ހުޅުމާލޭގައި ހުންނަ އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގެ މަސައްކަތް ނިމިއްޖެ

އިކޮނޮމިކް މިނިސްޓްރީއިން ކުރިޔަށްގެންދިޔަ ރީއިންޓެގްރޭޝަން ޕްރޮގްރާމުގައި ބައިވެރިވާން ދިޔަ ބިދޭސީންތަކެއް --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ގަވާއިދާ ޚިލާފަށް އުޅޭ ބީދޭސީން ބެހެއްޓުމަށް ހުޅުމާލޭގައި އިމިގްރޭޝަނުން ގާއިމުކުރާ ޑިޓެންޝަން ސެންޓަރުގެ މަސައްކަތް ނިމިއްޖެ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަންގެ މީޑިއާ އޮފިސަރު މިފްތާޙް މުޙައްމަދު މިރޭ "ސަން"އަށް ވިދާޅުވި ގޮތުގައި އެ ސެންޓަރުގެ އިމާރާތުގެ މަސައްކަތް އެއްކޮށް ނިމިފައިވާއިރު، މިހާރު ކުރިޔަށް ދަނީ އެތަން އޮޕަރޭޝަނަށް ގެންނަން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަކެވެ.

އެހެންނަމަވެސް އެތަން ބޭނުންކުރަން ފަށާނެ ސީދާ ތާރީޙެއް އޭނާ ވިދާޅެއް ނުވެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށް ނިންމާފައިވާ އިމިގްރޭޝަން ޑިޓެންޝަން ފެސިލިޓީ ހުންނަ ސަރަހައްދު --- ފޮޓޯ/ގޫގުލް އާތު

އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދާ ބިދޭސީން ބައިތިއްބާ މި ސެންޓަރަކީ މިހާރު މާލޭގައި ހުންނަ އިމިގްރޭޝަން ޑިޓެންޝަން ސެންޓަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން ފެށި މަސައްކަތެކެވެ. ކަމާ ގުޅުންހުރި އިދާރާތަކުން ބުނަނީ ޤަވާއިދާ ޙިލާފަށް އުޅޭ ބިދޭސީން ގިނަވާ މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބެން އޮތީ ޖާގަ ބޮޑު ޑިޓެންޝަން ސެންޓަރު ގާއިމް ކުރެވިގެން ކަމަށެވެ.

އެގޮތުން މި މައްސަލައާ ގުޅިގެން މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް، އިމިގްރޭޝަން ހާޒިރުކުރުމުން އެ އިދާރާއިން ބުނީ ޑިޓެންޝަން ސެންޓަރުގެ މަސައްކަތް އެ އަހަރުގެ އޭޕްރީލް މަހަށް ނިމޭނެ ކަމަށެވެ.

އޭރު އިމިގްރޭޝަނުގެ އޮފިޝަލުން މަޖިލީހަށް ހާޒިރުކުރީ ވެސް އެ ސެންޓަރުގެ މަސައްކަތް ނުނިމި ލަސްވާ މައްސަލައިގައެވެ. އެކަމާ ގުޅިގެން މެމްބަރުން ސުވާލުކުރުމުން އިމިގްރޭޝަނުން ބުނީ އެ މަސައްކަތް ލަސްވީ މަސައްކަތް ކުރާ ސައިޓުގައި ހުރި ބައެއް ސާމާނު ވަގަށް ގެންދިޔުމުން ކަމަށެވެ.

އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި ހުޅުމާލޭގައި އިމާރާތްކޮށް ނިންމާފައިވާ ޑިޓެންޝަން ފެސިލިޓީއަކީ އެއްފަހަރާ 200 މީހުން ބޭތިއްބޭ ޖާގައިގެ ތަނެކެވެ. މިތަން އިމާރާތްކުރަން ހަމަޖެއްސީ ދެ މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

comment ކޮމެންޓް