500،000ރ. ލިބޭ ބީއެމްއެލްގެ ސްޓާޓްއަޕް ގްރާންޓަށް ހުށަހަޅަން ހުޅުވާލައިފި

ބީއެމްއެލް އިމާރާތް

އަލަށް ވިޔަފާރިއެއް ފެށުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް 500،000 ރުފިޔާއާ ހަމައަށް ފައިސާގެ އެހީ ލިބޭ ބީއެމްއެލްގެ ސްޓާޓްއަޕް ގްރާންޓަށް އެދު ހުށަހެޅުމުގެ ފުރުސަތު އެ ބޭންކުން މިއަދު ހުޅުވާލައިފިއެވެ.

ސްޓާޓަޕް ގްރާންޓަކީ އުފެދެމުން އަންނަ ވިޔަފާރިވެރިންނަށް ރާއްޖޭގައި އަލަށް ވިޔަފާރިއެއް ފެށުމަށް ނުވަތަ ހިންގަމުންދާ ވިޔަފާރިއެއް ކުރިއެރުވުމަށް އަމާޒުކޮށް ޤައުމީ ބޭންކުން ދޫކުރާ ހިލޭ އެހީއެކެވެ.

ބީއެމްއެލް އިން ވަނީ މި އަހަރު ވެސް ކޮންމެ ވެސް ދެ ވިޔަފާރިއެއް ހޮވައި، ކޮންމެ ވިޔަފާރިއަކަށް 500،000 ރުފިޔާ އާއި އެ ވިޔަފާރި ހިންގުމަށް ބޭނުންވާނެ މާލީ އިރުޝާދުތައް ބީއެމްއެލް އިން ފޯރުކޮށްދޭން ވަނީ ހަމަޖެހިފައެވެ.

ބީއެމްއެލް އިން ދޫކުރާ ސްޓާޓަޕް ގްރާންޓަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ ޖުލައި މަހުގެ ދެވަނަ ދުވަހެވެ. ބޭންކުން ދޫކުރާ މި ފަންޑު ކާމިޔާބުކުރާ ފަރާތް ހޮވުމަށް ހަމަޖެހިފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެން ހަދާ އިވެލުއޭޝަނަކަށް ފަހުއެވެ.

މިގޮތުން ފުރަތަމަ މަރުހަލާގައި ބިޒްނަސް ޕްލޭންތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ ފާހަގަކޮށްލެވޭ ފަރާތްތައް ހޮވައި ޝޯޓުލިސްޓް ކުރެވޭއިރު، ދެވަނަ މަރުހަލާގައި ޝޯޓްލިސްޓްވި ފަރާތްތަކުން އެ ފަރާތްތަކުގެ ވިޔަފާރިއާ ގުޅޭ ޕްރެޒެންޓޭޝަން އިވެލުއޭޝަން ކޮމިޓީއަށް ހުށަހަޅަން ޖެހޭނެއެވެ.

https://www.sun.mv/161092

ބީއެމްއެލް އިން ސްޓާޓަޕް ގްރާންޓް ތައާރަފްކޮށްފައިވަނީ އެ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ހިންގުނު މުޖުތަމައުއަށް ފައިދާހުރި 12 ހަރަކާތުގެ ތެރެއިންނެވެ. ބީއެމްއެލް އިން ވަނީ މިދިޔަ އަހަރު 4 ވިޔަފާރިއަކަށް މި އެހީ ފޯރުކޮށްދީފައެވެ.

comment ކޮމެންޓް