ތާއަބަދުގެ އަޒުމަކީ ބަޣާވާތްތެރިންގެ އަތްދަށުން ދިވެހި ދައުލަތް ސަލާމަތްކުރުން: ނާޒިމް

މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް --- ފޮޓޯ/ އެމްއެންޕީ

އަބަދުވެސް އަޒުމަކީ ދުޝްމަނުންނާއި ބަޣާވާތްތެރިންގެ އަތްދަށުން ދިވެހި ދައުލަތް ސަލާމަތްކުރުމަށްޓަކައި ހަށިގަނޑާއި ފުރާނައިން ގުރުބާން ވާން ޖެހިއްޖެ ހާލަތެެއްގައި ކެރި ހުރެ އެކަން ކުރުން ކަަމަށް މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޓިކެޓު ނާޒިމަށް އަރުވައި، އެ ޕާޓީގެ ކެމްޕެއިން ލޯންޗުކުރުމަށް ރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ މިއަދު ރައްޔިތުންގެ ކުރިމައްޗަށް ނުކުންނަވަން ޖެހުނީ ރާއްޖޭގެ ކަންކަން ގޯހުން ގޯހަށް ގޮސް، ގައުމު އޮޔާ ދިޔުމުގެ ބިރު ހީވުމުން، އެކަމާ ކަންބޮޑުވާ ދިވެހި ދަރިއެއްގެ ހައިސިއްޔަތުން ކަމަށެވެ.

އަދި ރައްޔިތުންގެ ހައްގުގައި ނުކުންނެވީ ދިވެހި ކާބަފައިން ރެޔާ ދުވާލު ބުރަކޮށް މަސައްކަތްކޮށްގެން ބިނާކުރި ގައުމާއި، ހޯދި މަސްކަނޑުތަކާއި ލެޔާއި ފުރާނައިން ގުރުބާންވެގެން ހިމާޔަތް ކުރި އިސްލާމް ދީން، އަތުން ދޫވެގެން ދާތަން ބަލަން ކެތް ނުވެގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިރޭ މިތަނުގައި އަޅުގަނޑު ހުއްޓި ހުންނައިރު، އަޅުގަނޑުގެ ކަންފަތުގައި ގުގުމަމުން ދަނީ، އުމުރުން އެންމެ 19 އަހަރުގައި އަޅުގަނޑު ކުރި ހުވާ. ދުޝްމަނުންނާ ބަޣާވާތްތެރިންގެ އަތްދަށުން ދިވެހި ދައުލަތް ސަލާމަތްކުރުމަށްޓަކައި ހަށިގަނޑާއި ފުރާނައިން ގުރުބާން ވާން ޖެހިއްޖެ ހާލަތެެއްގައި ކެރި ހުރެ ކުރި ހުވާ. އަޅުގަނޑުގެ ތާއަބަދުގެ އަޒުމަކީ އެއީ،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އޭނާ ދަސްކޮށްފައި ވަނީ ގައުމުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުވާނޭ ގޮތް ކަމަށެވެ. އަދި އޭނާ އަކީ ޒަމާނީ އުކުޅުތަކުގެ ތެރެއިން ދުޝްމަނުންގެ ރޭވުންތައް ދެނެގަނެ، ގައުމުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތުގައި ދެމި ހުރި މީހެއް ކަމަށެވެ.

ނާޒިމްގެ ވާހަކައިގައި ވަނީ ޑިމޮކްރެޓިކް ގައުމަކަށް ވުމަށްޓަކައި ރާއްޖޭން ކުރަމުންދާ ދަތުރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެއީ ފަސޭހަ ދަތުރެއް ނޫން ކަމަށާއި އެ ދަތުރުގައި އެންމެ ގިނަ ލަކުނު ލަމުންދަނީ ސަލާމަތީ ބާރުތަކުގެ ސަފުތަކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު ސަލާމަތީ ބާރުތަކުގެ ސަފުތަކުގައި ރެނދުލާފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

"ގައުމުގެ އެންމެ މަތީ މަސްލަތަހަތާ ގުޅިގައިފައިވާ މައްސަލަތައް ދިފާއުކުރަން، ސިފައިން ޔުނީފޯމުގައި ނެރުމަކީ ދުޝްމަނުންނަށް ގައުމީ ސަފުތަކުގެ ބަލިކަށިކަން ދައްކުވައިދޭ މަންޒަރެއް،" ނާޒިމް ވިދާޅުވިއެވެ.

މިއަދު ދިވެހި ސަރުކާރަށް ޑިމޮކްރަސީގެ އަސްލު އޮޅިއްޖެކަމަށް ވިދާޅުވެ ސަރުކާރަށް ފާޑުވިދާޅުވަމުން ނާޒިމް ވިދާޅުވީ ރާއްޖޭގައި އޮތީ ބޭރުގެ ނުފޫޒު ފޯރަމުންދާ ޑިކްޓޭޓާޝިޕެއް ކަމަށެވެ. އެގޮތުން މައިނޯރިޓީގެ އަޑު އެއްކޮށް ކެނޑިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ގައުމު އޮތީ ދުސްތޫރީ ހަމައެއްނެތް ގައުމެއްގެ ގޮތުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގައުމުގެ އެއްވެސް ރައްޔިތަކަށް ރައްކާތެރިކަން އިހުސާސް ނުކުރެވޭއިރު އެކަމަށް ޖަވާބުދާރީވާނެ ބަޔަކު ނެތް ކަމަށް ނާޒިމް ވިދާޅުވިއެވެ. އެގޮތުން މީހުން މެރުމާއި، ވައްކަން ކުރުމާއި މަސްތުވާތަކެތީގެ މައްސަލަތަކަށް އެއް ވެސް ހައްލެއް ނުލިބޭ ކަމަށް ވިދާޅުވިއެވެ.

އެނާ ވިދާޅުވީ ދިވެހިންގެ ހުވަފެންތަކުގައި ކުލަ ޖެއްސޭނެ ކަމަށް އެ ޕާޓީން ގަބޫލުކުރަނީ އޭރަކު ހުންނަ ވެރިއަކަށް ސަނާ ކިޔައިގެން ލިބޭ ވަޒީފާއާއި މުސާރައިގެ ކަސްތޮޅުން ސަލާމަތް ވެގެން ކަމަށެވެ.

މި ޖަލްސާގައި ނާޒިމަށް ރިޔާސީ ޓިކެޓް ހަވާލު ކޮށްދެއްވުމަށް ފަހު އޭނާގެ ކެމްޕެއިން ވަނީ ރަސްމީކޮށް ލޯންޗްކޮށްފައެވެ. އެގޮތުން މި ކެމްޕެއިންގެ ޝިއާރެއްގެ ގޮތުގައި "އުޖާލާ ޒަމާން" ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން ކެމްޕެއިންގައި ބޭނުންކުރާ ލަވަ ވެސް ވަނީ ރަސްމީކޮށް އިފްތިތާހްކޮށްފައެެވެ. މި ރަސްމިއްޔާތުގައި އެމްއެންޕީގެ މެމްބަރުންނާއި ސަޕޯޓަރުން ވަނީ ބައިވެރިވެފައެވެ.

https://sun.mv/177948

comment ކޮމެންޓް