ބޭސް ކުންފުނީގެ ޗެއާމަނަކަށް އައިޖީއެމްއެޗްގެ ސީއީއޯ ހަލީމް އައްޔަނުކޮށްފި

މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ހަލީމް: އޭނާ ވަނީ ބޭސްކުންފުނީގެ ޗެއާމަނަކަށް އައްޔަނުކޮށްފައި ---- ފޮޓޯ/ ރައީސް އޮފީސް

މި ސަރުކާރުން އުފެއްދި ބޭސް ކުންފުނީގެ ޗެއާމަނަކަށް މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް މިއަދު އައްޔަނުކޮށްފިއެވެ.

"ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް"ގެ ނަމުގައި، ރައީސް ޑރ. މުޙައްމަދު މުއިއްޒު އާ ކުންފުންޏެއް އުފެއްދެވީ މިދިޔަ ސެޕްޓެމްބަރު ނުވައެއްގައެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޑރ. ޝާހު މާހިރު އެ މަހުގެ 14ގައި އައްޔަނުކުރިއެވެ. އޭރު އޭނާ ހުންނެވީ، ދަރުމަވަންތަ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައެވެ.

އޭގެފަހުން، މިއަދު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑު (ޕީސީބީ)އިން ކުރި ޕޯސްޓެއްގައި ވަނީ، ބޭސް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންއަށް ހަލީމް އައްޔަނުކޮށްފައިވާ ކަމަށެވެ.

ހެލްތު މިނިސްޓަރު ނާޒިމްއާއި ހަލީމްއާއި ރައީސް މުއިއްޒު --- ފޮޓޯ/ ރައީސް އޮފީސް

ފާހަގަކުރެވޭ ގޮތުގައި، މިދިޔަ އޮކްޓޫބަރު މަހު ޑރ. ޝާހު މާހިރު "ސަން"އަށް ވިދާޅުވީ އެ ކުންފުނީގެ މަސައްކަތްތައް ފަށަން ތިން މަސް ވަރު ނަގާނެ ކަމަށެވެ. އެގޮތުން، މިހާރު ބޭސް އެތެރެކުރަމުން އަންނަ ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ ދަށުން ބޭސް ކުންފުންޏަށް ހުރިހާ މަސައްކަތެއް ބަދަލުކުރުމަށް ވަގުތު ނަގާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އެ ކުންފުނި އުފެއްދިތާ މިހާރު ތިން މަސް ވެފައިވާއިރު ވެސް، އާންމު ރައްޔިތުން ދަނީ ބައެއް ކަހަލަ ބޭސް ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެ ކަންބޮޑުވުންތަކާ ގުޅިގެން މިދިޔަ މަހުގެ 26ގައި ރައްޔިތުންގެ މަޖިލީހުގައި، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމާ ސުވާލުކުރުމުން އޭނާ ވިދާޅުވީ، ބޭސް ކުންފުނީގެ ހަމައެކަނި މަސައްކަތަކަށް ވާނީ ބޭރު ގައުމުތަކުން ރާއްޖެއަށް ބޭސް އެތެރެކުރުން ނޫން ކަމަށެވެ.

އެގޮތުން ރާއްޖޭގައި އަމިއްލައަށް ބޭސް އުފައްދައި، އެ މަސައްކަތަށް ޚާއްސަ އިންޑަސްޓްރީއަކަށް ވުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

https://sun.mv/214459

ބޭހަށް ޚާއްސަ ކުންފުނި އުފެއްދިއިރު، މިހާރު ވެސް ސައްތައިންސައްތަ ސަރުކާރު ކުންފުންޏެއްގެ ގޮތުގައި، އެސްޓީއޯއިން އަންނަނީ ރާއްޖެއަށް ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގެނެސް ވިއްކަމުންނެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެސްޓީއޯގެ ބޭސް ފިހާރަތައް ވެސް ވަނީ ގާއިމްކޮށްފައެވެ.

comment ކޮމެންޓް