މަކުނުދޫގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ބަޔެއްގެ ގެ އަނދައިފި

ހދ.މަކުނުދޫ އަލްފާގޭގައި ރޯވެ އަނދަނީ--

ހދ. މަކުނުދޫ އަލްފާގޭގެ ފިހާރައެއްގެ ގޮތުގައި ބޭނުންކުރުމުން އައި ތަނެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި އެ ގޭގެ ބޮޑު ބައެއް އަނދައިފިއެވެ.

އަލިފާނުގެ މި ހާދިސާ ހިނގާފައިވަނީ މިރޭ ގާތްގަނޑަކަށް 20:15 އެހާކަންހާއިރެވެ. މި ހާދިސާގެ މައުލޫމާތު "ސަން"އަށް ދެއްވަމުން މަކުނުދޫ ކައުންސިލްގެ ރައީސް އައުޒަމް އާދަމް ވިދާޅުވީ، އަލިފާން އެންމެ ފުރަތަމަ ރޯވެފައިވަނީ ކުރިން ފިހާރައެއްގެ ގޮތުގައި ބޭނުންކުރަމުން އައި ތަނުގައި ކަމަށެވެ.

"ބޮޑަށް ލަފާކުރެވެނީ އަލިފާން ރޯވެފައި ވަނީ ކަރަންޓް ޝޯޓަކުން ކަމަށް. މުޅިން ކަށަވަރު ވާނީ ތަހްޤީޤްކޮށް ނިމުމުން. ވަރަށް ދުވަސްވެއްޖެ އެތަން ބޭނުންނުކުރާތާ" އައުޒަމް ވިދާޅުވިއެވެ.

ހދ.މަކުނުދޫ އަލްފާގޭގައި ރޯވެ ފުރާޅުވެސް ވެއްޓިފައި---

އެތަނުގައި އަލިފާން ރޯވުމާއިއެކު އެ ގޭގައި އެ ވަގުތު އުޅެމުންދިޔަ މީހުން ވަނީ އެ ވަގުތުން ސަލާމަތުން ގެއިން ނިކުމެފައެވެ. އެ ވަގުތު ގޭގައި ފަސް މީހަކު އުޅެމުންދިޔަ ކަމަށް އައުޒަމް ވިދާޅުވިއެވެ.

"އަލިފާން ރޯވުމާއިއެކު އަލިފާން ނިއްވުމަށް، އެރަށުގައި ތިބޭ ފުލުހުންނާއި، ސިފައިންގެ އިތުރުން، ރަށުގެ ރައްޔިތުންނާއި މުއައްސަސާތަކުން ވީ އެންމެ އަވަހަކަށް މަސައްކަތް ފެށި. މަކުނުދޫގައި މިވަގުތު ފެނާ ނަރުދަމާގެ މަސައްކަތް ކުރަމުންދާ އަލްޓެކް މޯލްޑިވްސްގެ އެހީތެރިކަންވެސް ވަރަށްބޮޑަށް ލިބުނު އަލިފާން ނިއްވުމުގެ މަސައްކަތަށް" ކައުންސިލްގެ ރައީސް އައުޒަމް ވިދާޅުވިއެވެ.

އައުޒަމް ވިދާޅުވީ ގެއާ އިންވެގެންހުރި ފިހާރައިގައި ރޯވެ މުޅި އިމާރާތުގެ ބޮޑުބައެއް އަނދައިގެން ދިޔައިރު، އެ ގެއަކީ ތިން ކޮޓަރީގެ ގެއެކެވެ. އަލިފާނުގެ ހާދިސާގައި ގޭގެ ފުރާޅު ވެސް ވަނީ އެއްކޮށް ވެއްޓިފައެވެ.

މި ހާދިސާގައި އަލްފާ ގޭގައި ހިފާ ގެންގުޅޭ ތަކެތީގެ ތެރެެއިން ގިނަ ތަކެތި ވަނީ އަނދައި އަޅިއަށްވެފައެވެ.

comment ކޮމެންޓް