ބޮޑު މުސާރައިގައި އެމްއެމްއޭއަށް 5 އެމްޑީން ހޯދާތީ އެމްއެންޕީން ކަންބޮޑުވެއްޖެ

އެމްއެންޕީގެ ކޮންގްރެސްގެ ތެރެއިން --- ސަންފޮޓޯ/ ނާއިލް ހުސެން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އޮނިގަނޑަށް ބަދަލުގެނެސް، މެނޭޖިން ޑިރެކްޓަރުން އައްޔަނު ކުރާތީ، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެމްއެމްއޭގެ އޮނިގަނޑު ބަދަލުކޮށް، އެ އިދާރާއަށް ފަސް މެނޭޖިން ޑިރެކްޓަރުން ހޯދުމަށް އިއުލާން ކުރީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.

އެމްއެމްއޭއިން މެނޭޖިން ޑިރެކްޓަރުން އައްޔަންކުރުމަށް އިއުލާނުކޮށްފައިވާ ފަސް ދާއިރާ އަކީ:

  • މަނިޓަރީ ޕޮލިސީ، ރިސާޗް އެންޑް ސްޓެޓިސްޓިކްސް
  • ފައިނޭންޝަލް ސްޓެބިލިޓީ
  • ބޭންކިން އޮޕަރޭޝަންސް
  • ކޯޕޮރޭޓް ސާވިސަސް
  • ފައިނޭންޝަލް ސެކްޓާ ޑިވަލަޕްމަންޓް

އެ އޮތޯރިޓީން އިއުލާނުކޮށްފައިވާ މި މަގާމުގެ މުއްދަތަކީ ފަސް އަހަރުގެ ދެ ދައުރެކެވެ. އަދި އިއުލާން ކޮށްފައިވާ ފަސް މަގާމުގެ މުސާރައާ އިނާޔަތްތަކަކީ 50،000 ރުފިޔާއާ 55،000 ރުފިޔާއާ ދެމެދުގެ އަދަދެއް ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

https://sun.mv/195258

މި ކަމާ ގުޅިގެން ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމް އެކްސްގައި ވިދާޅުވީ މި އިގުތިސާދީ ދަތިކަމުގެ ތެރޭގައި އެމްއެމްއޭއަށް ފަސް އެމްޑީން އައްޔަން ކުރުމަކީ، ދައުލަތުން އުފުލަންޖެހޭ އިތުރު މާލީީ ބުރައެއް ކަމަށެވެ.

އެހެންކަމުން ޚަރަދު ކުޑަ ކުރުމަށް ޓަކައި ލީޑަރޝިޕްގެ ސްޓްރަކްޗާ ހަރުދަނާކުރުމަށް އެމްއެމްއޭގެ ގަވަރުނަރަށް އޭނާ ވަނީ އިލްތިމާސް ކުރައްވައިފައެވެ.

ޒަމާނީ ސެންޓްރަލް ބޭންކަކަށް އެމްއެމްއޭ ހެދުމަށް އެ އޮތޯރެޓީގެ އޮނިގަނޑަށް ބަދަލް ގެނައުމަށް ނިންމެވީ އެ އޮތޯރެޓީއަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވި އައު ގަވަރުނަރު އަހުމަދު މުނައްވަރެވެ.

comment ކޮމެންޓް