ޓެކްސްޓް ކޮށްގެން ބުނެވެންޏާ ގުޅާނެ ކަމެއް ނެތް!

މިހާރު ހުރިހާ އެންމެންގެ އަތުގައި ސްމާޓްފޯނެއް އޮވެއެވެ. އެއާއެކު މީހަކާ ވާހަކަ ދައްކަން ބޭނުންވެއްޖެ ނަމަ އެތައް ގޮތެއް އެބަ އޮތެވެ. ނަމަވެސް ދުވަހުން ދުވަހަށް ގިނަ ބަޔަކު އެންމެ ފޫހިވަމުން އަންނަ އެއް ގޮތަކީ ފޯނަށް ގުޅައިގެން ވާހަކަ ދެއްކުމެވެ. ގުޅުމުގެ ބަދަލުގައި ޓެކްސްޓުން ވާހަކަ ބުނެދިނުމަށް ގިނަ ބަޔަކު މިހާރު ބޭނުންވެއެވެ.

ފޯނެއްގެ ކައިރީގައި ތިބެ ކޯލަކަށް އިންތިޒާރު ކޮށްލައިން ހުރެ ވާހަކަ ދައްކަން އުޅުމުގެ ޒަމާން މިހާރު ގޮޮސްފިއެވެ. މިހާރު ޓެކްސްޓަކުން އަދި މެއިލަކުން ނަމަވެސް ކޮންމެ ވަގުތަކު މީހަކާ ވާހަކަ ދައްކާލެވޭނެއެވެ. އަދި އަބަދު އަތުގައި ފޯނު އޮންނާތީ ވަގުތުން ޖަވާބު ވެސް ދެވޭނެއެވެ. އެހެންވީމާ ކޮންމެހެން ގުޅައިގެން ވާހަކަ ބުނުމުގެ ބޭނުމެއް ނެތެވެ.

ޓެކްސްޓިން އަކީ ޒުވާނުންގެ މެދުގައި މުއާސަލާތު ކުރުމަށް އެންމެ މަގުބޫލު މޯޑެވެ. ޓެލެގްރާމް އާއި އިންސްޓަގްރާމް އަދި ވައިބާ ފަދަ ޕްލެޓްފޯމްތަކާއެކު ކޮންމެ މީހަކަށް ވެސް ވަގުތުން ޓެކްސްޓް ކޮށްލައި މުޅި ދުވަހުގެ ތެރޭގައި ތަފާތު ވާހަކަތައް ދައްކައި ހެދޭނެއެވެ. މި ސަބަބާ ހުރެ ފޯނު ކޯލެއް އަންނަ އިރަށް މިއީ ގިނަ ބަޔަކު އެންމެ ފޫހިވާ ވަގުތެވެ.

"ބައެއް ފަހަރު މީހަކު ގުޅާއިރަށް ހަމަ ހުންނަން ރިންގް ވެ ނިމެން ދެން އެއަށް ބަލަން. ރިންގްވެ ނިމުނީމަ ދެން ޓެކްސްޓް ކުރަނީ ކިހިނެއް ވީ ތޯ ބަލަން،" އުމުރުން 23 އަހަރުގެ ޒިޔާން އަލީ ކިޔައިދިނެވެ.

ޒިޔާން ކިޔައިދިން ގޮތުގައި ފޯނު ނަގަން ފޫހިވާ ވަރަށް ވުރެ ފޯނު ނެގުމަށް އުނދަގޫ ވަނީއެވެ. ފޯނު ނަގައިގެން ވާހަކަ ދެއްކުމަށް ވަރަށް ހިތްވަރު ބޭނުންވާ ކަމަށް އޭނާ ފާހަގަކުރިއެވެ.

ގިނަ ފަހަރަށް ފޯނު ކޯލެއް އަންނާނީ އެއްވެސް ކަހަލަ ނިޝާނެއް ވެސް ނުދީއެވެ. އެއާއެކު ފޯނު ކޯލު ނެގުމަކީ އުނދަގޫ ކަމަކަށް ވެއެވެ. ނަމަވެސް އެއާ ހިލާފަށް ޓެކްސްޓެއް ލިބުމުން އަމިއްލައަށް އެކަމަކަށް ރެޑީ ވުމުން ޖަވާބު ދެވޭނެއެވެ.

"ފޯނުން ނަގަން ބޭނުން ނުވިޔަސް ސީރިއަސް ހާލަތެއް ޖެހިދާނެ. އެހާލެއްގައި ގުޅަން މައްސަލައެއް ނެތް. އެކަމު ކޮންމެ ކުޑަ ކަމެއްގައި ގުޅުން އެއީ މުހިއްމު ކަމެއް ކަމުގައެއް ނުދެކެން،" އުމުރުން 26 އަހަރުގެ ޝިނާ ޝިހާބް ބުންޏެވެ.

ޓެކްސްޓުން ބުނެވޭ ވާހައެއް ނަމަ ގުޅުން މުހިއްމެއް ނޫނެވެ. މިއީ މިހާރު ބޭނުންވާ ވެސް ކަމެއް ނޫނެވެ. އެކަމަށްޓަކައި އެކި މީހުން އަންނަނީ ތަފާތު މަސައްކަތް ވެސް ކުރަމުންނެވެ. އޭގެތެރޭގައި ގޭގައި އުޅޭއިރު ވަކި ޕްރޮފައިލެއް ފޯނަށް ހަދާފައި ބެހެއްޓުން ހިމެނެއެވެ. މިފަދަ ޕްރޮފައިލްތަކުގައި ހަމައެކަނި ވަކި ބަޔަކަށް ކޮންޓެކްޓް ކޮށްލެވޭނެ ގޮތް ހެދޭނެއެވެ. އެހެންވީމާ ބޭނުން ނުވާ މީހުންނަށް ނުގުޅޭ ގޮތް ހަދާލެވޭނެއެވެ.

އަދި ޓެކްސްޓް ކުރެވެން އޮންނައިރު މުހިއްމު ކަމެއް އޮތް ނަމަ ގުޅަން ބޭނުން ވެއްޖެ ހިނދެއްގައި ކުރީބައިގައި ގުޅާ ވާހަކަ ޓެކްސްޓް ކޮށްލުމަށްފަހު ގުޅާލުން ރަނގަޅުވާނެއެވެ. އެއާއެކު ކޯލަށް ކުޑަކޮށް ރެޑީ ވެވޭނެއެވެ.

comment ކޮމެންޓް