މާލެއިން ގޯތި ދިނުމުގައި ބަލާ ރަށްވެހިކަމުގެ 5 އަހަރުގެ މުއްދަތު ކުރުކުރެވޭތޯ ބަލާނަން، އުވާވެސް ލެވިދާނެ: ރައީސް

ރައީސް މުއިއްޒު ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުން: ވިދާޅުވީ މާލެއިން ގޯތި ދިނުމުގައި ބަލާ ރަށްވެހިކަމުގެ 5 އަހަރުގެ މުއްދަތު ކުރުކުރެވޭތޯ ބަލާނެ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

މާލެއިން ގޯތި ދޫކުރުމުގައި ބަލާ، ފަސް އަހަރަށް ވުރެ ގިނަ ދުވަހު މާލޭގެ ރަށްވެއްސަކަށް ވާންޖެހޭ ކަމަށް ކަނޑައަޅާފައި އޮތް ޝަރުތު އަލުން މުރާޖައާކޮށް، އެ މުއްދަތު ކުރުކުރެވޭތޯ ބައްލަވާނެ ކަމަށާއި އަދި އެ މުއްދަތު އުވާ ވެސް ލެވިދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު، ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ އޮތް ބައްދަލުވުމުގައި އާންމުންގެ ތެރެއިން މީހަކު ވަނީ ގޯތި ދޫކުރުމުގައި ބަލާ، ފަސް އަހަރަށް ވުރެ ގިނަ ދުވަހު މާލޭގެ ރަށްވެއްސަކަށް ވާންޖެހޭ ކަމަށް ކަނޑައަޅާފައި އޮތް ޝަރުތާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.

އޭނާ ބުނި ގޮތުގައި އޭނާގެ އެއްބަނޑުއެއްބަފާ ހަ ބެއިން ފެށުނީއްސުރެ ދިރިއުޅެމުން އައީ މާލޭގައެވެ، ނަމަވެސް، އެ ގެ ބަހައިގެން އެއްވެސް ތަންކޮޅެއް މަންމައަށް ނުލިބުމުން ރަށްވެހިކަން އައްޑުއަށް ބަދަލުކުރި ފަހުން ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުން އެއްވެސް ކުއްޖަކަށް ގޯއްޗަށް ކުރިމަތިނުލެވުނުކަން އޭނާ ފާހަގަކުރިއެވެ.

އެފަހުން 2022 ވަނަ އަހަރު މާލެއަށް އަލުން ރަށްވެހިކަން ބަދަލުކުރި ނަމަވެސް މި ސަރުކާރުން މިދިޔަ މަހު އިއުލާނުކުރި ގޯތީގެ ސްކީމަށް ޝަރުތު ހަމަނުވަނީ ފަސް އަހަރަށް ވުރެ ގިނަ ދުވަހު މާލޭގެ ރަށްވެއްސަކަށް ވާންޖެހޭ ކަމަށް ކަނޑައަޅާފައި އޮތް ޝަރުތާ ހެދިކަން އޭނާ ފާހަގަކުރިއެވެ.

އެ ކަންބޮޑުވުމަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވިސްނާނެ ކަމަށެވެ.

"ވިސްނައި އެއަށް ގެނެވޭނެ އެންމެ ބޮޑު ލުޔެއް ގެނެސްދޭނަން. އެ މުއްދަތު ކުރުކޮށްދެވޭނެ އެންމެ ބޮޑަކަށް. އެ ހަމަ އެއްކޮށް އުވާ ވެސް ލެވިދާނެ. އެހެންވީމަ، އަޅުގަނޑުމެން ބަލާނަން އެއަށް ގެނެވޭނެ ބަދަލަކީ ކޮބައިތޯ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގައި ގޯތި ދިނުމަށް މާލޭ ރަށްވެހިންގެ ކެޓަގަރީއާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންގެ ކެޓަގަރީ އޮތީ ހިމަނައިފައެވެ. އެގޮތުން އެ ސްކީމަށް ލާ މާލޭގައި ދިރިއުޅޭ އެހެން މީހުންނަކީ 15 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ބަޔަކަށް ވާންޖެހޭނެއެވެ. އަދި މާލޭ ރަށްވެހިންގެ ޝަރުތުތަކުގެ ތެރޭގައި ފަސް އަހަރަށް ވުރެ ގިނަ ދުވަހު މާލޭގެ ރަށްވެއްސަކަށް ވާންޖެހޭ ކަމަށް ކަނޑައަޅާފައި އެބައޮތެވެ.

comment ކޮމެންޓް