ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ސޯޝަލް ހައުސިން ފުލެޓެއްގައި ލޭބާ ކުއާޓަރު ހަދައި ބިދޭސީންނަށް ކުއްޔަށްދިން މައްސަލައެއްގައި, ފިޔަވަޅު އެޅުމުން، މިހާރު އެ ފްލެޓުގައި ދިރިއުޅެނީ އެ ތަން ލިބުނު މީހުންކަމަށް އެފްޑީސީން މިއަދު ބުނެފިއެވެ.
މި މަހުގެ 11ވަނަ ދުވަހު އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ޙަމްދާން ޝަކީލް 'ސަން'އަށް ވިދާޅުވީ، ފަހި ފުލެޓުގައި އުޅޭ މީހަކު ލޭބާ ކުއާޓަރު ހިންގާކަމަށް، އެ ކޯޕަރޭޝަނުގެ މުވައްޒަފުން ބެލިބެލުމުން ފާހަގަވެފައިވާ ކަމަށެވެ.
އެހެންވެ ފުލެޓު އެއްބަސްވުމުގައިވާ ގޮތަށް، އެ މީހާ ބައިލައްކަ ރުފިޔާއިން ޖޫރިމަނާކުރިކަމަށް، ޙަމްދާން ވިދާޅުވިއެވެ. އަދި އެ ފުލެޓުން ބިދޭސީން ނެރެން ދިހަ ދުވަސް ދިނެވެ.
އެ މުއްދަތު މިހާރު ހަމަވެފައިވާއިރު، މިއަދު "ސަން"އިން ސުވާލުކުރުމުން ހަމްދާން ވިދާޅުވީ، އެފްޑީސީން ބަލައިފާސްކުރިއިރު މިހާރު އެ ތަނުން ބިދޭސީން ނެރެ، ދިރިއުޅެމުން އަންނަނީ ތަން ލިބުނު އަސްލު ވެރިން ކަމަށެވެ.
ފަހި ފުލެޓުތަކަކީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ދޫކުރި 4،000 ފުލެޓެވެ.
ފާހަގަކުރެވޭ ގޮތުގައި ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ސޯޝަލް ހައުސިން ފްލެޓުތައް ބިދޭސީންނަށް ކުއްޔަށް ދޫކޮށްފައިވާނަމަ، އެ ފުލެޓުތައް ހުސްކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިދިޔަ ޑިސެންބަރު މަހުގެ ފަހުކޮޅު އަންގާފައިވެއެވެ. މިދިޔަ ޖަނަވަރީ މަހުގެ ތިންވަނަ ދުވަހުގެ ކުރިން އެ ފުލެޓުތަކުން ބިދޭސީން ހުސްނުކުރާ ނަމަ، އެއްބަސްވުން އުވާލާނެ ކަމަށް އެ ކޯޕަރޭޝަނުން އޭރު ބުންޏެވެ.
ދައުލަތުން ބޮޑެތި ލޯނުތައް ނަގައިގެން އިމާރާތްކޮށްފައިވާ ހުޅުމާލޭގެ ސޯޝަލް ހައުސިން ޔުނިޓުތަކުގައި، ފްލެޓް އެއްބަސްވުމާ ޚިލާފަށް ގިނަ ބަޔަކު ދިރިއުޅެއެެވެ. އެއް ބަޔަކު ގަވައިދުން ކުލި ނުދައްކާއިރު، އެ ތަންތަން ބޮޑު އަގުގައި ކުއްޔަށްދީފައި ވެސް އެބަހުއްޓެެވެ. ނަމަވެސް މިހާތަނަށް އެޗްޑީސީން އެޅި ފިޔަވަޅެއް ހާމައެއް ނުކުރެއެވެ.