ރާއްޖޭގެ ކަނޑުގައި ވަގަށް މަސްވެރިކަން ކުރި ބޭރުގެ އުޅަނދެއް އަތުލައިގެންފި

ރާއްޖޭން ވަގަށް މަސްވެރިކަން ކުރަމުންދަނިކޮށް އަތުލައިގަތް ބޭރުގެ އުޅަނދު -- ފޮޓޯ/ އެމްއެންޑީއެފް

ގާނޫނާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ، މަސްވެރިކަން ކުރި ބޭރުގެ އުޅަނދެއް އެމްއެންޑީއެފުން މިއަދު އަތުލައިގެންފިއެވެ.

އެމްއެންޑީއެފުން ބުނީ ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގެ ތެރޭގައި ގާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ އުޅަނދެެއް އެމްއެންޑީއެފް ކޯސްޓްގާޑް ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މި އުޅަނދާބެހޭ އިތުރު މައުލޫމާތު އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.

މީގެ ކުރިން ވެސް އެކި ފަހަރު މަތިން، ބޭރުގެ މަސްބޯޓުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަމުންދަނިކޮށް ކޯސްޓްގާޑުން ހިފަހައްޓާފައިވެއެވެ.

މީގެ ތެރޭގައި ބައެއް ފަހަރު ހާލުގައި ޖެހިފައިވާ މީހުންނާ އެކު ވެސް ބޯޓުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެނިފައިވާ އިރު ގިނަ ބޯޓްތަކާއި މީހުން އަނބުރާ ގައުމުތަކަށް ފޮނުވާލައެވެ.

ސަރުކާރުގެ ހުއްދަ ކުރިން ހޯދުމަކާ ނުލާ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަ ބޭރުގެ އުޅަނދު ފަހަރު ޖޫރިމަނާ ކުރެވޭނެއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހިމާޔަތްކުރުމަށް އެމްއެންޑީއެފްގެ ކޯސްޓުގާޑުން އަންނަނީ އަވަށްޓެރި ޤައުމުތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

comment ކޮމެންޓް