ސްޓެލްކޯއިން ފޯރުކޮށްދޭ ކަރަންޓު ޚިދުމަތުގެ ބިލުގައި ވެމްކޯއިން ފޯރުކޮށްދޭ ކުނި އުކައިދިނުމުގެ ޚިދުމަތުގެ ފީ ހިމަނަން ދެ ކުންފުނިން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
ވެމްކޯގެ ކުނި މެނޭޖުކުރުމުގެ ފީ ސްޓެލްކޯގެ ކަރަންޓު ބިލުގެ ތެރޭގައި ހިމަނަން ވެވުނު އެއްބަސްވުމާ ގުޅިގެން، އަންނަ ޖޫން މަހުން ފެށިގެން ގޭބިސީތަކުގެ ކަރަންޓު ބިލުގައި ކުނި ފީ ހިމެނޭނެއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ، މީގެ ކުރިން އޭޕްރިލް މަހުގެ ކަރަންޓު ބިލުގައި ކުނި އުކުމުގެ ފީ ހިމެނުމަށް ނިންމި ނަމަވެސް ބައެއް ކަންކަން ދިމާވި ގޮތުން އެކަން އެގޮތަށް ނުކުރެވުނު ކަމަށެވެ.
އޭގެ އިތުރުން ޝަރީފް ވިދާޅުވީ ވެމްކޯގެ ބިލް ސްޓެލްކޯގެ ކަރަންޓު ބިލު ތެރޭގައި ހިމެނުމުން އެކަމަށް އެ ކުންފުނިން ކުރަންޖެހޭ އިދާރީ ކަންކަމުގެ ބަދަލެއްގެ ގޮތުން ކޮންމެ މަހެއްގެ ބިލުން 2.50 ރުފިޔާ ނަގަމުން ދާނޭ ކަމަށެވެ.
މިކަމާ ގުޅޭގޮތުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރ ޔޫސުފް ސިރާޖް ވިދާޅުވީ، މިކަން ކުރެވުނީ ކަސްޓަމަރުންނަށް ކުނި ފީ ދެއްކުމަށް ފަސޭހަ ގޮތެއް ހޯދައި ދިނުމަށް ކަމަށެވެ. އަދި ކަސްޓަމަރުން ބިލު ނުދައްކަނީ ދައްކަންޖެހޭ އެއްޗެއް ބޮޑުވެގެން ނޫން ކަމަށް ޤަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސިރާޖު ވިދާޅުވި ގޮތުގައި ސްޓެލްކޯގެ ކަރަންޓް ބިލުގައި ކުނި ފީ ހިމެނި ނަމަވެސް، މިހާތަނަށް ކުނި ފީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ވެމްކޯގައި ރެކޯޑް ކުރެވިފައި ހުންނާނެއެވެ. އޭނާ ވިދާޅުވީ ނުދައްކާހުރި ކުނި ފީ ގެ މައްސަލައިގައި ވެމްކޯއިން ފަހުން ގޮތެއް ނިންމާނެ ކަމަށެވެ.
ވެމްކޯއިން ދެމުންދާ ކުނި މެނޭޖުކުރުމުގެ ޚިދުމަތަށް ގޭބިސީތަކުން ކުނި އުކާލަން ނަގަނީ 150 ރުފިޔާއެވެ. ނަމަވެސް މިކަމަށް 350 ރުފިޔާ ޙަރަދުވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ކަރަންޓު ބިލުގެ ތެރޭގައި ކުނި ފީ ހިމަނަން ނިންމި އެންމެ މައިގަނޑު ސަބަބަކީ ވެމްކޯގެ ޚިދުމަތަށް ގޭބިސީތަކުން ފައިސާ ނުދެއްކުމެވެ.