ދެ ރަށެއްގެ ބަނދަރު ބޮޑުކުރުމާއި ދެ ރަށެއްގެ ބިން ހިއްކުން ހިމެނޭ, 264 މިލިއަން ރުފިޔާގެ ހަތަރު މަޝްރޫއެއް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ ނ. މާފަރާއި ފ. ބިލެތްދޫގެ ބިންހިކުމުގެ މަސައްކަތާއި، ޅ. ހިންނަވަރާއި ރ. މީދޫ ބަނދަރުހެދުމުގެ މަސައްކަތެވެ.
މި މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައ، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.

264 މިލިއަން ރުފިޔާގެ ހަތަރު މަޝްރޫއެއް އެމްޓީސީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އެމްޓީސީސީ
ނ. މާފަރާއި ފ. ބިލެއްދޫ ބިން ހިއްކުމުގެ މަޝްރޫއު
މާފަރު ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން 20.40 ހެކްޓަރު ހިއްކުމަށްވަނީ ހަމަޖެހިފައެވެ. އަދި އެސަރަހައްދު ހިމާޔަތް ކުރުމަށް ރިވެޓްމަންޓް ޖެހުންވެސް މިމަސައްކަތުގެ ތެރޭގައި ހިމެނެއެވެ. މިއީ 300 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކުރި 91.45 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ބިލެތްދޫ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 99.99 މިލިއަން ރުފިޔާއަށް 500 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން ސޭންޑް ސާޗް ސާވޭއެއް ހެދުމާއ،ި 10 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 589 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ އިތުރުން 470 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުން ހިމެނެއެވެ.

ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ހިންނަވަރު ބަނދަރު ތަރައްގީކުރުމުގެ އެއްބަސްވުމާއެކު -- ފޮޓޯ/ އެމްޓީސީސީ
ޅ. ހިންނަވަރު އަދި ރ. މީދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު
ހިންނަވަރު ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް މިހާރުވެސް އަންނަނީ ކުރަމުންނެވެ. މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެ މަޝްރޫއަށް އިތުރުކުރެވުނު މަސައްކަތްތަކުގެ ދަށުން 244 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއ،ި މިހާރު ލާފައި ހުރި 51 މީޓަރުގެ ބޭރުތޮށި ރީޕްރޮފައިލް ކުރުމާއ،ި 270 މީޓަރު ދިގު ދެ މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ. އަދި މި މަޝްރޫޢަކީ 24.32 މިލިއަން ރުފިޔާއަށް 270 ދުވަސް ތެރޭ ނިންމުމަށް ހަވާލުކުރި މަޝްރޫއެކެވެ.
ރ. މީދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއަކީ 48.39 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަސައްކަތް ހަވާލުކުރެވުނީ 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.