މަސް ނުކިރޭތީ، ތިނަދޫ މަސްވެރިން ނުކުމެ އައިސްޕްލާންޓު ބަންދުކޮށްފި

ގދ. ތިނަދޫ މަސްވެރިން އިހުތިޖާޖު ކުރަނީ ---

މަސްކިރުމުގައި ހުރި ދަތިތަކާ ގުޅިގެން ގދ. ތިނަދޫ މަސްވެރިން އިހުތިޖާޖުކޮށް، އައިސްޕްލާންޓު ބަންދުކޮށްފިއެވެ.

މި އިހުތިޖާޖު ފަށާފައި ވަނީ މިއަދުގެ ވަގުތެއްގައެވެ. މި އިހުތިޖާޖުގެ ގިނަ އަދަދެއްގެ މަސްވެރިން މިހާރު ތިބީ ތިނަދޫގައި ހުންނަ އައިސްޕްލާންޓު ކުރިމަތީގައި ޖޯލިފަތިތައް ބަހައްޓައިގެންނެވެ. އަދި, މަސް ދޯނިތައް އެ ރަށު އައިސް ޕްލާންޓު ޖެޓީ ސަރަހައްދުގައި ވަނީ އަޅާފައެވެ.

މި އިހުތިޖާޖުގައި 200 އެއްހާ މީހުން ހަރަކާތްތެރިވާ ކަމަށް އެ ރަށުން މައުލޫމާތުދެއެވެ.

ގދ. ތިނަދޫ މަސްވެރިން އިހުތިޖާޖު ކުރަނީ ---

އެކަމާ ގުޅިގެން ތިނަދޫ މަސްވެރިޔަކު މިއަދު "ސަން"އަށް ބުނީ އިހުތިޖާޖު ކުރަނީ، އެ ރަށުގައި މަސްކިރޭނެ ގޮތެއް ނެތި ބޮޑެތި ގެއްލުންތަކެއް މަސްވެރިންނަށް ވާތީ ކަމަށެވެ. އޭނާ ބުނީ، އަބަދު ވެސް މަސްކިރަން ދާން ޖެހެނީ އެތައް މޭލު ދުރަކަށް ކަމަށާއި އެންމެ ފުރަތަމަ މަސް ކިރަން ނަންބަރެއް ހޯދަން ވެސް ދާން ޖެހެނީ ގއ. ކޫއްޑޫއަށް ކަމަށެވެ.

"ދެކޮޅަށް ބަލަންޏާ އެއީ 60 މޭލު. ނަންބަރު ވެސް ލިބެނީ އެހާ ފަހުން. އަނެއް ހަފުތާއެއް ދެ ހަފުތާ އެބަ ނަގާ މަސް ކިރަން. ދެން ބާނާފައި ހުންނަ މަސްތަކުން ބައިވަރު މަސް އެބަ އުކާލާ އެ މީހުން. އެކަމު އެއަކަށް ފައިސާއެއް ނުދޭ،" އޭނާ ބުންޏެވެ.

އޭނާ ބުނީ، މަސްވެރިން އިހުތިޖާޖު ކުރަނީ އެ ރަށުން މަސް ކިރޭނެ ގޮތް ހަދައިދޭނެ ކަމަށް ސަރުކާރުން ވައުދުވެ، އެ ވައުދު ނުފުއްދައި މަސްވެރިންނަށް އޮޅުވާލުމުން ކަމަށެވެ.

އެހެންވެ، އެ އިހްތިޖާޖުގެ ބައިވެރިން ވަނީ އެ ރަށު އައިސްޕްލާންޓު ބަންދު ކޮށްފައެވެ.

ގދ. ތިނަދޫ މަސްވެރިން އިހުތިޖާޖު ކުރަނީ ---

އެ ރަށު އައިސް ޕްލާންޓު ހުންނަ ސަރަހައްދުގެ އުތުރު ފަރާތުގައި 100 ޓަނުގެ މަސް ފެކްޓްރީއެއް އަޅައިދޭނެ ކަަމަށް މި ދައުރު ފެށުނު ފަހުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އެ ރަށަށް ވަޑައިގެން، ވައުދުވެލެއްވިއެވެ.

ނަަމަވެސް އަދިވެސް އެކަން ނުވާތީ އެކާމާ ނުރުހުން ފާޅުކޮށް، ތިނަދޫ ބަނދަރުން މަސްކިރޭނެ ގޮތެއް ހަދައިދެން ދެން، އެ އިހުތިޖާޖު ކުރާނެ ކަމަށް މަސްވެރިން ބުންޏެވެ.

ގދ. ތިނަދޫ މަސްވެރިން އިހުތިޖާޖު ކުރަނީ ---

ގިނަ ބައެއްގެ ދިރިއުޅުމަށް ހޯދާ އާމްދަނީ ބިނާ ވަނީ މަސްވެރިކަމަށެވެ. މަސް ކިރުން ލަސްވުމަކީ އެ ހުރިހާ މަސްވެރިންނަށާއި އެ މީހުންގެ އާއިލާއަށް ވެސް ލިބޭ ގެއްލުމެއް ކަމަށް ބުނެ، މަސްވެރިން އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ.

comment ކޮމެންޓް