އެމްޑީޕީ ހަރުގޭގައި ކުލަލާ ޑިމޮކްރެޓްސްގެ ޖަގަހައަކަށް

އެމްޑީޕީ ހަރުގެ ހުރި ތަނުގައި ޑިމޮކްރެޓުންގެ ޖަގަހަ ހުޅުވަން އެތަނުގައި ހުރި ރައީސްގެ ޕޯސްޓަރު ނައްޓާލަނީ--- ސަން ފޮޓޯ/މުހައްމަދު ޝާތިއު އަބްދުﷲ

މާލޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުންނަ އެމްޑީޕީގެ މައި ހަރުގެ ހުރި ތަން އެ ބިމުގެ ވެރިފަރާތުން ހުސްކުރަން އެންގި މައްސަލަ ކޯޓުގައި ކުރިއަށް ދަނިކޮށް، އެ ތަނުގައި "ދަ ޑިމޮކްރެޓްސް" ޕާޓީގެ ޖަގަހައެއް ހުޅުވުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްޑީޕީ މައި ހަރުގެ ހުންނަނީ އެ ޕާޓީގެ ކުރީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ ޝަފިއްޔާ ޒުބައިރުގެ ބިމެއްގައެވެ. އެތަން ހުސްކުރަން އޭނާ އެމްޑީޕީއަށް އެންގީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްއާ އުފެދުނު ހިޔާލުތަފާތުވުންތަކުގެ ތެރެއިން ޕާޓީ ދެބައިވެފައި ވަނިކޮށެވެ. ޝަފިއްޔާ ހުންނެވީ ނަޝީދުގެ ފަޅީގައެވެ.

ގިނަ އަދަދެއްގެ ނޫސްވެރިންގެ ހާޒިރުގައި ހަރުގެއަށް ވަންނަ ދޮރުގައި ހުރި ތަޅު ހުޅުވީ، ނަޝީދުގެ ސަޕޯޓަރުން އުފައްދަން މަސައްކަތް ކުރަމުން އަންނަ "ދަ ޑިމޮކްރެޓްސް" ޕާޓީގައި އިސްކޮށް އުޅުއްވާ އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރު އާއި މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގު)އެވެ.

ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރު އެމްޑީޕީ މައި ހަރުގެ ހުރި ތަނުގެ ތަޅުހުޅުވަނީ --- ސަން ފޮޓޯ/މުހައްމަދު ޝާތިއު އަބްދުﷲ

ތަޅު ހުޅުވުމަށް ފަހު، އެތަނުގެ ބޭރުގައި ހުރި ރައީސް ޞާލިޙްގެ ޕޯސްޓަރު ނައްޓާލައި، ފާރުތަކުގައި ހުރި ރީނދޫ ކުލައިގެ ބަދަލުގައި ހުދު ކުލަ ލުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި ޑިމޮކްރެޓްސް ޕާޓީއަށް ފޯމު ފުރަން މޭޒެއް ބަހައްޓައިގެން އެ މަސައްކަތް ވެސް ވަނީ ފަށާފައެވެ.

ހަރުގޭގައި ޑިމޮކްރެޓުންގެ ޖަގަހައެއް ހުޅުވުމުގެ މަސައްކަތް ފެށި ނަމަވެސް، ހަރުގެ ބޭރުގައި ހުންނަވާ ޝަފިއްޔާ ނޫސްވެރިންނަށް ވިދާޅުވީ، އެތަން ޑިމޮކްރެޓްސް ޕާޓީއަށް ނުދޭ ކަމަށެވެ. އޭނާ ވިދާޅުވީ، އޭނާ އެތަން ކުއްޔަށް ދިނީ އަމިއްލަ ވިޔަފާރިވެރިއަކަށް ކަމަށެވެ.

އެމްޑީޕީން ވަނީ މިތަން ހުސްކުރަން އެންގި މައްސަލަ ކޯޓަށް ވައްދާފައެވެ.

comment ކޮމެންޓް