ސިނަމާލެ ފްލެޓުތައް ތަޅައިލާނީ އާއިލާތައް ދިރިއުޅޭނެ ތަނެއް އިމާރާތްކޮށްދީފައި: ސިޓީ ކައުންސިލް

ސިނަމާލެ ފްލެޓް: އެ ފްލެޓްތައް ތަޅާލަން ވަނީ ނިންމާފައި-- ސަން ފޮޓޯ: މުޙައްމަދު ޝާތިއު އަބްދުﷲ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދައުރުގައި ޗައިނާ ސަރުކާރުގެ އެހީގައި އިމާރާތްކުރި ސިނަމާލެ ފްލެޓްތައް ތަޅައިލާނީ، އެތަނުގައި މިހާރު ދިރިއުޅޭ އާއިލާތައް އުޅެން، އާ ތަނެއް އިމާރާތްކުރުމަށް ފަހު ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

ސިނަމާލެ ފްލެޓްތައް ތަޅައިލައި އެ ތަންތަން އަލުން އިމާރާތް ކޮށްދޭނެ އިންވެސްޓަރުން ހޯދަން މާލެ ސިޓީ ކައުންސިލުން ނިންމީ، މިދިޔަ ބުދަ ދުވަހު ބޭއްވި އެ ކައުންސިލުގެ ހަތަރު ވަނަ ދައުރުގެ 103 ވަނަ ރަސްމީ އާއްމު ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި 12 މެންބަރުންގެ އިއްތިފާގުންނެވެ.

އެގޮތުން ކައުންސިލުން ނިންމީ، "ސިނަމާލެ ރީ-ޑިވެލޮޕްމެންޓް ޕްރޮޖެކްޓް" ޕްލޭންގެ ދަށުން، މިހާރު އެ ފްލެޓްތައް އިމާރާތް ކޮށްފައިވާ ސަރަހައްދު މުޅިން އާ ޕްރޮޖެކްޓެއްގެ ދަށުން ތަރައްގީ ކުރާ ގޮތަށެވެ.

https://sun.mv/177874

އެކަމާ ގުޅިގެން މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު "ސަން"އަށް ވިދާޅުވީ، ސިނަމާލެ ފްލެޓުތައް ތަޅައިލާނީ އެތަނުގައި މިހާރު އުޅޭ އާއިލާތައް ދިރިއުޅުމަށް އާ ތަނެއް އިމާރާތް ކޮށް، އެތަނަށް އެމީހުން ބަދަލުކުރުމަށް ފަހު ކަމަށެވެ.

"ސިނަމާލެ 1،2،3 އަދި މާލޭ ހިޔާ 1 އަދި 2 ގަ މިހާރު އުޅޭ އާއިލާތައް އެއްކޮށް ބަދަލުކުރާނެ އަލަށް އިމާރާތްކުރާ ތަނަށް. އެތަން އިމާރާތްކޮށްފަ، ތަޅުދަނޑިވެސް ހަވާލުކޮށްފަ މިހާރު އިމާރާތްތައް ތަޅައިލާނީ،" އޭނާ ވިދާޅުވިއެވެ.

ސިނަމާލެ ފްލެޓް: އެ ފްލެޓްތައް ތަޅާލަން ވަނީ ނިންމާފައި-- ސަން ފޮޓޯ: މުޙައްމަދު ޝާތިއު އަބްދުﷲ

މޭޔަރު ވިދާޅުވި ގޮތުގައި މިހާރު ތަޅައިލަން ނިންމާފައިވާ ފަސް އިމާރާތުގައި ޖުމުލަ އުޅެނީ 128 އާއިލާއެވެ. އެ ހުރިހާ އާއިލާއަށް ވެސް ވަދެވޭ ގޮތަށް 15 ފަންގިފިލާ ނުވަތަ އެއަށްވުރެ ބޮޑު އިމާރާތެއް އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު އެ އާއިލާތައް އުޅޭ އެޕާޓްމެންޓަށްވުރެ އަލަށް އަޅާތަނުގެ ޖާގަވެސް ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މޭޔަރު ވިދާޅުވީ، އާ އިމާރާތް އާޅާނެ ސީދާ ވަކި ތަނެއް އަދި ނިންމާފައިނުވާ ކަމަށާއި، އެ އިމާރާތް އަޅާނީ ސިޓީ ކައުންސިލުގެ ބިމެއްގައި ކަމަށެވެ.

މޭޔަރު ވިދާޅުވީ އަލަށް އަޅާ އިމާރާތް ހުންނަ ސަރަހައްދުގައި ޕާކިން ޒޯނެއް ވެސް ހަދާނެ ކަމަށެވެ. އަދި ސިނަމާލޭ ފްލެޓުތައް ތަޅާލައި، އެ ކައުންސިލުގެ ޕްލޭނުގައިވާ ގޮތުގެ މަތިން އެތަނުގައިވެސް ފްލެޓު އެޅާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.

"ސިނަމާލެ ރީ-ޑިވެލޮޕްމެންޓް ޕްރޮޖެކްޓް" ޕްލޭންގެ ދަށުން، ދެ މަރުހަލާއަކަށް ބަހާލައިގެން 1،500 އެޕާޓްމެންޓް އިމާރާތް ކުރާނެއެވެ.

އޭގެ ތެރޭގައި ދެ ކޮޓަރީގެ އެޕާޓްމެންޓާއި ތިން ކޮޓަރީގެ އެޕާޓްމެންޓާއި ހަތަރު ކޮޓަރީގެ އެޕާޓްމެންޓްތައް އިމާރާތް ކުރަން ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެޕާޓްމެންޓްގެ ސައިޒަކީ 800 އާއި 1،300 އަކަ ފޫޓު ކަމަށްވާއިރު، ކޮންމެ ކޮޓަރިއެއްގައި ފާޚާނާ ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިހާރު ހުރި ސިނަމާލެ ފްލެޓުތަކަށް މިހާރު 30 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އެ ފްލެޓުތައް އިމާރާތްކުރިއިރު ހުރީ 128 އެޕާޓްމެންޓެވެ.

comment ކޮމެންޓް