންފީޒު ކުރަން ގޮވާލައި ހުށަހަޅާފައިވާ ގަރާރާއި، ސަރުކާރު ކުންފުނިތައް ބަލަހައްޓަން ގޮވާލައި ހުށަހަޅާފައިވާ ގަރާރުގެ އިތުރުން އެމްޑީޕީގެ ސިޔާސަތުތަކަށް ރުޖޫއަވުމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙަށް ގޮވާލައި ވެސް އެ ފެކްޝަނުން ގަރާރު ހުށަހަޅާފައިވެއެވެ.