އެސްއެސްޓީވީގެ ޙައްޤުލް ޔަޤީން ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުން އަންގާރަ ދުވަހު

އެސްއެސްޓީވީގެ ޙައްޤުލް ޔަޤީން ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުން މާދަމާ ---

މިދިޔަ ރަމަޟާން މަހަށް ޚާއްސަކޮށްގެން އެސްއެސްޓީވީއިން ބޭއްވި ޙައްޤުލް ޔަޤީން ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުން އަންނަ އަންގާރަ ދުވަހު ބާއްވަން ނިންމައިފިއެވެ.

ޙައްޤުލް ޔަޤީން ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ އަންގާރަ ދުވަހުގެ ހަވީރު 16:30ގައެވެ.

މި ޤުރުއާން މުބާރާތަކީ ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް 13 އަހަރުން ދަށުގެ ކުދިންނަށް ބައިވެރިވެވޭ ގޮތަށް ވާޗުއަލްކޮށް ކުރިއަށް ގެންދިޔަ މުބާރާތަކެވެ. އެގޮތުން އެސްއެމްއެސް އެއް ފޮނުވައިގެން ހަތް އަހަރުން ދަށާއި ނުވަ އަހަރުން ދަށާއި 11 އަހަރުން ދަށުގެ އުމުރު ފުރާގެ އިތުރުން 13 އަހަރުން ދަށުގެ އުމުރުފުރާއަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

މުބާރާތް ކުރިއަށް ގެންދިޔައީ، ބައިވެރިންނަށް ފަރިތަ ހިސާބަކުން ޤުރުއާން ކިޔަވައި މުބާރާތަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިގެންނެވެ.

މުބާރާތުގައި 700އަށް ވުރެ ގިނަ ކުދިން ބައިވެރިވިއިރު، ކިޔެވުމުގެ ރިކޯޑިން ފޮނުވާފައި ވަނީ 394 ބައިވެރިންނެވެ.

ކޮންމެ އުމުރުފުރާއަކުން ވެސް ގަދަ ފަސް ބައިވެރިން ހޮވާއިރު އެ ބައިވެރިންނަށް ސެޓިފިކެޓު ދޭނެއެވެ. އަދި ކޮންމެ އުމުރުފުރާއަކުން އެއްވަނައަށް އަންނަ ބައިވެރިއަކަށް ޓްރޮޕީ ދޭނެއެވެ. މުޅި މުބާރާތުން ގަދަ ފަސް ބައިވެރިން ހޮވާއިރު މުޅި މުބާރާތުން އެއްވަނައަށް ދާ ކުއްޖަކަށް 25،000 ރުފިޔާ، ދެވަނައަށް ދާ ކުއްޖަކަށް 15،000 ރުފިޔާ އަދި ތިންވަނައަށް ދާ ކުއްޖަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭނެއެވެ.

މިދިޔަ ރަމަޟާން މަހުގެ ކޮންމެ ދުވަހަކު މެންދުރުފަހު 1:00 އިން 2:00 އަށް މުބާރާތުގެ ރިކޯޑިންތައް އެސްއެސްޓީވީންނާއި އެސްއެސްޓީވީގެ ފޭސްބުކް ޕޭޖުން ވަނީ ދައްކައިފައެވެ. އަދި ކޮންމެ ދުވަހަކު ވެސް، ކުރިއަށް އޮތް ދުވަހު، ކިޔެވުން ދައްކާނެ ކުދިންގެ ނަންތައް އެސްއެސްޓީވީގެ ފޭސްބުކް ޕޭޖުގައި ވަނީ ޝާއިއު ކޮށްފައެވެ.

މުބާރާތުގެ ފަނޑިޔާރުންގެ ގޮތުގައި ހަރަކާތްތެރިވީ، އަލްޤާރީ އަބްދުﷲ ވަހީދާއި އަލްޤާރިޔާ އާބިދާ ހުސައިންގެ އިތުރުން އަލްޤާރިޔާ އާމިނަތު ޒައިނާއެވެ.

ޙައްޤުލް ޔަޤީން ޤުރުއާން މުބާރާތާ ގުޅިގެން އެސްއެސްޓީވީގެ ޗީފް ކޮންޓެންޓް އޮފިސަރު މުހައްމަދު ޒަހީން މިއަދު "ސަން"އަށް ވިދާޅުވީ، މުޅި މުބާރާތައް ބޮޑު ތަރުޚީބެއް ލިބުނު ކަމަށެވެ. އަދި މި މުބާރާތަކީ ކާމިޔާބު މުބާރާތެއްގެ ގޮތުގައި ގަބޫލުކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެކަން މުބާރާތުގައި ބައިވެރިވި ކުދިންގެ އަަދަދުން ވެސް އެނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ބައެއް ފަހަރު ބައެއް ފަރާތްތަކަށް ނަގާފަ ހުންނަ ޕެކޭޖުތަކުގެ ސަބަބުން އެސްއެމްއެސް ފޮނުވުމުގެ ދަތިތަކެއް ހުރި ކަން ފާހަގަވި. އެކަންކަމާ އެކުގަވެސް ގިނަ ކުދިން ބައިވެރިވި، މި ބޭއްވުނީ ކާމިޔާބު މުބާރާތެއް،" އޭނާ ވިދާޅުވިއެވެ.

ޒަހީން ވިދާޅުވީ، މި މުބާރާތުގެ ތަޖުރިބާއިން، ރަނގަޅު އަދި ތަފާތު ބަދަލުތަކަކާއެކު، މި އަހަރުގެ މުބާރާތަށްވުރެ ފުރިހަމަ މުބާރާތެއް އަންނަ އަހަރު ބޭއްވުމަށް އުއްމީދު ކުރާ ކަމަށެވެ.

އަންނަ އަންގާރަ ދުވަހު ޙައްޤުލް ޔަޤީން ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުން އެސްއެސްޓީވީންނާއި އެސްއެސްޓީވީގެ ފޭސްބުކް ޕޭޖުން ދައްކާނެއެވެ.

comment ކޮމެންޓް