މޭރީގެ މަރު: ފަހު ވަގުތު މޭރީ ދެއްކި ވާހަކަތަކާއި މަރުގެ ކުއްލި ޚަބަރުގެ ވާހަކަ އެކުވެރިއެއްގެ ދުލުން

ފިލިޕީންސްގެ ނަރުސް މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ އުފުލާފައިވާ ދިވެހި ނަރުސް ހަލީމަތު ލަމްހާ އަބްދުއްރަހްމާން --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުސް، މޭރީ ގްރޭސް އޮނެޑް ޕިނެޑާ މަރުވި ދުވަހު ވެސް ޑިއުޓީއަށް ނިކުމެފައިވާއިރު އެ ދުވަހު އޭނާއާ އެކު އުޅެ އަދި އޭނާގެ ދިރިއުޅުމުގެ ބައެއް ވާހަކަތައް ހިއްސާކޮށްފައިވާ މީހެއްގެ ހެކިބަސް ނަގައިފިއެވެ.

ދަންޖެހިގެން ޚަބަރު ހުސްވެފައިކަމަށް ބުނެ މޭރީގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އޭނާގެ މަރުގައި ޝައްކު ކުރެވޭ ފަދަ ކަންތައްތަކެއް ހުރުމުން ފިރިމީހާ މާވިން ހައްޔަރު ކުރީ އެ މަހުގެ 27 ވަނަ ދުވަހުއެވެ. އަދި މާވިންގެ ދިވެހި ލޯބިވެރިޔާ ހަލީމަތު ލަމްހާ އަބްދުއްރަހްމާން ހައްޔަރު ކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.

އެ މައްސަލައާ ގުޅިގެން މާވިންއަށް ވަނީ ގަސްދުގައި މީހަކު މަރާލިކަމުގެ ދައުވާ ކޮށްފައެވެ. އަދި ލަމްހާއަށް ވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން ދެ ދައުވާއެއް އުފުލައިފައެވެ. އެއީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ.

އެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ތިން މީހެއްގެ ހެކިބަސް ނަގާފައިވާއިރު އޭގެ ތެރޭގައި މޭރީގެ ގާތް އެކުވެރިއަކު ހިމެނެއެވެ.

އައިޖީއެމްއެޗްގެ ޑައިލެސިސް ސެންޓަރުގައި މޭރީއާ އެކު މަސައްކަތްކުރި ދިވެހި ނަރުހަކު ހެކިބަސް ދެމުން ބުނީ, މޭރީއާ މާވިން މައްސަލަ ޖެހިގެން އުޅޭ ވާހަކަތައް މޭރީގެ ދުލުން ކިޔައިދީފައިވާ ކަމަށެވެ. އަދި އެ ދެ މީހުން މައްސަލަ ޖެހެން ދިމާވީ މާވިންއާ އެކު އައިޖީއެމްއެޗް އެމަޖެންސީ ޑިޕާޓްމެންޓްގައި މަސައްކަތްކުރި ލަމްހާގެ ސަބަބުން ކަމަށް ވެސް މޭރީ ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ.

އަނބިމީހާ މަރާލި ކަމުގެ ދައުވާ އުފުލާފައިވާ ފިލިޕީންސްގެ ނަރުސް މާވިން --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

އެގޮތުން މާވިންއާ ލަމްހާއާ ދެމެދު ލޯބީގެ ގުޅުން އޮންނަކަން ރޮމުން މޭރީ ކިޔައިދިން ކަމަށް އޭނާ ބުންޏެވެ. އަދި ރާއްޖެއިން އޭނާއަށް ގެއްލުމެއް ލިބިއްޖެ ނަމަ އެކަމުގެ ފަހަތުގައި ހުންނާނީ ލަމްހާ ކަމަށް ވެސް މޭރީ ވަނީ އެކުވެރިޔާ ގާތު ބުނެފައެވެ. މޭރީގެ ދިރިއުޅުމުގެ ވަރަށް ގިނަ ވާހަކަތަކެއް އެކުވެރިޔާއާ ހިއްސާކުރިއިރު މޭރީ މަރުވުމުގެ މަހެއްހާ ދުވަސް ކުރިން އުޅުނީ އުފަލުގައި ކަމަށް އޭނާ ކިޔައިދިނެވެ. އަދި މާވިންއާ ލަމްހާއާ ގުޅުމެއް ނޯންނަ ކަމަށް ފަހުން މޭރީ ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ.

މޭރީ ދިޔައީ އާއިލާއާ އެކު ޗުއްޓީއަކަށް ދިއުމަށް ތައްޔާރުވަމުން

މޭރީ މަރުވި ދުވަހުވެސް އޭނާ ވަނީ ޑިއުޓީއަށް ނިކުމެފައެވެ. މެންދުރު 12 ޖެހިއިރު ބްރޭކަށް ގެއަށް ދިޔައީ, އައިޖީއެމްއެޗްގެ އެޗްއާރުގައި އޮތް އޭނާގެ ޕާސްޕޯޓް ނަގައިގެން ކަމަށް ހެކިވެރިޔާ ކިޔައިދިނެވެ. އަދި އެ ދުވަހު ބްރޭކަށް ދިއުމުގެ ކުރިން ވެސް ހުރީ ވަރަށް އުފަލުން ކަމަށާއި ހީ ސަމާސަކޮށް ބްރޭކް ނިންމާފައި އަންނާނެ ކަމަށް އޭނާ ބުނި ކަމަށް ވެސް އޭނާ ކިޔައިދިނެވެ.

އައިޖީއެމްއެޗްގައި އޮތް ޕާސްޕޯޓް ނަގައިގެން ދިޔައީ އައިލާއާ އެކު ޗުއްޓީއަކަށް ދިއުމަށް ކަމަށް އެކުވެރިޔާ ކިޔައިދިނެވެ.

ނަމަވެސް ބައި ގަޑިއެއްހާއިރުގެ ބްރޭ ގަޑި ޖެހުނު އިރުވެސް މޭރީ ޑިއުޓީއަށް އައިސްފައި ނުވާއިރު ދެން އަޑުއިވުނީ އެމަޖެންސީގައި އައިޖީއެމްއެޗަށް ގެނައި ޚަބަރު ކަމަށް އޭނާ ކިޔައިދިނެވެ. ވަގުތުން އެމަޖެންސީއަށް ދިޔައިރު އެތަނުން މާވިންއާ ދިމާވެ ކަންވީ ގޮތް އޭނާ ގާތުން އޮޅުން ފިލުވި ކަމަށް ވެސް ބުންޏެވެ.

އެގޮތުން މާވިންއާ ހަވާލާދީ މޭރީގެ އެކުވެރިޔާ ބުނީ, މޭރީ ހޮސްޕިޓަލަށް ގެންދިޔައީ ދަންޖެހިގެން ކަމަށާއި އެކަން މެދުވެރިވީ ދެ މީހުން ޒުވާބެއް ކުރުމަށްފަހު މާވިން ބޭރަށް ނިކުމެލި ވަގުތު ކަމަށެވެ.

ނަމަވެސް މޭރީގެ ހަށިގަނޑުން ދަންޖެހުމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށް ބުންޏެވެ.

ދިވެހި ނަރުސް ލަމްހާ މީގެ ކުރިން "ސަން"އަށް ދިން އިންޓަވިއުއެއްގައި ވަނީ އޭނާ އާއި މާވިންއާ ދެމެދުގައި ލޯބީގެ ގުޅުމެއް އޮތް ކަމަށް ބުނެފައެވެ. މޭރީ ގްރޭސް މަރުވުމުގެ އެއް ދުވަސް ކުރިން އެ ދެ މީހުންގެ ގުޅުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވެސް ލަމްހާ ކިޔައިދިނެވެ. ލަމްހާ ކިޔައިދިންގޮތުގައި މޭރީގެ މަރަށް ފަހު އެ ދެ މީހުން ލޯބީގެ ގޮތުން އަލުން ގުޅެން އޮތީ ނިންމާފައެވެ.

comment ކޮމެންޓް