މެންބަރުން ހަމަނުވާތީ އެމްއާރުއެމް އުވާލައިފި

ރައީސް މައުމޫން އަބްދުލް ގައްޔޫމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ޕާޓީ އުވާލީ 3،000 މެންބަރުން ހަމަނުވާތީ ކަމަށެވެ.

"މެންބަރުން ހަމަނުވެގެން އެ ބޭފުޅުން ހުށަހެޅުއްވި ފޯމްތަކަށް އަޅުގަނޑުމެން ބަލާލާއިރު 140ކަށް ފޯމް ހުށަހެޅުއްވި އެހެންނަމަވެސް އޭގެ ތެރެއިން އަޅުގަނޑުމެންގެ ފުރަތަމަ ޗެކިންގަ ވެސް 66 ފޯމް ސައްހަ ވެގެން ދިޔައީ،" ހަބީބް ވިދާޅުވިއެވެ.

ގާނޫނުގައި ބަޔާންކޮށްފައިވާ 3،000 މެންބަރުން ހަމަނުވާ ޕާޓީތަކަށް ތިން މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު އުވާލާނެ ކަމުގެ ނޯޓިސް އިލެކްޝަންސް އިން މިދިޔަ އަހަރުގެ ޖޫން މަހު ދިން އިރު، އެ ޕާޓީތަކުގެ ތެރޭގައި އެމްއާރްއެމް ހިމެނެއެވެ. އެގޮތުން އޭރު އެޕާޓީގައި ތިބީ 2،300 މެމްބަރުންނެވެ.

އެއަށް ފަހު، މެންބަރުން ހަމަނުވާތީ މިދިޔަ ފެބްރުއަރީ މަހު ވެސް އީސީން އެ ޕާޓީއަށް ނޯޓިސް ދިނެވެ. އެމްއާރުއެމްއިން އޭގެ ފަހުން ސޮއި ހަމަކޮށްފައިވާ ކަމަށް ބުނެ، އީސީއަށް ފޯމް ހުށަހަޅާފައިވެއެވެ.

އީސީގެ ވެބްސައިޓުގައިވާ ގޮތުން، މިއަހަރުގެ ފެބުރުވަރީ މަހުގެ 21ގެ ނިޔަލަށް އެ ޕާޓީގައި ތިބި މެންބަރުން އަދަދަކީ 2981 އެވެ.

އެމްއާރުއެމް އުވާލާފައި ވަނީ، އަންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއިދުކުރަން ނިންމައި އެ ޕާޓީގެ އަށް މެންބަރަކު މިމަހުގެ ކުރީކޮޅު ޕާޓީން އިސްތިއުފާދިން ފަހުންނެވެ. އިސްތިއުފާ ދިން މެންބަރުންގެ ތެރެއިން ހަތް މެންބަރުންނަކީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި ފަރާތްތަކެވެ.

މި ސަރުކާރުގެ ގިނަ މަގާމުތަކެއްގައި އެމްއާރުއެމްގެ ބޭފުޅުން އެބަތިއްބެވެ. އެ ޕާޓީގެ ތިން މިނިސްޓަރުން މި ވަގުތު ވެސް ސަރުކާރުގައި އެބަތިއްބެވެ. އޭގެ އިތުރުން ވެސް އެކި މަގާމުތަކުގައި އެ ޕާޓީގެ މެންބަރުން އެބަތިއްބެވެ. އޭގެ ތެރޭގައި ރައީސް ޞާލިޙަށް ތާއީދު ކުރައްވާ ބޭފުޅުން ވެސް ހިމެނެއެވެ.

އެހެންއެކަން އޮށްވައި އެމްއާރުއެމްގެ ނައިބު ރައީސް އައިމިނަތު ނާދިރާ، މިމަހުގެ ތިން ވަނަ ދުވަހު ވަނީ ޗާގޯސް މައްސަލައިގައި ކުރީގެ ބަންޑާރަ ނައިބު ޑރ. މުޙައްމަދު މުނައްވަރާއި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގެން އެމްއާރުއެމް ތަމްސީލް ކުރައްވާފައެވެ. އޭގެ ސަބަބުން އެމްއާރުއެމްގެ ތެރޭގައި ދެބަސްވުން އުފެދި، ބައެއް މެންބަރުން ޕާޓީއިން ވަކިވާ ހިސާބަށް ދިޔައީއެވެ.

comment ކޮމެންޓް