ރާއްޖެ އާއި ޗާގޯސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލަ ނިންމާފައިވާ ގޮތް ދިރާސާކޮށް، ރައުޔެއް ނެރުމަށް ރާއްޖޭގެ ބާ ކައުންސިލުން ނިންމާފައިވާތީ، އެ ވިސްނުން ދޫކޮށްލުމަށް އިލްތިމާސްކޮށް، ކުރީގެ ތިން ބަންޑާރަ ނައުބަކު އެ ކައުންސިލުގެ ރައީސް އިސްމާއީލް ވިޝާމަށް ސިޓީއެއް ފޮނުއްވައިފިއެވެ.
މި ސިޓީއަކީ ކުރީގެ ތިން ބަންޑާރަނައިބުން ކަމަށްވާ ޑރ. މުހައްމަދު މުނައްވަރާއި އާއިޝަތު އާޒިމާ ޝަކޫރާއި ފާތިމަތު ދިޔާނާ ސައީދު ސޮއިކުރައްވާ ފޮނުއްވައިފައިވާ ސިޓީއެކެވެ.
އެ ސިޓީގައި ވަނީ ރާއްޖޭގެ ޚާއްސަ އިގްތިޞާދީ ސަރަހައްދުކަމަށް ބުނާ ސަރަހައްދު، ފުށުއަަރާކަމަށް ބުނެ އެ ފުށުއަރާ ސަރަހައްދު ހަމަހަމައަށް ބެހުމަށް މޮރިޝަސްއިން ރާއްޖޭގެ މައްޗަށް ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (އަންކްލޮސް)ގެ ދަށުން އުފައްދައިފައިވާ އިންޓަނޭޝަނަލް ޓްރިބިއުނަލް އޮން ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އަށް ހުށަހެޅި މައްސަލައިގައި ގާނޫނުން ކަނޑައަޅައިފައިވާ ސަރަހައްދު ގާނޫނާ ޚިލާފަށް ދޫކޮށްލައިފައިވަ ކަމަަށެވެ.
ރާއްޖޭގެ މަސްވެރިން ޒަމާނުއްސުރެ ބޭނުން ކުރަމުން އައި 200 ނޯޓިކަލް މޭލުގެ ޚާއްސަ އިގްތިޞާދީ ސަރަހައްދުން 45،331 އަކަކިލޯމީޓަރުގެ ސަރަހަައްދު ގާނޫނާ ޚިލާފަށް ދޫކޮށްލައިފައިވުމަކީ ރައްޔިތުންނާއި ސަރުކާރާ ދެމެދު ޚޫޞޫމަތެއް އުފެދިފައިވާ މައްސަލައެއް ކަމަށް ވެސް އެ ސިޓީގައި ވެއެވެ.
މި މައްސަލައިގައި ރާއްޖޭގައި ވެރިކަން ކުރައްވައިފައިވާ ބޭފުޅުންނާއި މަޖިލީހުގެ މެންބަރުންނާއި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ހާރިޖީ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅުންނާއި ގާނޫނީ ފަންނުގެ ބޭފުޅުންނާއި ދީނީ އިލްމުވެރިންނާއި ޖަމިއްޔާތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން ކަމަށް ވެސް ސިޓީގައި ވެއެވެ.
މި ކަން މިހެން ހިނގަމުންދަނިކޮށް ރާއްޖޭގެ ގާނޫނީ ވަކީލުންގެ ކަންކަން ބެލެހެއްޓުމަށް އުފައްދައިފައިވާ ބާ ކައުންސިލްގެ އެގެޒެކްޓިވް ކޮމިޓީގައި ހިމެނޭ އެ ކައުންސިލްގެ ރައީސް އާއި އެހެން މެންބަރުން މި މައްސަލައިގައި ޓްވީޓްކުރައްވައި ވާހަކަދައްކަވައިފައިވާކަމަށް ވެސް އެ ސިޓީގައިވެއެވެ.
އެހެންވެ، ކަންކަން އިސްފަސްވުމުގެ ސަބަބުންނާއި ނިޔަތާމެދު ސުވާލު އުފެދޭ ހާލަތު މަތިވެ އޮތުމުން މި މައްސަލައިގައި ރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުން ތަޞައްވަރުކުރާފަދަ ފަންނީ ދިރާސާއެއްކޮށް އެ ދިރާސާގެ މައްޗަށް ރައުޔެއް ހާމަކުރުމުގެ ފުރުސަތު އެ ކޮމިޓީއަށް ގެއްލިފައިވާކަމަށް އެ ސިޓީގައި ވެއެވެ.
މީގެ އިތުރުން، ބަންޑާރަ ނައިބަކީ އެ ކޮމިޓީގެ މެބްބަރަކަށް ވާއިރު، މި މައްސަލައާ ގުޅިގެން ބަންޑާރަނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލައެއްް މަޖިލީހަށް ހުށަހަޅައިފައި އޮއްވާ އެ ކޮމިޓީން މި މައްސަލައިގައި ރައުޔެއް ނެރުމަކީ މަސްހަލަތު ފުށުއެރުމަށް މެދުވެރިވާ ސަބަބެއްކަމަށް ވެސް ބުނެފައިވެއެވެ. އަދި މިއީ ބާ ކައުންސިލްގެ އުސޫލުތަކުގެ ދަށުން ފަރުވާދެވޭނެކަމެއް ކަމަށް ނުދެކޭ ކަމަަށް ބުނެފައިވެއެވެ.
ރާއްޖޭގައި މަސައްކަތްކުރާ އެންމެހާ ގާނޫނީ ވަކީލުންނަކީ ބާ ކައުންސިލްގެ މެންބަރުންކަމަށްވާއިރު، މިފަދަ ބޮޑު ދުސްތޫރީ މައްސަލައެއްގައި މުޅި ބާ ކައުންސިލުގެ ރައުޔުކަމަށް ދޭހަވާފަދަ ރައުޔެއް އެކުލަވައިލުމުގެ ގާނޫނީ ބާރު އެގްޒެކްޓިވް ކޮމިޓީއަށް އޮންނާނެކަމީ ޗެލެންޖުކުރެވޭނެ ކަމެއް ކަމަށް ވެސް އެ ސިޓީގައިވެއެވެ.
އެކަންކަން އެހެން ހުރުމުން މި މައްސަލައިގައި ބާ ކައުންސިލުގެ ރައުޔެއް ހާމަކުރެއްވުމުގެ ވިސްނުންފުޅު ދޫކޮށްލެއްވުމަށް އެ ބޭފުޅުން ވަނީ އިލްތިމާސްކުރައްވައިފައެވެ.
ރާއްޖެ އާއި ޗާގޯސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނާ ބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުން، ރާއްޖޭގެ ބާ ކައުންސިލުން ދިރާސާ ކުރަން މި މަހުގެ 15 ވަނަ ދުވަހު ވަނީ ނިންމަވައިފައެވެ.