ސިއްހީ ދާއިރާގެ މުސާރައާ މެދު ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނެ: މިއުވާން

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު --- ފޮޓޯ/ ރައީސް އޮފީސް

ސިއްހީ ދާއިރާގެ މުސާރައަށާއި މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުތަކާމެދު، އެ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި އެ ކަންތައްތަކަށް ހައްލު ހޯދައިދޭނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

މި މަހުގެ އެއްވަނަ ދުވަހު އަމަލުކުރަން ފެށި ސިއްހީ ދާއިރާގެ މުސާރައިގެ އޮނިގަނޑާ ގުޅިގެން، އެ ދާއިރާގައި މަސައްކަތްކުރާ ގިނަ ބަޔަކު ވަނީ އެމީހުންގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން މުސާރަ ބޮޑުވި ބައެއް ރޭންކުތަކުގައި ވަރަށް މަދު ދިވެހިން އުޅޭއިރު، ގިނަ ބަޔަކަށް، ބޮޑުކުރި ވަރަށް މުސާރަ ނުލިބޭ ކަން އެ ދާއިރާގެ މުވައްޒަފުން ފާހަގަކުރިއެވެ.

ހަމަ އެއާއެކު، އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރާ ކަމަކީ އިތުރު ގަޑީގެ ފައިސާ ނުވަތަ އޯޓީ ލިމިޓްކޮށްފައި އޮންނަ އޮތުމެވެ.

އެކަމާ ގުޅިގެން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، މުސާރައާ ގުޅިގެން ސިއްހީ މުވައްޒަފުންގެ ކަންބޮޑުވުންތަކެއް ހުރި ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި ސިއްހީ ދާއިރާއަކީ ވަރަށް ގިނަ ގިންތިތަކެއް ހިމެނޭ ދާއިރާއެއް ކަމުން، އެންމެ ފުރަތަމަ ބަދަލު ގެންނަ ދުވަސްކޮޅު ބައެއް މައްސަލަތައް ފާހަގަވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ، ސިއްހީ ދާއިރާގެ މުސާރައަށް ގެނައި ބަދަލުތަކާ ގުޅިގެން ހުރި ކަންބޮޑުވުންތައް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ސަރުކާރަށް ވަނީ އެނގިފައި ކަމަށެވެ. އަދި ސިއްހީ ދާއިރާގެ މުވައްޒަފުންގެ ފަރާތުން ވަކި ބަޔަކު މިދިޔަ ހަފުތާގައި މިކަމާ ގުޅިގެން، ރައީސްއާ ބައްދަލުކޮށް، އެމީހުންގެ ހުރި ކަންބޮޑުވުންތައް އެމަނިކުފާނާ ހިއްސާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މައިގްރޭޓް ވީއިރު، ރޭންކަށް މި އައި ބަދަލުތަކާއި ޚާއްސަ ގޮތެއްގައި އޯވާޓައިމްގެ މައްސަލަ ފާހަގަ މިކުރެވެނީ. ސެލެރީއަށް މި އައި ބަދަލުތަކުގައި ވެސް އެބަހުރި ކަންބޮޑުވުންތަކެއް،" އޭނާ ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ، ސިއްހީ ދާއިރާގެ މަސައްކަތްތަކާ ގުޅިގެން ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެފައިވާ ކަމަށެވެ. އަދި އެކަމަށް ކުރަން ޖެހޭ މަސައްކަތް، ރައީސް އޮފީހުގެ ޕޮލިސީ އޮފީހާއި ޕޭ ކޮމިޝަނާއި ފިނޭންސް މިނިސްޓްރީން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ސީދާ ގެންނަ ވަކި ބަދަލުތަކެއް އަދި ހާމަކުރަން ދަތި ކަމަށާއި ނަމަވެސް ވަރަށް އަވަހަށް އެ މައުލޫމާތު ހިއްސާކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ، މިހާރު ވަކި ގޮތަކަށް ސިއްހީ ދާއިރާގެ އޮނިގަނޑު އޮތަމަކީ، އެ އަށް ގެންނަން ޖެހޭ ބަދަލުތައް ނުގެނެސް ހުންނާނެ ސަބަބެއް ނޫން ކަމަށެވެ. އަދި ސަރުކާރުން އަބަދުވެސް، މަސައްކަތް ކުރަނީ، ރައްޔިތުންނަށާއި އެކި ދާއިރާތަކުގެ މުވައްޒަފުންނަށް އެންމެ ފައިދާހުރި، ބަދަލުތައް ގެނައުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް