އެންދަމަން އުޅުނު މީހަކަށް މިޔަރު ހަމަލާއެއް، އޭޑީކޭގައި ފަރުވާދެނީ

ފ ބިލެއްދޫ

ފ. ބިލެއްދޫ ދޯންނަކުން އެންދަމަން ފައިބާ އުޅުނު އެ ރަށު މީހަކަށް މިޔަރެއް ހަމަލާ ދީފިއެވެ.

އިއްޔެ ހެންދުނު ހިނގި މިހާދިސާއާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަވަމުން ބިލެއްދޫ ކައުންސިލްގެ ރައީސް އަހުމަދު އަސްލަމް ވިދާޅުވީ، މިޔަރު ހަމަލާދިނީ އެ ރަށު "ގުރުވަ" ނަމަކަށް ކިޔާ ދޯންޏަކުން އެންދަމަން ފޭބި އެ ދޯނީގެ ކެޔޮޅަކަށް ކަމަށެވެ.

މި ހަމަލާގައި އޭނާގެ ފައިގެ ފަލަމަސްގަނޑަށާއި ކުޑަކަޅުވާއަށް ވަރަށް ބޮޑަށް ވަނީ އަނިޔާވެފައެވެ. މި އަނިޔާތަކަށް މިހާރު ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މިޔަރު ހަމަލާގައި އަނިޔާ ލިބުނު މީހާގެ އާއިލާ މީހަކު "ސަން"އާ ވާހަކަ ދައްކަމުން ބުނީ، އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށެވެ. އަދި ރޭގައި އޮޕްރޭޝަނެއް ކޮށްފައި ވާކަމަށާއި އޮޕަރޭޝަން ކާމިޔާބުކަމަށް އޭނާ ބުންޏެވެ.

"ހާލު ރަނގަޅު. ދެން ވަރަށް ބޮޑަށް މިޔަރު ހިފާފަ ފައި ހަލާކުވެފަ އޮތީ. އެހެންވީމަ އޮޕަރޭޝަނެއް ކުރަން ޖެހުނީ. ހިނގޭނީ ދުވަސް ފަހުން ކަމަށް ލަފާކުރެވެނީ،" އޭނާ ބުންނެވެ.

މިދިޔަ އަންގާރަ ދުވަހު ވެސް ދޯންޏެއްގައި ދޮށި އަޅަން ހުއްޓާ މޫދަށް ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާދީފައި ވެއެވެ.

އެފަހަރު މިޔަރު ހަމަލާދީފައި ވަނީ ބިދޭސީއަކަށެވެ. އޭނާގެ ފަޔަށް ވެސް އެކި ވަރުގެ ހަމަލާ ދީފައި ވާއިރު، މާ ސީރިއަށް އަނިޔާއެއް ނުވެއެވެ.

comment ކޮމެންޓް