ވިދިވިދިގެން ތިން ބިލު ނުދައްކައިފިނަމަ ކުނި އުކައިދިނުން ހުއްޓާލެވޭ އުސޫލެއް

ހުޅުމާލޭގައި ޖަމާކޮށްފައި ހުރި ކުނިތަކެއް-- ސަން ފޮޓޯ

ވިދިވިދިގެން ތިން ބިލު ނުދައްކައިފިނަމަ، ކުނި މެނޭޖުކުރުމުގެ ޚިދުމަތް، މެދުކަނޑާލުމުގެ ފުރުސަތު، އެ ޚިދުމަތްދޭ ފަރާތަށް ލިބޭ ގޮތަށް ކުނި މެނޭޖުކުރުމުގެ ޚިދުމަތަށް ރަޖިސްޓަރީކުރުމާއި ބިލުކުރުމާބެހޭ ޤަވާއިދު މިއަދު އާންމު ކޮށްފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ މި ޤަވާއިދަކީ، ކުނި އުކައިދިނުމުގެ ޚިދުމަަތް ފޯރުކޮށްދޭ ފަރާތްތަކުން ފީ ނެގުމާއި، އާންމު ބޭނުންތަކުގެ ޚިދުމަތެއްގެ ގޮތުގައި ފޯރުކޮށްދޭ އެހެން ޚިދުމަތެއްގެ ބިލުގައި ހިމަނައިގެން އަގު ނެގުމުގެ އިޖުރާއަތުތަކާއި، އެ ޚިދުމަތަށް ރަޖިސްޓަރީކުރުމުގައި ޢަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކުރުމަށް ޓަކައި، ކުނި މެނޭޖުކުރުމުގެ ޤާނޫނު ދަށުން އެކުލަވައިލައިފައިވާ ޤަވާއިދެކެވެ.

މި ގަވާއިދުގައި އެކުލަވާލުމުގެ މަޤުސަދުތަކުގެ ތެރޭގައި ބިލިންގް ސައިކަލް ކަނޑައެޅުމާއި، ޚިދުމަތަށް ރަޖިސްޓަރީ ކުރުމާއި، ބިލު ދެއްކުމުގައި އެ ގަވާއިދާ ޚިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ގޮތްތަކެއް ކަނޑައެޅުން ހިމެނެއެވެ.

މި ގަވާއިދު ތަންފީޒު ކުރާނީ، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ނުވަތަ އެ އޮތޯރިޓީން ކަނޑައަޅާ ފަރާތަކުންނެވެ. ކުނި މެނޭޖުކުރުމުގެ ޚިދުމަތަށް ރަޖިސްޓަރީކުރުމާއި ބިލުކުރުމާބެހޭ ޤަވާއިދުގައިވާ ގޮތުގައި:

  • ކުނި މެނޭޖުކުރުމުގެ ފީގެ ގޮތުގައި ކުނި މެނޭޖުކުރުމުގެ ޚިދުމަތްދޭ ފަރާތަށް ދައްކަންޖެހޭ އެންމެހައި ފައިސާއެއް ދެއްކުމަށް ޒިންމާވާނީ، އެ ޚިދުމަތަށް ރަޖިސްޓަރީ ކޮށްފައިވާ ނުވަތަ ރަޖިސްޓަރީވެފައިވާ ފަރާތުން
  • ކޮންމެ ބިލިންގް ސައިކަލްއެއް ނިމޭތާ ހަތް ދުވަހުގެ ތެރޭގައި އެ މަހަކަށްވާ ބިލު ފޮނުވަން ޖެހޭ
  • ބިލު ދެއްކުމަށް ޓަކައި 30 ދުވަހުގެ މުއްދަތެއް ދިނުން އަދި އެ މުއްދަތުގައި ބިލު ބިލު ނުދައްކައިފިނަމަ، ހަތް ދުވަހުގެ ދުވަހުގެ ނޯޓިހެއް ދޭން ޖެހޭ
  • ނޯޓިހަށް ފަހު ބިލު ނުދައްކައިފިނަމަ ގަވާއިދުގެ ދަށުން އެ ފަރާތް އެ މަހަކު ފަސް ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިޚުތިޔާރު، ބިލުކުރާ ފަރާތަށް ލިބޭ
  • ވިދިވިދިގެން ތިން ބިލަށް ފައިސާ ނުދައްކައިފިނަމަ، ކުނި މެނޭޖުކުރުމުގެ ޚިދުމަތް މެދުކަނޑައިލުމުގެ އިޚުތިޔާރު، ކުނި މެނޭޖުކުރުމުގެ ޚިދުމަތްދޭ ފަރާތަށް ލިބޭ

މެދުކަނޑާލާފައިވާ ޚިދުމަތް އަލުން ފޯރުކޮށްދިނުމުގައި، ނުދައްކައި ހުރި ބިލުތަކުގެ ފައިސާއާއެކު ޚިދުމަތް އަލުން ފޯރުކޮށްދޭން 50 ރުފިޔާގެ ފީއެއް ނެގުމުގެ އިޚްތިޔާރު، ކުނި މެނޭޖުކުރުމުގެ ޚިދުމަތްދޭ ފަރާތަށް ލިބޭ ކަމަށް ވެސް ޤަވާއިދުގައިވެއެވެ.

https://sun.mv/178019

އެންވަޔަރަމަންޓް މިނިސްޓްރީން މި ޤަވާއިދު މިއަދު އާންމުކުރިއިރު، ކުނި އުކައިދިނުމުގެ ޚިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ ކުންފުނި ވެމްކޯ އާއި ކަރަންޓު ކުންފުނި ސްޓެލްކޯއިން ވަނީ ކަރަންޓު ބިލުގައި ކުނި އުކައިދިނުމުގެ ފީ ހިމަނަން އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން އަންނަ ޖުލައި މަހުން ފެށިގެން ވެމްކޯގެ ފީ ހިމެނޭނީ ކަރަންޓު ބިލުގައެވެ.

comment ކޮމެންޓް