ހިތް ނެގިތާ 16 އަހަރު ފަހުން، ދާރުލްއާސާރުން އެ ހިތް ބަލާލުމުގެ ފުރުސަތު ލިބިއްޖެ

ސަޓަންގެ ހިތް ލަންޑަންގެ ހަންޓޭރިއަން މިއުޒިއަމްގައި --

އިނގިރޭސިވިލާތުގެ އަންހެނަކު 'ހާޓް ޓްރާންސްޕްލާންޓް' އޮޕަރޭޝަނެއްކޮށް ހިތް ބަދަލުކުރިތާ 16 އަހަރު ފަހުން، ދާރުލްއާސާރުން އަމިއްލަ ހިތް ބަލާލުމުގެ ފުރުސަތު ލިބިއްޖެއެވެ.

އިނގިރޭސިވިލާތުގެ ހެމްޕްޝަޔާއަށް ނިސްބަތްވާ ޖެނިފާ ސަޓަން ހިތުގެ އޮޕަރޭޝަން ކުރީ 2007 ވަނަ އަހަރު، އޭނާގެ އުމުރުން 22 އަހަރުގައެވެ. އެ އޮޕަރޭޝަން ކުރަން ޖެހުނީ އޭނާގެ ނޭވާ ކުރުވެ، އާދައިގެ ކަސްރަތު ކުރަން ވެސް ދަތިވާން ފެށުމުން ޑޮކްޓަރަށް ދެއްކުމުންނެވެ.

ޑޮކްޓަރުން މައުލޫމާތު ދިނީ، ސަޓަންގެ 'ރެސްޓްރިކްޓިވް ކާޑިއޯމަޔޯޕަތީ' ހުރި ކަމަށާއި އެއީ ހިތުގެ މައްސަލައެއްގެ ސަބަބުން މުޅި ހަށިގަނޑަށް ލޭ ޕަމްޕް ކޮށްދިނުމުގައި ދަތިތަކެއް ކުރިމަތި ކުރުވާ ކަމެއް ކަމަށެވެ. އެހެންވެ، އާ ހިތެއް ނުލިބިއްޖެ ނަމަ އޭނާގެ ފުރާނަ ސަލާމަތް ނުކުރެވޭނެ ކަމަށް ޑޮކްޓަރުން ވިދާޅުވިއެވެ.

ސަޓަން ހިތުގެ ސާޖަރީއަށް ފަހު: އޭނާ އޮޕަރޭޝްން ކުރިއިރު އުމުރުން 22 އަހަރު -- ފޮޓޯ/ ޖެނިފާ ސަޓަން

ސަޓަންގެ މަންމައަކީ ވެސް އެ ބަލި ހުރެ، އެ އޮޕަރޭޝަން ކުރި މީހެކެވެ. ނަމަވެސް އެ އޮޕަރޭޝަން ކުރި ފަހުން އޭނާގެ މަންމަ މަރުވީއެވެ. އޭރު ސަޓަންގެ އުމުރުން އެންމެ 13 އަހަރެވެ. އެހެންވެ، 2007 ވަނަ އަހަރުގެ ޖޫން މަހު ޓްރާންސްޕްލާންޓް ހެދުމުގެ ފުރުސަތު ލިބުނު އިރު، އޭނާ ސާޖަރީ ހެދީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައެވެ.

"އަހަރެން ހަނދާންވޭ ޓްރާންސްޕްލާންޓަށް ފަހު ހޭލެވުމުން އަހަންނަކީ މިހާރު މުޅިން އާ މީހެއް ކަމަށް ވިސްނުނު،" ސަޓަން ބުންޏެވެ.

އެ އޮޕަރޭޝަނަށް ފަހު އޭނާގެ ހިތް ލަންޑަންގެ ހަންޓޭރިއަން މިއުޒިއަމްގައި އާންމުންނަށް ފެންނަ ގޮތަށް ބަހައްޓަން ސަޓަން ހުއްދަ ދިނެވެ. އޭގެ މަގުސަދަކީ, ޓްރާންސްޕްލާންޓްތަކަށް ގުނަވަން ހަދިޔާ ކުރަން ވީހާވެސް ގިނަ މީހުންނަށް ހިތްވަރު ދިނުން ކަމަށް އޭނާ ބުންޏެވެ.

އެ ހިތަކީ އޭނާއަށް ލިބުނު އެންމެ ފުރިހަމަ ހަދިޔާކަން ފާހަގަކުރަމުން ސަޓަން ބުނީ، އޭނާގެ ކުރީގެ ހިތް ދާރުލްއާސާރުން ފެނުމުން، އެ ހިތާ މެދުވެސް ފަޚްރުވެރިވާ ކަމަށެވެ.

ޖެނިފާ ސަޓަން ލަންޑަންގެ ހަންޓޭރިއަން މިއުޒިމްގައި: އެ ދާރުލްއާސާރުގައި އޭނާގެ ކުރީގެ ހިތް އާންމުންނަށް ފެންނަ ގޮތަށް ބަހައްޓާފައިވޭ -- ފޮޓޯ/ ޓޮމް އެވަންސް

"އެންމެ ފުރަތަމަ ފެނުމުން މި ހިތަށް އަރަނީ އެއީ މީގެ ކުރިން އަހަރެންގެ ހަށިގަނޑުގެ ބަޔެކޭ. އެކަމަކު ރަނގަޅު އިހުސާސެއްވެސް ކުރެވޭ، އެ ހިތަކީ އަހަރެންގެ އެކުވެރިއެއް ގޮތަށް ބެލެވޭ. އެ ހިތުގެ ސަބަބުން އަހަރެން 22 އަހަރު ވަންދެން ދިރިހުރި ވީމާ އެއާމެދު އަހަރެން ފަހުރުވެރިވޭ،" ސަޓަން ކިޔައިދިނެވެ.

އެ އޮޕަރޭޝާނަށް ފަހު ވޭތުވި 16 އަހަރަކީ ވަރަށް އުފާވެރި އަހަރުތަކެއް ކަމަށް އޭނާ ބުންޏެވެ.

"އަހަންނަށް ޑޯނަރެއް ނުލިބުނު ނަމަ އެ 16 އަހަރެއް ނުލިބުނީސް. އަހަރެން މިހާރު ވަރަށް ބިޒީ، ވަރަށް ހަރަކާތްތެރި، އަދި މި ހިތް ވީހާވެސް ދުޅަހެޔޮކޮށް ގެންގުޅެން މަސައްކަތް ކުރަން،" މިދިޔަ އަހަރު ޒަވާޖީ ހަޔާތެއް ވެސް ފަށާފައިވާ ސަޓަން ބުންޏެވެ.

comment ކޮމެންޓް