ރައީސްގެ އާއިލާއަށް ޚާއްސަ އުފަލެއް: އެ އުފާވެރި އިހުސާސްތައް ތިން ބެއިންގެ ދުލުން!

ލޯފަން ތިން ކޮއްކޮއާއެކު ރައީސް ޞާލިހް --- ފޮޓޯ/ ރައީސް އޮފީސް

މިދިޔަ ހުކުރު ދުވަހުގެ ރޭ އިސްލާމިކް ޔުނިވާސިޓީގައި އޮތް ދަސްވެނިވުމުގެ ރަސްމިއްޔާތަކީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ޚާއްސަ ރަސްމިއްޔާތެކެވެ. އެއީ އެ ރަސްމިއްޔާތުގައި އެ މަނިކުފާނުގެ އެއްބަނޑުއެއްބަފާ ލޯފަން ތިން ހާފިޒުން ދަސްވެނިވުމުންނެވެ.

އެ ޚާއްސަކަން އިތުރުވީ ސަބަބަކީ ރައީސްގެ އަތްޕުޅުން އެ މަނިކުފާނުގެ ތިން ކޮއްކޮއިންނަށް ދަސްވެނިވުމުގެ ސެޓްފިކެޓް ހަވާލުކުރެއްވުމުގެ ނަސީބު ލިބުމެވެ.

ރައީސްގެ ތިން ކޮއްކޮއިން ފުރިހަމަކުރެއްވީ އެ ޔުނިވާސިޓީގެ ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖު އެންޑް ހިއުމަން ސައިންސް އިން ހިންގި އިމާމު ޑިގްރީ ކޯހެވެ. ރައީސްގެ އާއިލާއަށް މިއީ ލިބުނު ބޮޑު އުފަލެކެވެ.

އެ ކޯސް ފުރިހަމަކުރައްވާ ދަސްވެނިވީ ރައީސްގެ އާއިލާގައި މި ވަގުތު ދުނިޔޭގައި ތިއްބެވި 11 ބޭފުޅުންގެ ތެރެއިން ލޯފަން ތިން ބޭފުޅުންނެވެ. އެއީ މޫސާ މުހައްމަދު ޞާލިހު (މޫސަބެ) 53، އަބްދުﷲ ޝާޒްލީ (ޝާޒް) 50 އާއި ހުސައިން ޝަޔާޒް (ހުސެއިން) 44 އެވެ.

މި ތިން ބޭފުޅުން ވެސް ވަނީ އެ ރޭގެ އިހުސާސްތަކާއި ތައުލީމް ހާސިލުކުރެއްވުމުގައި ދުވަސްތައް ހޭދަކުރެއްވި ގޮތް "ސަން"އާ ހިއްސާކުރައްވައިފައެވެ.

މިއީ ބޮޑު އުންމީދެއް!

ޤުރުއާނުގެ ދާއިރާއިން ކުރިއަށް ދިއުމަކީ މި ތިންބެއިން އަބަދުވެސް ކުރައްވަމުން އައި އުންމީދެކެވެ. ދުށް ބޮޑު ހުވަފެނެކެވެ. އެ ބޭފުޅުންގެ ދޮންބެ، ރައީސް ޞާލިހުގެ ވެރިކަމުގައި އިމާމުން ޑިގްރީ ފެންވަރަށް ތަމްރީނުކުރުމުގެ ކޯހެއް ފެއްޓެވުމަކީ އެ ކަމަށް ހުޅުވުނު ފަހި ދޮރެކެވެ.

ފޯނުން "ސަން"އާ ވާހަކަ ދައްކަވަމުން ޝާޒް ވިދާޅުވީ މި ދާއިރާއިން ކުރިއަށް ދިއުމަކީ އަބަދުވެސް ކުރަމުން އައި އުންމީދެއް ކަމަށެވެ. އަދި އެ ދާއިރާއިން މި ހިސާބަށް އައުމުގެ ފުރުސަތު ލިބުމަކީ ވެސް ކާމިޔާބެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

އަބްދުﷲ ޝާޒްލީއަށް ރައީސް ޞާލިޙް ސަނަދު ހަވާލުކޮށްދެއްވަނީ --- ފޮޓޯ/ ރައީސް އޮފީސް

އެންމެ ފުރަތަމަ މި ތިންބެއިން ޤުރުއާނުގެ ރޮނގުން ކުރިއަށް ވަޑައިގަންނަވަން ފެއްޓެވީ ވެސް އެކުގައެވެ. އެ ގޮތުން ޤުރުއާން ހިތުދަސްކުރައްވައި އިމްތިހާނު ނިންމެވީ 2006ވަނަ އަހަރުއެވެ.

އެއީ އެ ބޭފުޅުން މާލެ ފައިބައިވަޑައިގެން އުޅުއްވި ދުވަސްވަރު އޭރުގެ މައުހަދުގައި ފެއްޓެވި ކޯހެކެވެ.

"ދުވާލަކު ހަތަރު ގަޑިއިރު ފަސްގަޑިއިރު އެ ކަމުގައި ހޭދަކުރަން. ތިން ބެއިން އެއްކޮށް ފެށީ ވެސް އެއްކޮށް ނިންމީ ވެސް،" ޝާޒް ވިދާޅުވިއެވެ.

ޤުރުއާން ހިތުދަސްކުރައްވައި އެ ތިންބެއިން ނިންމެވީ ތިން ،އަހަރުންނެވެ. މުރާޖައާ ކުރުމަށް ހަ މަސް ހޭދަވިއެވެ. އެހެންކަމުން، ޤުރުއާން ހިތުދަސްކުރައްވައި އިމްތިހާނު ހެެއްދެވުމަށް އެ ބޭފުޅުން ހޭދަކުރެއްވީ ޖުމުލަ ތިން އަހަރާއި ހަ މަހެވެ.

ރައީސްގެ އަތްޕުޅުން ސެޓްފިކެޓް ލިބުމަކީ ބޮޑު އުފަލެއް!

އެ ރޭގެ ހަފްލާއަށް ރައީސް ވަޑައިގަންނަވާކަން ރައީސް އޮތީ އެ ތިންބެއިންގެ ގާތުގައި ވިދާޅުވެފައެވެ. އެހެން ނަމަވެސް، ސެޓްފިކެޓް ހަވާލުކުރައްވާނީ ރައީސް އަތްޕުޅުންކަމެއް ޔަގީނަކަށް އެނގިވަޑައެއް ނުގަންނަވައެވެ.

ރައީސްކަމަށް ވަޑައިގެންނެވުމުގެ ކުރިން ވެސް ރައީސް ޞާލިހު އެ ބޭފުޅުންނަށް އަބަދުވެސް އެހީތެރިވެވަޑައިގަންނަވައެވެ. ބަލަދުވެރިއެއްގެ ހައިސިއްޔަތުން އަބަދުވެސް ހިތްވަރުދެއްވައެވެ.

އެ ދުވަހުގެ އިހުސާސްތައް ކިޔައިދެއްވުމަކީ ފަސޭހަކަމަކަށް އެ ތިންބެއިންނަކަށް ނުވިއެވެ. ޝާޒް ވިދާޅުވީ އެ މަގާމުގައި ރައީސް ހުއްޓާ މި ނަސީބު ލިބުމަކީ ހާއްސަ އުފަލެއް ކަމަށެވެ،

"ބުނަން ވެސް ނޭނގޭ ކަހަލަ އުފާވެރި އިހުސާސެއް. އުފަލުން ރޮވޭ ވަރު ވެސް ވި،" ޝާޒް ވިދާޅުވިއެވެ.

މޫސަބެ ވިދާޅުވި ގޮތުގައި އެއީ އޭނާ ވަރަށް އުންމީދު ކޮށްގެން ހުރި ކަމެކެވެ. ރައީސްގެ ވެރިކަމުގައި ހިލޭ ޑިގްރީ ފެށި، މި ކޯސް ފަރުމާކޮށްގެން ފުރުސަތު ހުޅުވައިލި ދުވަހުން ފަށައިގެން ވެސް ކުރެއްވި އުންމީދެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މޫސަބެއަށް ރައީސް ޞާލިޙް ސަނަދު ހަވާލުކޮށްދެއްވަނީ --- ފޮޓޯ/ ރައީސް އޮފީސް

"އެ ދުވަހުން ފެށިގެން އުންމީދުކުރަމުން އައި އަޅުގަނޑުގެ ބަލަދުވެރިޔާ، މިއަދުގެ ރައީސްގެ އަތުން އެ އިނާމު ލިބިގެންދިއުން،" މޫސަބެ ވިދާޅުވިއެވެ.

"ﷲ ސުބުހާނަހޫ ވަތައާލާ އެ ކަމުގެ ހެޔޮ ތައުފީޤް މިންވަރުކޮށްދެއްވީތީ ހަމްދުކުރަން،"

ހުސައިން ވިދާޅުވީ އެ ވަގުތު ކުރެވުނު އިހްސާސްތައް ކިޔައިދެއްވަން އުނދަގޫ ކަމަށެވެ. އެއީ ވަރަށް އެހެން ކަހަލަ އިހުސާސްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ހުސައިން ޝަޔާޒަށް ރައީސް ޞާލިޙް ސަނަދު ހަވާލުކޮށްދެއްވަނީ --- ފޮޓޯ/ ރައީސް އޮފީސް

"މިހާރު ވެސް އައްސަވާނެ އަބަދުވެސް ކޯހުގެ ކަންކަން ކުރިއަށް ދާ ގޮތް. އެއްވެސް ކަމެއްގައި ދަތިވަންޏާ ބުނައްޗޭ ވިދާޅުވާނެ،" ހުސައިން ވިދާޅުވިއެވެ.

"ﷲގެ މިންވަރުފުޅުން ދޮންބެގެ އަތުން ސެޓްފިކެޓް ލިބުމަކީ ވަރަށް ބޮޑު އުފާވެރިކަމެއް،"

މިއީ ކޮންމެ ކޮންމެ މީހަކަށް ލިބޭނޭ ނަސީބެއް ނޫނެވެ. މިއީ ދަސްވެނިވުމުގެ އުފަލުގެ އިތުރަށް، މާ ބޮޑު ހާއްސަކަމެއް އެރެއަށް އެ ތިންބެއިންނަށް އިތުރުވި ސަބަބެކެވެ.

އެންމެ ގާތުގައި ހުންނެވީ މަންމަ!

ސިއްހީހާލަތު ތަން ނުދޭތީ އެ ރޭގެ ރަސްމިއްޔާތަށް އެ ތިންބެއިންގެ މަންމައަށް ވަޑައެއްނުގެންނެވުނެވެ. އެހެން ނަމަވެސް، އެ ތިންބެއިންގެ މި ތައުލީމީ ދަތުރުގައި އެންމެ ގާތުގައި ހުންނެވީ މަންމައެވެ.

ރައީސް ޞާލިހްގެ މަންމާފުޅު އެކަމަނާގެ ލޯފަން ތިން ހާފިޒުންނާއެކު

"މަންމަ ވަރަށް އުފާވެފައި ހުރީ. އުފަލުން ރޮވިފައި ހުރީ. ޓީވީން ވެސް ވަގުތުން ބެލިކަމަށް މައުލޫމާތު ލިބެނީ،" މޫސަބެ ވިދާޅުވިއެވެ.

އޭނާ ކިޔައިދެއްވި ގޮތުގައި ޤުރުއާން ހިތުދަސްކުރެއްވި ފުރަތަމަ ދުވަސްވަރު ތިންބެއިން ގޮވައިގެން ކްލާހަށް ލާން ވެސް ވަޑައިގަންނަވަނީ މަންމައެވެ. އަބަދުވެސް ހިތްވަރުދެއްވައެވެ.

"ހުރިހާ ކޯހެއްގައި ވެސް މަންމަގެ ދައުރު ވަރަށް ބޮޑުވާނެ،" މޫސަބެ ވިދާޅުވިއެވެ.

ހުސައިން ވިދާޅުވި ގޮތުގައި މި ދަތުރުގެ ފެށުމުގައި ވެސް އެންމެ ގާތުގައި ހުންނެވީ މަންމައެވެ. އަމަލީ ގޮތުން އެހީތެރިވެދެއްވެން އޮތްއިރު އަބަދުވެސް އެހީތެރިވެދެއްވާކަމަށް ވިދާޅުވިއެވެ.

މޫސަބެ އަކީ ރަށު ބޮޑު މިސްކިތުގެ އިމާމް!

މޫސަބެއަކީ އެ ބޭފުޅުންގެ އުފަން ރަށް ހިންނަވަރުގެ ބޮޑު މިސްކިތުގެ އިމާމެވެ. މަސްޖިދުލް އަންޞާރުގައި އިމާމެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރައްވާތާ 12 އަހަރުވެއްޖެއެވެ.

އޭނާ އިމާމުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ހިފްޒުކޮށް އެ ރަށުގައި ތަރާވީހް ނަމާދު ވެސް ކުރައްވަނީ މޫސަބެއެވެ. އޭނާއަކީ އެ ރަށުގެ ހުރިހާ ރައްޔިތުންގެ ގަދަރާއި ލޯބި ލިބިވަޑައިގެން ހުންނެވި ބޭފުޅެކެެވެ.

އޭނާގެ އަންތްބަކާއި ފިރިހެން ދަރިއެއް ވެސް މިހާރު އެބަހުއްޓެވެ. އުމުރުން 10 އަހަރުގެ އެ ދަރިފުޅާމެދު ވެސް މޫސަބެގެ އޮތީ ފޮނި އުންމީދުތަކެކެެވެ.

މޫސަބެ އޭނަގެ ދަރިފުޅަށް ޤުރުއާން ކިޔަވައިދެއްވަނީ

"ދީނީ ރޮނގުން، ޤުރުއާނުގެ ރޮނގުން ކުރިއަށް ދިއުމަށް ބާރު އަޅަނީ. ޤުރުއާން ވެސް ހިތު ދަސްކުރުމަށް،" މޫސަބެ ކިޔައިދެއްވިއެވެ.

ގޭގައި މިހާރު ވެސް ޤުރުއާން ހިތުދަސްކުރުމުގެ ކަންކަން ކުރިއަށް ގެންދަވާކަމަށް މޫސަބެ ވިދާޅުވިއެވެ. އަދި އުންމީދަކީ ދީނީ އިލްމުވެރިއެއްގެ ގޮތުގައި މުޖުތަމައަށް ދީނަށް ދައުވަތުދޭ މީހެއްގެ ގޮތުގައި ފެނުންކަމަށް ވެސް ވިދާޅުވިއެވެެ.

މޫސަބެ ދަރިފުޅާއެކު ނަމާދުކޮށް ނިމިގެން ގެޔަށް ދަނީ

"މިހާރު ވެސް އަޅުގަނޑު ގޮވައިގެން މިސްކިތަށް ދަނީ ދަރިފުޅު،" އޭނާ ވިދާޅުވިއެވެ.

ކިޔެވުމުގެ ކަންކަމުގައި އަންހެނުންގެ ފަރާތުން ވެސް އަބަދުވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭކަމަަށް މޫސަބެ ވިދާޅުވިއެވެ. ބައެއް ފަހަރަށް ކޯހުގެ ކަންކަމުގައި މާލެ ވަޑައިގަންނަވަން ޖެހޭއިރު ވެސް އަބަދުވެސް އެކުގައި ވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

މޫސަބެ އޭނާގެ އަންހެނުންނާއި ދަރިފުޅާއެކު

މި ތިންބެއިންގެ ތެރެއިން ރަށުގައި ދިރިއުޅުއްވަނީ މޫސަބެ އެކަންޏެވެ. ޒަވާޖީ ހަޔާތެއް ފައްޓަވައިގެން ވެސް އުޅުއްވަނީ އޭނާ އެކަންޏެވެ. އަނެއް ދެ ބޭފުޅުން ހުންނަވަނި މާލޭގައި މަންމަގެ ގާތުގައެވެ.

އަދިވެސް ބޭނުންފުޅުވަނީ ކިޔަވަން!

މި ތިންބެއިންގެ ތައުލީމީ ދަތުރު އަދިވެސް ނުނިމެއެވެ. އަދިވެސް އެ ބޭފުޅުންގެ އުންމީދަކީ އެ ރޮނގުން ކުރިއަށް ވަޑައިގެންނެވުން ކަމަށް އެ ތިންބެއިން ވެސް ވިދާޅުވިއެވެ.

ޝާޒް ވިދާޅުވީ އިތުރަށް ކިޔަވަން ލިބުނު ކޮންމެ ފުރުސަތެއްގެ ވެސް ބޭނުން ހިއްޕަވާނެ ކަމަށެެވެ.

"މިހާރު އަޅުގަނޑުމެން ކަހަލަ ކުދިންނަށް ވެސް ކިޔެވުމުގެ ފުރުސަތު އޮތްކަން ޔަގީންވޭ،" އޭނާ ވިދާޅުވިއެވެ.

ލޯފަން ތިން ކޮއްކޮއާއެކު ރައީސް ޞާލިހާއި އާއިލާގެ ބޭފުޅުން --- ފޮޓޯ/ ރައީސް އޮފީސް

މޫސަބެ ވެސް ވިދާޅުވީ ހަމަ އެހެންނެވެ. ކިޔެވުން ނިންމަވައިލެއްވުމުގެ ވިސްނުމެއް ނުގެންގުޅުއްވައެވެ. އުންމީދާއި ހުވަފެންތައް ގެންގުޅުއްވަނީ މި ދާއިރާއިން ކުރިއަށް ވަޑައިގެންނެވުމަށެެވެ.

"ކިޔެވުން ނިންމާ ވިސްނުމެއް ނެތް. މިދާއިރާއިން ދާން އުންމީދު ކުރިއަށް އޮތީ،" އޭނާ ވިދާޅުވިއެވެ.

މޫސަބެ ވިދާޅުވި ގޮތުގައި އިމާމު ކޯހުގެ މާސްޓާސް ފަރުމާކުރަމުންދާ ކަމުގެ މައުލޫމާތު އޮތީ ލިބިވަޑައިގެންފައެވެ. އަންނަ އަހަރު އެ ކޯސް ފަށަން ތައްޔާރުވާއިރު، މިހާރު އެ ތިންބެއިން އިންތިޒާރުކޮށްގެން ތިއްބެވީ އެ ކޯހަށެވެ.

ހުސައިން ވިދާޅުވި ގޮތުގައި އުންމީދަކީ އަދިވެސް މި ދާއިރާއިން ތައުލީމް އުނގެނި ކުރިއަށް ދިއުމެވެ. މި އިލްމު އުނގެނިގެން ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ފަދަ ބޭފުޅުންނަށް ނަސޭހަތެއް ވެސް ހުސައިން ދެއްވިއެވެ.

"ކަމެއް ހާސިލުކުރަން ވެއްޖިއްޔާ ދަތިތަކެއް އަންނާނެ. އެކަމަކު މަސައްކަތްކުރީމަ އިންޝާﷲ ކާމިޔާބު ވާނެ،" ހުސައިން ވިދާޅުވިއެވެ.

މިއީ ރައީސް ޞާލިހުގެ އާއިލާއަށް ލިބުނު ބޮޑު އުފަލަކާއި ޝަރަފެކެވެ. އެ ތިން ބެއިން ވެސް ވިދާޅުވި ގޮތުގައި އިލްމު އުނގެނުމުގެ މި ދަތުރުގައި އެއްބަނޑުއެއްބަފާ ހުރިހާ ބޭފުޅުންގެ ފަރާތުން ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިވަޑައިގަތެވެ.

ރައީސްގެ އަތްޕުޅުން ސެޓްފިކެޓް ލިބުމަކީ ކޮންމެ ދިވެއްސަކަށް ވެސް ޚާއްސަ ކަމެކެވެ. އެހެން ނަމަވެސް، މި ތިންބެއިންނަށް އެ ކަން މާ ޚާއްސައެވެ. އެއީ އެ އިނާމު ހާސިލުކުރެއްވި ބޭފުޅަކީ ރާއްޖޭގެ ރައީސްގެ އިތުރުން އެ ބޭފުޅުންގެ ބަލަދުވެރިޔާއަށް ވެސް ވާތީއެވެ.

މި ވާހަކައަކީ ރާއްޖޭގެ ތާރީޚުގައި ފެވޭނޭ ވާހަކައަކަށް ވާނެއެވެ. މިފަދަ ޚާއްސަ ކަންކަމަކީ މަދުން ނޫނީ ނުވާނޭ ކަންތައްތަކެވެ.

comment ކޮމެންޓް