ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯއަކީ ދުނިޔޭގެ އެންމެ މޮޅު ތިން ކޯޗުންގެ ތެރޭގައި ހިމެނޭ ކޯޗެއް ކަމަށް ސެވިއްޔާގެ ކްރޮއޭޝިއާ މިޑްފީލްޑަރު އިވާން ރަކިޓިޗް ބުނެފިއެވެ.
މޮރީނިއޯ ވަނީ އޭނާ އިރުޝާދު ދިން ކޮންމެ ކްލަބަކާއެކު ވެސް ކާމިޔާބީތަކެއް ހޯދައިފައެވެ. އޭނާގެ ވަނީ ރޯމާގެ އިތުރުން ޕޯޓޯ އާއި ޗެލްސީ އާއި އިންޓަ މިލާނާއި ރެއާލް މެޑްރިޑް އަދި މެންޗެސްޓާ ޔުނައިޓެޑަށް ވެސް ކާމިޔާބީތަކެއް ހޯދައިދީފައެވެ. ރޯމާގެ ތާރީހުގައި އެ ކްލަބަށް ޔޫރަޕްގެ ތައްޓެއް ހޯދައިދިން ހަމައެކަނި ކޯޗަކީ ވެސް މޮރީނިއޯއެވެ. މިދިޔަ ސީޒަނުގެ ޔޫއެފާ ކޮންފަރެންސް ލީގުގެ ޗެމްޕިއަންކަން ހޯދުމަށްފަހު، މިސީޒަނުގެ ޔޫރޮޕާ ލީގުގެ ފައިނަލުގައި ރޯމާއާއެކު ސެވިއްޔާއާ ދެކޮޅަށް މޮރީނިއޯ ނުކުންނާނެއެވެ.
ރެއާލަށް މޮރީނިއޯ އިރުޝާދު ދިން ދުވަސްވަރު، ވާދަވެރި ބާސެލޯނާއަށް ކުޅުނު ރަކިޓިޗް ބުނީ ޔޫރޮޕާ ލީގުގެ ފައިނަލު މެޗު ވަރަށް އުނދަގޫވާނެ ކަމަށާއި އެ މެޗުގައި ސެވިއްޔާއާ އިދިކޮޅަށް ނުކުންނަ ރޯމާގެ ކޯޗަކީ ދުނިޔޭގެ އެންމެ މޮޅު އެއް ކޯޗު ކަމަށެވެ.
"މޮރީނިއޯ އަކީ އެންމެ މޮޅު ތިން ކޯޗުންގެ ތެރޭގައި ހިމެނޭ ކޯޗެއް. މޮރީނިއޯގެ ކެރިއަރުގައި އޭނާ ވަނީ ޔޫރަޕުގެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފައި. މޮރީނިއޯއަކީ ހުރިހާ ގޮތަކުން ބެލިޔަސް، ތަފާތު އަދި ހާއްސަ ކޯޗެއް،" ޔޫރޮޕާ ލީގުގެ ފައިނަލަށް ސެވިއްޔާ ގެންގޮސްދިނުމުގައި އިސްދައުރެއް އަދާކުރި މިޑްފީލްޑަރު ރަކިޓިޗް ބުންޏެވެ.
މޮރީނިއޯ ވަނީ ޕޯޗުގަލާއި އިނގިރޭސިވިލާތާއި އިޓަލީ އަދި ސްޕެއިންގައި ވެސް ލީގު ޗެމްޕިއަންކަން ހޯދައިފައެވެ. އޭގެ އިތުރުން އޭނާ ވަނީ ދެ ފަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކޮށްފައެވެ.
ޔޫރޮޕާ ލީގުގެ ފައިނަލުގައި ސެވިއްޔާ އާއި ރޯމާ ނުކުންނަން ޖެހޭނީ މިމަހުގެ 30 ވަނަ ދުވަހުގެ ރޭ 12:00 ގައެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހަންގޭރީގެ ޕުސްކަސް އެރީނާގައެވެ.