43 ޤައުމެއްގައި އެއް ބިލިޔަނަށްވުރެ ގިނަ މީހުން ކޮލެރާގެ ނުރައްކަލަށް: އދ

ދުނިޔޭގެ 43 ޤައުމެއްގައި އެއް ބިލިޔަނަށް ވުރެ ގިނަ މީހުން ކޮލެރާގެ ނުރައްކަލަށް---

ދުނިޔޭގެ 43 ޤައުމެއްގައި އެއް ބިލިޔަނަށް ވުރެ ގިނަ މީހުން ކޮލެރާގެ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް އދ. އިން ބުނެފިއެވެ.

އދ އިން ބުނީ ކޮލެރާއަކީ ފެތުރުން ކޮންޓްރޯލް ކުރެވޭނެ ބައްޔެއް ނަމަވެސް، މި ބަލި ފެތުރުން ކޮންޓްރޯލް ކުރަން ބޭނުންވާ ވަސީލަތްތައް މަދުކަމަށެވެ. ބަލިފެތުރޭ މިންވަރު ދަށްކަމަށް ބުނެ، ބައްޔާ ދެކޮޅަށް ފިޔަވަޅު ނާޅައިފިނަމަ ހާލަތު އިތުރަށް ގޯސްވާނެ ކަމަށް އދ. އިން ވަނީ ބުނެފައެވެ.

މި އަހަރުގެ މިހާތަނަށް 24 ގައުމަކުން ކޮލެރާ ފެތުރިފައިވާކަން ރިޕޯޓްކޮށްފައިވާއިރު، މިދިޔަ އަހަރުގެ މިހާތަނަށް ކޮލެރާ ފެތުރިގެން ރިޕޯޓްކޮށްފައި ވަނީ 15 ގައުމަކުންނެވެ.

އދ. އިން ބުނީ، އާންމުގޮތެއްގައި ކޮލެރާގެ އަސަރު ނުކުރާ ގައުމުތަކަށް އަސަރު ކުރަމުންދާއިރު، ބަލި ޖެހިގެން މަރުވާ މީހުންގެ ނިސްބަތް އުޅެނީ 100 އިން މަތީގައި ކަމަށެވެ.

މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތްތައް ކާމިޔާބު ކުރަން ކުރިއަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި 160 މިލިޔަން ޑޮލަރު ބޭނުންވާ ކަމުގައި ޑަބްލިޔުއެޗްއޯއިން ވަނީ ބުނެފައެވެ. އަދި އދ. ގެ ކުޑަކުދިންގެ ފަންޑް (ޔުނިސެފް) އިން ބުނީ އެ އިދާރާއަށް 480 މިލިޔަން ޑޮލަރު ބޭނުންވާ ކަމަށެވެ.

ޑަބްލިޔުއެޗްއޯގެ އިންސިޑެންޓް މެނޭޖަރު ހެންރީ ގްރޭ ވިދާޅުވީ މި ބަލި ފެތުރުން އިތުރުވެފައި ވަނީ ފަގީރުކަމާއި ހަމަނުޖެހުން އިތުރުވެ، މޫސުމީ ބަދަލުތަކުގެ ނުރައްކާތެރިކަން ބޮޑުވުމުގެ ސަބަބުން ކަމަށެވެ.

"ހަލުވިކަމާ އެކު މި ބަލި ފެތުރޭ ޤައުމުތަކުގެ އަދަދު އިތުރުވެ، ބަލި ޖެހޭ މީހުންގެ މިންވަރު އަންނަނީ އިތުރުވަމުން. އެކަމުގެ ސަބަބުން ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި،" ހެންރީ ގްރޭ

ކޮލެރާ އަކީ ތަޣައްޔަރުވެފައިވާ ކާނާ ނުވަތަ ފެނުގެ ޒަރިއްޔާއިން ފެތުރޭ ބެކްޓީރިއާއަކުން ފެތުރޭ ބައްޔެކެވެ. އޭގެ ސަބަބުން ޑައިރިއާ އާއި، ހަށިގަނޑުން ފެން މަދުވުމާއި، މަސްތަކުގެ ރިހުމާއި، ހިތުގެ ހިނގުން އަވަސްވުމާއި، ލޭގެ ޕްރެޝަރު ދަށްވުމަށް މަގުފަހިވެއެވެ. އެހެންނަމަވެސް މި ބައްޔަކީ ހާއްސަކޮށް ކުޑަކުދިންނަށް ނުރައްކާތެރި ވެދާނެ ބައްޔެކެވެ.

ކޮލެރާ ވެކްސިންގެ ގާތްގަނޑަކަށް 36 މިލިއަން ޑޯޒް މިދިޔަ އަހަރު ވަނީ އުފައްދާފައެވެ. ކޮލެރާ ވެކްސިންގެ 18 މިލިއަނަށް ވުރެ ގިނަ ޑޯޒް މި އަހަރު ހޯދުމަށް އެދުނު ނަމަވެސް، ލިބެން ހުރީ އެންމެ އަށް މިލިއަން ޑޯޒްއެވެ. މިކަމުގެ ސަބަބުން ބަލިން ރައްކާތެރިވުމުގެ ކެމްޕޭންތައް ވަނީ ހުއްޓި ބައްޔާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ވަނީ ގޮންޖެހުންތަކާ ދިމާވެފައެވެ.

comment ކޮމެންޓް