ތިން އެއާޕޯޓެއް އެޅުމަށް ބިން ހިއްކަން ހަވާލުކޮށްފި

ތިން ރަށެއްގައި އެއާޕޯޓް އެޅުމަށް ބިން ހިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން --- ފޮޓޯ/ ޕްލޭނިން މިނިސްޓްރީ

ތިން ރަށެއްގައި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކަން ބަޔަކާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ބ. ތުޅާދު އާއި ތ. ވިލުފުށީގެ އިތުރުން ށ. ބިލެތްފަހީގައި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކަން ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައެވެ.

ޖުމްލަ 42.4 މިލިއަން ޑޮލަރަށް އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ 280 ދުވަސް ތެރޭ ނިންމާގޮތަށެވެ.

އެކަމާ ގުޅޭ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝަނާ ފާރޫގުއެވެ. އަދި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ސިވަރާޖާ މަނިވަންނަންއެވެ.

ތުޅާދޫ އެއާޕޯޓް އެޅުމަށްޓަކައި އެރަށުން ހިއްކަނީ 44.70 ހެކްޓަރުގެ ބިމެވެ. ވިލުފުއްޓާއި ބިލެތްފަހީ އެއާޕޯޓް އެޅުމަށްޓަކައި ހިއްކަނީ 56.34 ހެކްޓަރުގެ ބިމެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ތުޅާދޫ އެއާޕޯޓް އަޅަން ބިން ހިއްކުމުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ.

ތުޅާދޫ އާއި ބިލެތްފަހީގައި އެއާޕޯޓް އަޅަން ނިންމެވި ކަމަށްޓަކައި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިނާއި ކަނޑިތީމް ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ވަނީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ޝުކުރު ދަންނަވާފައެވެ.

ތުޅާދޫ އާއި ވިލުފުށީގައި އެއާޕޯޓް އަޅަން ނިންމީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހެވެ. ބިލެތްފަހީގައި އެއާޕޯޓެއް އަޅާނެކަން ޕީޕީއެމްގެ ވެރިކަމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ އިއުލާންކުރައްވާފައެވެ.

comment ކޮމެންޓް