އީވާ ވަކިކުރަން ހުށަހެޅުމަކީ ދިވެހި އަންހެނުންނަށް ލިބޭ ނާކާމިޔާބީއެއް: ދަ ޑިމޮކްރެޓްސް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަކީ ހުރިހާ ދިވެހި އަންހެނުންނަށް ލިބޭ ނާކާމިޔާބީއެއް ކަމަށް ރައީސް މުހައްމަދު އިސްވެ އުފައްދަވާ ސިޔާސީ ޕާޓީ 'ދަ ޑިމޮކްރެޓްސް' އިން ބުނެފިއެވެ.

ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން އެމްޑީޕީން ވަކިވުމާ އެކު އެ ޕާޓީގެ ޕީޖީ ގްރޫޕުން ވަނީ އީވާގެ އިތުބާރު ނެތް މައްސަލަ މަޖިލީހަސް ހުށަހެޅުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން، 50 މެމްބަރުންގެ ސޮޔާއެކު އިއްޔެ އެ މައްސަލަ މަޖިލީހަށް ވައްދާފައިވާއިރު، 'ދަ ޑިމޮކްރެޓްސް' އިން އެކަން ސިފަކުރީ އެއްވެސް އަސާސެއް ނެތި ހިންގި އަމަލެއްގެ ގޮތުގައެއެވެ.

އެ ޕާޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕާޓީގެ ތަރުޖަމާނު އަފްޝަން ލަތީފް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަސްއޫލިއްޔަތު ތަކަކީ ވަކި ޕާޓީއަކަށް ނިސްބަތް ވީތީ، ޕާޓީގެ ޚިޔާލާ އެއްގޮތަށް އަދާ ކުރައްވަން ޖެހޭ ކަމެއް ނޫން ކަމަށާއި، އީވާ އެ މަގާމުން ދުރު ކުރުމަށް މަސައްކަތް ކުރަނީ އެކަމަނާ އަށް މަގާމުގެ ވާޖިބު އަދާ ކުރެއްވުމުގެ ގާބިލު ކަން ނެތިގެން ނޫން ކަމަށެވެ.

ސިޔާސީ ޚިޔާލު ތަފާތުވުން ތަކަކާ ގުޅިގެން އެ މަގާމަށް ފުރަތަމަ ވަޑައިގެންނެވި އަންހެން ބޭފުޅަކާ މެދު އެފަދައިން އަމަލު ކުރުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަން ފާހަގަކުރައްވައި އަފްޝަން ވިދާޅުވީ، އެ މައްސަލަ ހުށަހެޅުމަކީ ވެސް ދިވެހި އަންހެނުންނަށާއި، ރާއްޖޭގެ މުޅި ސިޔާސީ މަސްރަހަށް ލިބޭ ނާކާމިޔާބީއެއް ކަމަށެވެ.

މައްސަލަ ކާމިޔާބު ވުމާ ނުވުމަށް ވުރެ ބޮޑަށް އެކަމުގެ އަސާސްތަކަށް އަޅުގަނޑުމެން ބޮޑަށް މި ބަލަނީ. ހުރިހާ ބޭފުޅުންނަށް ވެސް ފަރިތަ އީވާ އަބްދުﷲ ގެ ކޮންޓްރިބިއުޝަން. އެބޭފުޅާއަށް އެ މަސައްކަތް ނުކުރެއްވިގެންނެއް ނޫން، ނުކުރައްވައިގެންނެއް ނޫން، އެކަމުގެ ގާބިލިއްޔަތު ނެތިގެންނެއް ނޫން ވަކި ކުރުމުގެ މަސައްކަތްތައް މި ހިންގަނީ. އެކަން (މަގާމުގެ މަސްއޫލިއްޔަތު) ފުރިހަމައަށް އަދާ ކުރައްވަނިކޮށް ޕާޓީގެ ވިސްނުމާ ގުޅިގެން ނޫނީ ސިޔާސީ ޚިޔާލު ތަފާތުވުން ތަކަކާ ގުޅިގެން، އެ މަގާމަށް އެންމެ ފުރަތަމަ ވަޑައިގެންނެވި އަންހެން ބޭފުޅާއަށް އެހެން ހެއްދެވީތީ އަޅުގަނޑުމެން ކަންބޮޑުވުން މި ފާޅުކުރަނީ. ދަ ޑިމޮކްރެޓްސްގެ ތަރުޖަމާނު އަފްޝަން ލަތީފް

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް، އެ މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލިހުގެ ޖުމުލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާ އެކު ހުށަހަޅާ ގަރާރަކުންނެވެ.

އެއީ، 87 މެންބަރުންގެ ތެރެއިން 22 މެމްބަރުންގެ ސޮޔެވެ. އަދި، މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްވާނީ 43 މެންބަރުންގެ ވޯޓުންނެވެ. އެއީ، މަޖިލީހުގައި ތިއްބަވައި 87 މެންބަރުންގެ ދެބައިކުޅަ އެއްބައި މެންބަރުންނެވެ.

މަޖިލީހުގެ ދަފްތަރު މިހާރު އޮތް ގޮތަށް ބަލާއިރު ސަރުކާރަށް ތާއީދު ކުރާ 56 މެމްބަރުން އަދިވެސް މަޖިލީހުގައި އެބަތިއްބެވެ.

comment ކޮމެންޓް