ކާވާ ވިމެންސް ޗެލެންޖް ކަޕްގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު ފުރައިފި

ކާވާ ވިމެންސް ޗެލެންޖް ކަޕްގައި ވާދަކުރުމަށް ނޭޕާލަށް ފުރި ގައުމީ އަންހެން ވޮލީ ޓީމު -- ފޮޓޯ/ ވީއޭއެމް

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ޗެލެންޖް ކަޕްގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ އަންހެން ވޮލީ ޓީމު ނޭޕާލަށް ފުރައިފިއެވެ.

ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި ބާއްވާ ކާވާ ވިމެންސް ޗެލެންޖް ކަޕްގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ އަންހެން ޓީމު ފުރާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

މާދަމާ އިން ފެށިގެން މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ މުބާރާތުގައި ރާއްޖެ ހިމެނެނީ ސްރީލަންކާ އާއި ކަޒަކިސްތާން އަދި އުޒްބަކިސްތާނާއެކު "ޕޫލް ބީ" ގައެވެ. "ޕޫލް އޭ" ގައި ހިމެނެނީ ނޭޕާލާއި އިންޑިއާ އާއި ބަންގުލަދޭޝްގެ އިތުރުން ކިރްގިސްތާނެވެ. އެ މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަތައް ލިބިގެންދާނީ ޕޫލް އޭ އަދި ޕޫލް ބީގެ އެއްވަނަ އާއި ދެވަނަ ހޯދާ ޓީމުތަކަށެވެ. ދެން ހިމެނޭ ޓީމުތައް ވާދަކުރަން ޖެހޭނީ ރެލިގޭޝަން ބުރުގައެވެ.

އެ މުބާރާތުގައި ރާއްޖެއިން ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ނުކުންނަން ޖެހޭނީ ކަޒަކިސްތާނާ ދެކޮޅަށެވެ. އެއަށްފަހު އަންނަ އަންގާރަ ދުވަހު އުޒްބަކިސްތާނާ ދެކޮޅަށް ނުކުންނަން ޖެހޭ އިރު، ރާއްޖޭގެ ޓީމުން ބުދަ ދުވަހު ނުކުންނަން ޖެހޭނީ ލަންކާއާ ދެކޮޅަށެވެ.

ބައިނަލްއަގުވާމީ މުބާރާތަކުން ރާއްޖޭގެ އަންހެން ވޮލީ ޓީމު ހޯދި އެންމެ ބޮޑު ކާމިޔާބަކީ 2021 ވަނަ އަހަރު ބޭއްވި އޭޝިއަން ސީނިއާ ވިމެންސް ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ހޯދި ރިހި މެޑަލްއެވެ. ބަންގުލަދޭޝްގައި ކުރިއަށްދިޔަ އެ މުބާރާތުގެ ފައިނަލުގައި ރާއްޖެ ބަލިވީ ނޭޕާލް އަތުންނެވެ. އެ މުބާރާތުގައި ރާއްޖެ އާއި ނޭޕާލްގެ އިތުރުން ބަންގުލަދޭޝް އާއި ކިރްގިސްތާން ވެސް ވާދަކުރިއެވެ.

comment ކޮމެންޓް