ސިފައިންގެ އަދުލުގެ ނިޒާމުގެ ތެރެއިން ރެކޯޑަށް ނާރާގޮތަށް 57 ސިފައިންގެ މީހަކަށް ނަސޭހަތް ދީފި

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ތިނެއް ނޮވެމްބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/މުހައްމަދު ހައްޔާން

މިހާރު ގާއިމްކުރެވިފައިވާ ސިފައިންގެ އަދުލުގެ ނިޒާމުގެ ތެރެއިން އެކި މައްސަަލަތަކުގައި މިހާތަނަށް 57 ސިފައިންގެ މީހަކަށް ރެކޯޑަށް ނާރާ ގޮތަށް ނަސޭހަތްދީ މައްސަލަ ފައިލްކޮށްފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ސިފައިންގެ އެޖުޓަންޓް ކޯގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ހަފުލާގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ ތަރުތީބު ކުރެވިފައިވާ އަދުލުގެ ނިޒާމެއް ތައާރަފުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ މައްސަލަ ރައްދުވާ ފަރާތަށް ދިފާއުގައި ބަސް ބުނުމުގެ ފުރުސަތު ފަހިކޮށްދިނުންކަމަށެވެ.

ސިފައިންގެ އެޖުޓަންޓް ކޯގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހާއްސަ ހަފްލާގައި މިނިސްޓަރު މާރިޔާ ---

އަދި އެއީ އެންމެ ރަނގަޅު ނިންމުން ނޫންކަމަށް ގަބޫލުކުރެވޭނަމަ އިސްތިއުނާފުކުރުމުގެ މަގު ހުޅުވައިލައިދިނުންކަމަށެވެ.

މާރިޔާ ވިދާޅުވީ އެ ނިޒާމުގެ ބޭނުމަކީ ހުށަހެޅޭ ކޮންމެ މައްސަލައަކާއެކު އެ މީހަކަށް އަދަބެއް ދިނުން ނޫންކަމަށެވެ.

"އެ ކަމެއްގެ ޒާތާއި ބާވަތަށް، އަދި ތުހުމަތުކުރެވޭ ފަރާތުގެ ކުށުގެ ރެކޯޑަށް ބަލައި، ނަސޭހަތްދީ އެ މައްސަލައެއް އިތުރަށް ކުރިއަށް ނުގެން ދިއުމަށް ވެސް މި ނިޒާމުގެ ޖާގަދޭ. މިގޮތަށް މިހާތަނަށް 57 މައްސަލައެއްގައި ރެކޯޑަށް ނާރާ ގޮތަށް ނަސޭހަތް ދީ މައްސަލަ ފައިލް ކުރެވިފައިވާކަމަށް އަޅުގަނޑަށްވަނީ މައުލޫމާތު ލިބިފައި،" މާރިޔާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެއީ އިސްލާހުވުމަށް ލިބޭ ފުރުސަތެއްކަމަށެވެ. އަދި ސިފައިންނަކީ ރާއްޖޭގެ ގާނޫނު އަސާސީ ދިފާއުކުރާނެ މީހުންކަމަށެވެ.

އެހެންކަމުން ސިފައިންނަކީ ގާނޫނުތަކަށް ބޯލެނބުމުގައި ނަމޫނާ ބަޔަކަށްވެ ސިޔާސީ އޮއިވަރުގައި ޖެހޭ ބަޔަކަށް ވެގެން ނުވާނެކަމަށް މާރިޔާ ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު އެންމެ ބޮޑު އިސްކަމެއް ދެމުން އަންނަ އެއް ކަމަކީ ސިފައިންގެ ވެލްފެއާ ކަންކަން ހަރުދަނާކުރުންކަމަށެވެ.

އެގޮތުން ހައުސިން އެލަވެންސް ދޭ އުސޫލާއި، ސިފައިންނަށް ބޮޑެތި ސިއްޙީ މައްސަލަތައް ކުރިމަތިވުމުން ޗުއްޓީ ދޭ އުސޫލަށް ހެޔޮ ބަދަލުތަކެއް ގެނެސް ދެވިފައިވާކަމަށް މާރިޔާ ވިދާޅުވިއެވެ.

"މިފަދަ ކަންކަމުގައި ކުރިން ސިފައިން އުފުލަންޖެހުނު ކިތަންމެ ތަކުލީފެއް މިވަނީ ޙައްލުކޮށް ދެވިފަ،" މާރިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން މާރިޔާ ވިދާޅުވީ ސިފައިންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމަށް ޓަކައި ކުރަމުން އަންނަ މަސައްކަތް ވަރަށް އަވަސް ދުވެއްޔެއްގައި ކުރަމުން އަންނަކަމަށެވެ.

"ސަރުކާރުގެ ޕޭ ހާމަނައިޒޭޝަން އިނީޝިއޭޓިވްގެ ތެރެއިން ސިފައިންގެ މުސާރައަށް ވެސް ހެޔޮ ބަދަލެއް ގެނެސްދެއްވާނެކަމަށް ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފަ. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މި ބަދަލު އައިސް އެކަމުގެ ފައިދާ ސިފައިންނަށް ލިބިގެންދާނެ،" މާރިޔާ ވިދާޅުވިއެވެ.

ހަފުލާގައި ވާހަކަދައްކަވަމުން މާރިޔާވަނީ ސިފައިންގެ އެޖުޓަންޓް ކޯގެ މަސައްކަތްތަކަކީ މުހިންމު މަސައްކަތްތަކެއްކަމަށް ވިދާޅުވެފައެވެ.

ސިފައިންގެ އެޖުޓަންޓް ކޯގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހާއްސަ ހަފްލާ ---

އެގޮތުން އެ ކޯގެ ދަށުން އުފައްދައިފައިވާ އާޓްސް އެންޑް ސެރިމޯނިއަލް ޔުނިޓަކީ ރާއްޖޭގެ ސަގާފަތާއި ތަރިކަ ކުރިއަރުވައި އެ ދިރުވުމުގެ ބޭނުމުގައި އަސްކަރިއްޔާގެ ތެރެއިން މަސައްކަތްކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު އުފެއްދެވި ޔުނިޓެއް ކަމަށް މާރިޔާ ވިދާޅުވިއެވެ.

އެއީ މީގެ ކުރިން އެ ފަދަ ހަރަކާތްތަކަށް އަޅައިނުލެވި އޮތް އޮތުން ނިމުމަކަށް ގެނެސް ކުރިއެރުވުމަށް ފެށި ކަމެއްކަމަށް މާރިޔާ ވިދާޅުވިއެވެ.

"އެހެންވީމާ، ވަކި ޚާއްސަ ނަމެއް ކިޔާ، އެންމެ ފަހުން ވުޖޫދަށް ގެނެވުނު މައިގަނޑު ޚިދުމަތަށް ވިޔަސް، އޭޖީ ކޯއަކީ، ސިފައިންގެއަށް އެންމެ ދޮށީ މަސައްކަތް ކުރާ ސާވިސް. ސިފައިންނަކީ ދިވެހި ސަގާފަތާއި، އާދަކާދަތައް ދެމެހެއްޓުމަށް ގައުމީ ލެވެލްގައި ވެސް މަސައްކަތް ކުރާ ބައެއް،" މާރިޔާ ވިދާޅުވިއެވެ.

އޭޖީގެ ކޯގެ މަސައްކަތްތަކުގެ ސަބަބުން ދިވެހި އަސްކަރިއްޔާއަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

comment ކޮމެންޓް