ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖަވާބުދާރީވާން 30 މިނެޓުގެ ވަގުތު ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން ނިންމައިފިއެވެ.
އެ މައްސަލައިގައި އާންމު ކޮމިޓީން ނިންމަން ޖެހޭ ބައެއް ނިންމުންތައް އިއްޔެ ވަނީ އެ ކޮމިޓީން ފާސްކޮށްފައެވެ.
އެގޮތުން، ކޮމިޓީގެ ބައްދަލުވުމުގައި އެމްޑީޕީގެ ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލްހަކީމް ވަނީ ބަންޑާރަ ނައިބަށް މަޖިލީހަށް ޖަވާބުދާރީ ވުމަށް 30 މިނެޓު ދިނުމަށް ހުށަހަޅުއްވައިފައެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރައްވާފައިވަނީ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާންއެވެ.
އެ ވަގުތު ކޮމިޓީގައި ތިއްބެވި މެންބަރުންގެ އިއްތިފާގުން އެ ހުށަހެޅުން ވަނީ ފާސްކޮށްފައެވެ.
ކޮމިޓީން ނިންމާފައިވަނީ ބަހުސް ފެށުމުގެ ގޮތުން 10 މިނެޓާއި މެދު ތެރެއިން 10 މިނެޓާއި ބަހުސް ނިންމާލުމުގެ ގޮތުން ފަހު ބަހެއްގެ ގޮތުގައި ވާހަކަ ދެއްކެވުމަށް 10 މިނެޓު ދިނުމަށެވެ.
ބަހުސް ކުރުމަށް ދެ ގަޑިއިރު ކަނޑައަޅާފައިވާއިރު، މެންބަރުންނަށް ވާހަކަދެއްކުމަށް ލިބޭނީ ދޮޅު ގަޑިއިރެވެ.
ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ބަހުސް ކުރަން ފެށުމުގެ ކުރިން އެ މައްސަލައަށް ޖަވާބުދާރީ ވާން 14 ދުވަހުގެ ނޯޓިސް ދޭން ޖެހެއެވެ. ދެވަނަ ދައުރުގެ ޖަލްސާތައް ފައްޓަވަމުން ރިޔާސަތުގައި އިންނަވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިދިޔަ އަންގާރަ ދުވަހު އޭޖީއަށް ނޯޓިސް ފޮނުވާފައިވާ ކަމަށް ވިދާޅުވެފައެވެ.
އޭޖީގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ގުޅިފައިވާ އިދިކޮޅު އިއްތިހާދުންނެވެ. އެ އިއްތިހާދުގައި ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ އިތުރުން އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އިސްކޮށް ހުންނަވާ ފިކުރެއްގެ ދިރުމާއި ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީ ހިމެނެއެވެ.
ނަމަވެސް މިކަން ކުރެވުމަކީ ވަރަށް ނާދިރު ކަމެކެވެ. އެއީ މަޖިލީހުގެ މެޖޯރިޓީ އަދިވެސް އޮތީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ކަމަށް ވާތީއެވެ.
އޭޖީގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް ވަނީ މަޖިލީހަށް ހުށަހަޅައިފައެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ވައްދަން ގުޅިފައިވާ ޕާޓީތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.