ކުނި ނަގަން، ގެއަކަށް 350 ރުފިޔާ ޚަރަދުވޭ: ވެމްކޯ

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު --- ސަންފޮޓޯ/ މުޙައްމަދު ޙައްޔާން

ވެމްކޯއިން ދެމުންދާ ކުނި މެނޭޖުކުރުމުގެ ޚިދުމަތަށް ކޮންމެ ގޭބީސީއަކަށް ޚަރަދުގެ ގޮތުގައި 350 ރުފިޔާ މިހާރު ޖެހޭ ކަމަށާއި، އެކަމަކު ވެސް މިހާރު ވެމްކޯ އިން އެ ޚިދުމަތް ދެމުންދާ އަގަށް ބަދަލެއް ނުގެންނާނެ ކަމަށް ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޑިރެކްޓަރު ޔޫސުފް ސިރާޖް ވިދާޅުވެއްޖެއެވެ.

ވެމްކޯގެ ބިލު، ސްޓެލްކޯގެ ކަރަންޓު ބިލާ އެކު ވުމާ ބެހޭ މައުލޫމާތު ނޫސްވެރިންނަށް ދިނުމަށް ބޭއްވި މައުލޫމާތު ސެޝަންގައި ވާހަކަދައްކަވަމުން ސިރާޖު ވިދާޅުވީ މިހާރު ވެމްކޯއިން ދެމުންދާ ޚިދުމަތް ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑަށް ތަފާތު ކަމަށާއި، މިހާރު ވެމްކޯއިން ނަގާ އަގަކީ 2016ވަނަ އަހަރު ނަގަން ފެށި އަގެއް ކަމަށެވެ.

މިހާރު ވެމްކޯގެ ޚިދުމަތްތަށް ކުރިއަށް ގެންދާ ގޮތަށް ބަލާއިރު، ކުނި ތިލަފުށްޓަށް ގެންދިޔުމަށް ފަހު ޖުމްލަ ތިން ގޮތެއް އެ ކުންޏަށް ހަދައެވެ. އޭގެ ތެރޭގައި ހިމެނެނީ:

1. ކުނި ސެގްރިގޭޓް ކުރުން.
2. ޝްރެޑާ މެޝިނުގެ އެހީގައި ކުނި ކުދިކުރުން
3. ބޭލާ މެޝިނުގެ އެހީގައި ކުނި ރެޕްކޮށް ރައްކާތެރިކަމާ އެކު ބެހެއްޓުން

މި ހުރިހާ ކަމަކާ އެކު ވެސް، ވެމްކޯ އަދި ސަރުކާރުގެ އަމާޒަކީ އާންމުންނަށް ދެމުންދާ މި ޚިދުމަތުގެ އަގު ބޮޑު ނުކުރުން ކަމަށް ސިރާޖު ވިދާޅުވިއެވެ.

ވެމްކޯގެ ބިލާ ބެހޭ މައުލޫމާތު ދެއްވަމުން ސިރާޖު އިތުރަށް ވިދާޅުވީ ދެ ބިލް އެއްވުމާ އެކު، މީގެ ފަހުން ވެމްކޯގެ ބިލްތައް އާންމުންނަށް ލިބޭނީ ސްޓެލްކޯގެ ބިލިން ސައިކަލްއާ އެއްގޮތަށްކަމަށެވެ. އެގޮތުން ދެން ވެމްކޯއިން ފޮނުވާ ބިލުގައި އޭޕްރީލް މަހުގެ ބައެއް ހިމެނޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑަށް ގަބޫލު ކުރެވޭނީ ދެން އަޅުގަނޑުމެންނަށް ބިލު ކުރެވޭނީ އޭޕްރިލް މަހުގެ 20 އިން ފެށިގެން މޭ މަހުގެ 20 އާ ހަމައަށޭ، އެހެން ނޫނީ އެ ދޭތެރޭގައި ސްޓެލްކޯއިން ބިލް ތައްޔާރު ކުރާ ގޮތަކަށް،" ސިރާޖު ވިދާޅުވިއެވެ.

"މިސާލަކަށް ސްޓެލްކޯގެ ބިލަކީ 28 ދުވަހުގެ ބިލެއް ކަމަށް ވާނަމަ، ޢާންމުންނަށް ލިބޭނީ 28 ދުވަހުގެ ބިލެއް." ސިރާޖު ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ އޭގެ ސަބަބުން ޢާންމު މީހާގެ އަތުން އިތުރު ޙަރަދެއް ނުދާނެ ކަމަށާއި، ގެއްލޭނެ ނަމަ ގެއްލޭނީ ވެސް ވެމްކޯގެ ޢާމްދަނީ އިން ބައެއް ކަމަށެވެ. އެގޮތުން ގާތްގަޑަކަށް 20 ދުވަހުގެ ޢާމްދަނީ ވެމްކޯއަށް ގެއްލުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސިރާޖު އިތުރަށް ވިދާޅުވީ މި ބަދަލާ އެކު މީގެ ފަހުން އާންމުންގެ އަތުން ބިލް ޗާޖު ވެސް ކުރާނީ ކަރަންޓް ބޭނުންކުރާ ވަރު 34 ޔުނިޓަށް ވުރެ އިތުރުވާ ނަމަ ކަމަށެވެ. އެގޮތުން އެ ރޭޓަކީ ސްޓެލްކޯ އިން މިންކުރުމުގައި ކަނޑައަޅާފައިވާ ރޭޓެއް ކަން ފާހަގަ ކުރައްވަމުން ސިރާޖު ވިދާޅުވީ އެ ރޭޓަށް ވުރެ ދަށް ވާނަމަ، އެ މަހަކަށް ވެމްކޯގެ ބިލު ކަރަންޓު ބިލުގައި ނުހިމެނޭނެ ކަމަށެވެ.

"ސްޓެލްކޯއިން ކަނޑައަޅާފައި އިންނަ އަދަދަކީ 34 ޔުނިޓް. އެއީ މިން ކުރުމަށްޓަކައި ބަލާ މިންގަނޑެއް. 34 ޔުނިޓް ނާރާ ކަމަށް ވާނަމަ އެ ގެއަކަށް ޗާޖެއް ނުކުރާނެ އެ މަހަކު. 34 ޔުނިޓުން މައްޗަށް އަރައިފިއްޔާ ވެމްކޯގެ ބިލު އަންނާނެ." ސިރާޖް ވިދާޅުވިއެވެ.

comment ކޮމެންޓް