އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނަށް މި އަހަރުގެ އޭލެވެލް އިމްތިހާނުގައި ބައިވެރިނުވެވޭ ގޮތް ވެއްޖެ ކަމަށް ބުނެ އެ ސްކޫލުގެ ބައެއް ބެލެނިވެރިންގެ ޝަކުވާކުރަން ފަށައިފިއެވެ.
އަރަބިއްޔާގެ ބެލެނިވެރިންގެ ފަރާތުން މައްސަލަތަކުގައި ކަންބޮޑުވުން ފާޅުކުރާ 'އަރަބިއްޔާ ފެމިލީ' ޓްވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ލިޔެފައިވާ ގޮތުގައި، އަރަބިއްޔާ ސްކޫލުގެ މެނޭޖުމަންޓުގެ ފަރުވާ ކުޑަ ކަމުން އެ ސްކޫލުގެ މި އަހަރުގެ އޭލެވެލްގެ "އަރަބިކް އޭޒް ފަސްޓް ލެންގުއޭޖް" ކޭމްބްރިޖް ޓެސްޓު ގެއްލިފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން މިހާތަނަށް ސްކޫލުން ބެލެނިވެރިންނަށް ސާފު ޖަވާބެއް ދީފައި ނުވާ ކަމަށް ވެސް ބުނެފައިވެއެވެ.
އެ ޓްވީޓުގައި އިތުރަށް ވަނީ، މެނޭޖްމަންޓުން ވަކިވަކި ބެލެނިވެރިންނާ ބައްދަލުކޮށް އަރަބިކް އޭޒް ފަސްޓް ލެންގުއޭޖް އިމްތިހާނު ހަދަން ބޭނުން ނުވާ ކަމަށް ބުނުވަން މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތުތައް, ބައެއް ބެލެނިވެރިންނާ ހަވާލާދީ, އަރަބިއްޔާ ސްކޫލުގެ މެނޭޖްމަންޓަށް އަމާޒުކޮށްފައެވެ.
އަރަބިއްޔާގެ ބެލެނިވެރިންގެ ފަރާތުން ވަނީ މި މައްސަލަ ބަލައިދީ، އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އަޅައިދިނުމަށް އެދި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް އާއިި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީގެ އިތުރުން އެޑިޔުކޭޝަން މިނިސްޓްރީއަށް ގޮވާލާފައެވެ.
އޭގެ އިތުރުން ސްކޫލުގެ ހިންގުމާ މިހާރު ހަވާލުވެހުރި އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސެއިން ސައީދު މުހައްމަދު އެ މަގާމުން ވަކި ކޮށްދިނުމަށް ވެސް ގޮވާލާފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ސައީދު އެ މަގާމާ ހަވާލުވީއްސުރެން ފެށިގެން އަރަބިއްޔާގެ ބައެއް ބެލެނިވެރިން އެދެމުން އަންނަ ކަމެކެވެ.

އަރަބިއްޔާ ސްކޫލް ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި، އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ހުސައިން ސައީދު --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
އަރަބިއްޔާގެ ދަރިވަރުންތަކަކަށް އޭލެވަލް އިމްތިހާނު ގެއްލިއްޖެ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ހޯދަން ގުޅުމުން ފޯނަށް ޖަވާބު ނުދޭތީ، މިނިސްޓްރީގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.