ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު އިސްވެ އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވައިލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމާ ދެކޮޅަށް މަސައްކަތްކޮށް އެ ކަން ކާމިޔާބުކުރައްވާނެކަމަށް ރައީސް މައުމޫން ވިދާޅުވެއްޖެއެވެ.
މައުމޫން މި ފަދައިން ވިދާޅުވީ އީސީގެ ނިންމުމަކީ ކޮރަޕްޝަން އެކުލެވޭ ނުފޫޒުން ނިންމި ނިންމުމެއްކަމަށް ވިދާޅުވެ އެ ޕާޓީގެ ރައީސް ފާރިސް މައުމޫން ނުރުހުން ފާޅުކުރައްވައި ކުރެއްވި ޓްވީޓަކަށް ދެއްވި ކުރެއްވި ރިޕްލައިގައެވެ.
އިލެކްޝަންސް ކޮމިޝަނުން އެމްއާރްއެމް އުވައިލުމަށް ނިންމީ މިއަދެވެ. އެފަދައިން ނިންމީ އެ ޕާޓީގައި 3،000 މެމްބަރުން ހަމަނުވާކަމަށް ބުނެއެވެ.
އެއާއެކު އެ ޕާޓީގެ ރައީސް މައުމޫން ވެސް ވަނީ ނުރުހުން ފާޅުކުރައްވައިފައެވެ. އެގޮތުން ފާރިސް ވިދާޅުވީ އެމްއާރްއެމްގައި މެމްބަރުން ހަމަނުވާކަމަށް ބުނެ އެ ޕާޓީ އުވައިލަން ނިންމިކަން އެ ކޮމިޝަނުން އެންގިކަމަށެވެ.
ނަމަވެސް އެ ނިންމުމަކީ، ކޮރަޕްޝަންގެ ނުފޫޒު އެކުލެވިގެންވާ ނިންމުމެއްކަމަށް ފާރިސް ވިދާޅުވިއެވެ. އަދި އެއީ ގާނޫނީ ތަރަހައިން ބޭރުން ނިންމި ނިންމުމެއްކަމަށް ވެސް ފާރިސް ވިދާޅުވިއެވެ.
"އެހެންކަމުން، މި ދަނޑިވަޅުގައި އެމްއާރްއެމްގެ ލޮބުވެތި މެންބަރުން ކެތްތެރިކަމާއެކު މި ޕާޓީއާއެކު ދެމިތިއްބެވުމަށް އިލްތިމާސްކުރަމެވެ.
އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވާ މި ނިންމެވުމަކީ، ކޮރަޕްޝަންގެ ނާޖާއިޒު ނުފޫޒު އެކުލެވިގެން، ޤާނޫނީ ތަރަހައިން ބޭރުން ނިންމަވާފައިވާ، ޒިންމާދުރުކަން ކުޑަ ނިންމުމެއް ކަމުގައި ދެކެމެވެ،" ފާރިސް ކުރެއްވި ޓްވީޓެއްގައި ވެއެވެ.
އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން -- ސަން ފަޔާޒު މޫސާ
އޭނާ ވިދާޅުވީ އެމްއާރްއެމް އުވައިލަން ނިންމުމުން ދޭހަވަނީ ގައުމުގައި ކޮރަޕްޝަން އޮތް މިންވަރުކަމަށެވެ. އަދި ގާނޫނީ ބާރު ހިންގުމަށް ސަރުކާރު 'ނުކުޅެދިފައި' އޮތް މަންޒަރު އެކަމުން ހާމަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފާރިސް ވެސް ވަނީ އިލެކްޝަންސް ކޮމިޝަނުގެ ނިންމުމާ ދެކޮޅަށް މަސައްކަތްކޮށް، ކާމިޔާބު ކުރައްވާނެކަމަށް ވިދާޅުވެފައެވެ.
"ފަސާދައާއި، ނާޖާއިޒު މަންފާ ހޯދުމަށް ހިންގޭ ސިޔާސީ މިފަދަ ހުތުރު އަމަލުތަކުން ސަލާމަތްކުރުމަށް، އަޅުގަނޑުމެންގެ ޕާޓީގެ ލޮބުވެތި މެންބަރުންނާއި، އަދި ޕާޓީއަށް ހެޔޮ އެދިވަޑައިގަންނަވާ އެންމެހާ ފަރާތްތަކުން، ސާބިތުކަމާއެކު ދެމި ތިއްބަވައި، މި މުހިއްމު މަސައްކަތުގައި އަޅުގަނޑުމެންނާ ބައިވެރިވެވަޑައިގެން ދެއްވުމަށް ދަޢުވަތު އަރުވަމެވެ،" އޭނާ ވިދާޅުވިއެވެ.