މާލޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުންނަ އެމްޑީޕީގެ މައި ހަރުގޭގެ ތަޅު ހަލާކުކޮށްލާ 'ދަ ޑިމޮކްރެޓްސް" އިން އެ ހަރުގެއަށް ވަނުން އެމްޑީޕީން ކުށްވެރި ކޮށްފިއެވެ.
އެމްޑީޕީ މައި ހަރުގެ ހުންނަނީ އެ ޕާޓީގެ ކުރީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ ޝަފިއްޔާ ޒުބައިރުގެ ބިމެއްގައެވެ. އެ ޕާޓީގައި އުފެދުނު ޚިޔާލުތަފާތުވުންތަކުގެ ތެރެއިން ޕާޓީ ދެބައިވީއިރު، ޝަފިއްޔާ ހުންނެވީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަޅީގައެވެ.
އެގޮތުން މިއަދުގެ ވަގުތެއްގައި، ޝަފިއްޔާގެ ހާޒިރުގައި، "ދަ ޑިމޮކްރެޓްސް" ޕާޓީ އުފެއްދެވުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ އެތަނުގެ ތަޅު ހުޅުވައިގެން އެތެރެޔަށް ވަދެ އެތަނުގެ ތެރޭގައި ހުރި އެމްޑީޕީގެ ސާމާނުތައް ބޭރުކޮށްފައެވެ. ޑިމޮކްރެޓުން ބުނަނީ މުސްތަގުބަލުގައި އެތަނުގައި ހުންނާނީ އެ ޕާޓީގެ ހަރުގެއެއް ކަމަށެވެ.
މިކަމާ ގުޅިގެން އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ، އެ ޕާޓީގެ ހަރުގޭގެ ތަޅު ހަލާކުކޮށްލައިގެން ބަޔަކު ވަދެ ޕާޓީގެ މުދާތަކަށް ގެއްލުންދީ ހަރުގެ ހިސޯރުކޮށްފައި ވާކަމަށެވެ. އަދި އެއީ އެ ބިމުގެ ވެރިފަރާތާއެކީ ހެދިފައިވާ އެއްބަސްވުމެއްގެ ދަށުން ގަވާއިދުން ކުލި ދައްކާ އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގަމުން އަންނަ ތަނެއް ކަމަށް ވެސް ބަޔާނުގައިވެއެވެ.
އެގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ނިމެންދެން ހަރުގޭގައި އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހިންގޭނެކަމަށް ޝަފިއްޔާ އަނގަބަހުން އެއްބަސްވެފައި ކަމަށް އެމްޑީޕީން ބުންޏެވެ. އެމްޑީޕީން ބުނި ގޮތުގައި ޝަފިއްޔާ އަމަލުކޮށްފައި ވަނީ އެއްބަސްވުމާ ޚިލާފަށެވެ.
"އެހެން ކަމުން އެމްޑީޕީއަށް އެއްބަސްވުމުގެ ދަށުން ލިބިދޭ ހައްގުތައް ހިމާޔަތްކުރުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާ އެ މައްސަލައިގެ ޝަރީއަތް ހިނގަނިކޮށް ޝަރީއަތުން ވަކި ގޮތެއް ނިންމުމުގެ ކުރިން ހަރުގެއަށް ބަޔަކު ވަދެ ހިސޯރުކޮށް, މި ޕާޓީގެ މުދަލަށް ގެއްލުންދީފައިވެއެވެ" އެ ބަޔާނުގައި ވެއެވެ.
އެމްޑީޕީން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އެދިިފައި ވަނީ ސިޔާސީ ހަރަކާތް ހިންގުމަށް އެހެން ތަނެއް ހަމަޖެއްސުމަށްޓަކައި ޖުލައި 31 ގެ ނިޔަލަށް ހަރުގޭގައި ތިބެވޭނެ ގޮތަށް ކަނޑައަޅައި ދިނުމަށެވެ.
އެމްޑީޕީ ޖަގަހަ ހުސްކުރަން ދިޔަ ވަގުތު އެތަނުގައި ހުންނަވައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޝަފިއްޔާ ވިދާޅުވީ، ހަރުގެ ހުސްކުރަން އެންގީ އެ ބިމުގައި އިމާރާތެއް ކުރުމަށް ކަމަށެވެ. އަދި މިތަން ހުސްނުކޮށްގެން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް މައްސަލަ ހުށަހަޅަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.