ނާޒިމްގެ ކެމްޕޭން މެނޭޖަރަކަށް ފަޔާޒު، ތަރުޖަމާނަކަށް އުޝާމް ހަމަޖައްސައިފި

މުޙައްމަދު ފަޔާޒް (އެފްއޭ) (ކ) ކާނަލް ނާޒިމް (މ) އަދި އުޝާމް (ވ) -- ފޮޓޯ/ އެމްއެންޕީ

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓުގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމު (ކާނަލް ނާޒިމް)ގެ ކެމްޕެއިން މެނޭޖަރަކާއި ތަރުޖަމާނަކު މިއަދު ހަމަޖައްސައިފިއެވެ.

އެމްއެންޕީ އިން ބުނި ގޮތުގައި މެނޭޖަރަކަށް ހަމަޖެއްސީ މުޙައްމަދު ފަޔާޒް (އެފްއޭ)އެވެ. އަދި ތަރުޖަމާނަކަށް ހަމަޖެއްސީ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމެވެ.

ނާޒިމްގެ ކެމްޕެއިން މެނޭޖަރަކަށް އައްޔަން ކުރި، އެ މަނިކުފާނުގެ ގާތް އެކުވެރިއެއްކަމުގައިވާ، ފަޔާޒަކީ ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމުގެ ފުރުއްވާފައިވާ ބޭފުކެވެ. އޭގެ އިތުރުން ފަޔާޒު ވަނީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާއި ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރުކަމާއި ޖޭޕީގެ ޑެޕިއުޓީ ލީޑަރުކަން ވެސް ކުރައްވާފައެވެ.

ނާޒިމްގެ ތަރުޖަމާނަކަށް ހަމަޖެއްސި މެމްބަރު އުޝާމަކީ ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލްކަން ކުރެއްވި ބޭފުކެވެ. އަދި އޭނާއަކީ ނާޒިމަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެއް ވެސް މެއެވެ.

https://sun.mv/177948

ނާޒިމަށް އެމްއެންޕީގެ ރިޔާސީ ޓިކެޓް ރަސްމީކޮށް އަރުވާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ އާޓިފިޝަން ބީޗު ސަރަހައްދުގައި ބޭއްވި ޖަލްސާއެއްގައެވެ. ހަމަ އެރޭ ވަނީ ނާޒިމްގެ ކެންޕެއިން ރަސްމީކޮށް ލޯންޗްކޮށްފައެވެ.

comment ކޮމެންޓް