ސަން ސިޔާމް ރިސޯޓްސްގެ 33ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ފެށި ލޭ ހަދިޔާކުރުމުގެ އިވެންޓުގެ ދަށުން މިއަދު އިރުފުށީގައި ލޭ ހަދިޔާކުރުމުގެ ކޭމްޕް ފަށައިފިއެވެ.
އިރުފުށީގައި މި ކޭމްޕް މިއަދު ފައްޓަވައިދެއްވީ އެ ރިސޯޓްސްގެ ޑިރެކްޓާ އޮފް އޮޕަރޭޝަންސް ދޮރްތީ ކަޗޭ ބަހާތީއެވެ.
މިއަދު މެންދުރު 14:00ގައި މި ކޭމްޕް ފަށާފައި ވާއިރު ގާތްގަނޑަކަށް 90 ސްޓާފުން ވަނީ ލޭ ހަދިޔާ ކުރުމަށް ވޮލެންޓިއާ ކޮށްފައެވެ.
މި ކޭމްޕް ކުރިއަށްދާގޮތާ ގުޅޭ ގޮތުން "ސަން"އަށް މައުލޫމާތު ދެއްވަމުން ސަން ސިޔާމް ހެޑް އޮފީހުގެ އެގްރިކަލްޗާ ޑިޕާޓްމަންޓުގެ މެނޭޖަރު އައްޒަ ހަމީދު ވިދާޅުވީ، އެއް ދުވަހަށް ކުރިއަށް ގެންދާ މި ކޭމްޕުގައި އެންމެހާ ސްޓާފުންގެ ފުރިހަމަ އެހީތެރިކަން ލިބޭ ކަމަށެވެ.
އައްޒަ ވިދާޅުވީ މި އިވެންޓް ނިމޭއިރު ގާތްގަނޑަކަށް 500އެއްހާ މީހުންގެ ފަރާތުން ލޭ ހަދިޔާ ކުރެވޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. މި ކޭމްޕްތައް ކުރިއަށް ގެންދަނީ މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ޑޮކްޓަރެއް ހިމެނޭ ޓީމެއް ކޮންމެ ރިސޯޓަކަށް ގޮހެވެ. އެހެންކަމުން އެ ބޭފުޅުންނަށް އައްޒަ ވަނީ ޝުކުރު އަދާކޮށްފައެވެ.
މި އިވެންޓުގެ ދަށުން ސަން ސިޔާމް ހެޑް އޮފީހާއި ސަން ސިޔާމް އޮޅުވެލި މޯލްޑިވްސްގެ އިތުރުން ސިޔާމް ވޯލްޑުގައި ވެސް ވަނީ ލޭ ހަދިޔާކުރުމުގެ ކޭމްޕް ބާއްވާފައެވެ.
މި އިވެންޓު ފުރަަތަމަ ފެށީ އަހަރީ ދުވަހާ ދިމާކޮށް ރިސޯޓުތަކުގައި 2015ވަނަ އަހަރެވެ. ނަމަަވެސް ކޮވިޑާ ގުޅިގެން އައި މަޑުޖެހުމަކަށްފަހު މިހާރު މި އިވެންޓު ކުރިއަށް ގެންދަނީ އޭރަށްވުރެ ފުޅާކޮށެވެ.
މި އިވެންޓާ ގުޅިގެން ސަން ސިޔާމް ގުރޫޕް އެސިސްޓެންޓް ޖެނެރަލް މެނޭޖަރު ހަސަން އާދިލް މީގެ ކުރިން "ސަން"އަށް ވިދާޅުވީ ސަން ސިޔާމް ގުރޫޕަކީ ވެސް ރާއްޖޭގެ ނަންބަރު ވަން އެއް ގުރޫޕު ކަަމަށާއި އެހެންކަމުން ކުރާ ކޮންމެ ކަމެއް ވެސް އެންމެ ފުޅާ ދާއިރާއެއްގައި ކުރުމަށް ސަމާލުކަން ދޭ ކަމަށެވެ.
"ލޭ ހަދިޔާކުރުމަކީ ގައުމީ ކަމެއް. އަޅުގަނޑުމެން ކުރަން ޖެހޭ ކަމެއް އަޅުގަނޑުމެން ކުދިންނަށް ލޭ ފޯރުކޮށްދިނުމަކީ. އަޅުގަނޑުމެން ގުރޫޕެއްވެގެން މިކަން އިނީޝިއޭޓް ނަގައިގެން ކޮށްފިއްޔާ ވަރަށް ފަސޭހައިން ގިނަ އަދަދެއްގެ ލޭ ވަރަށް އަވަހަށް ނެގޭނެ،" އާދިލް ވިދާޅުވިއެވެ.
ސަން ސިޔާމް ގުރޫޕްގެ މުވައްޒަފުންގެ ފަރާތުން ވަނީ ތެލަސީމިއާ ދުވަހާ ގުޅުވައިގެން ލޭ އަޅާ ކުދިންނަށް ވެސް ހަދިޔާ ދީފައެވެ.
މި އިވެންޓުގެ ދަށުން އެކި ދުވަސްތަކަށް ބަހާލައިގެން ޖޫން މަހުގެ ނުވަވަނަ ދުވަހާ ހަމައަށް ލޭ ހަދިޔާކުރުން ކުރިއަށް ދާނެއެވެ. އެކި ރިސޯޓުތަކުގައި ކޭމްޕު ބާއްވާނީ އެކި ދުވަހުއެވެ.