ފަލަސްޠީނުގެ މިނިވަންކަމަށް އދ ގައި ރާއްޖެއިން ގޮވާލައިފި

ދިވެހި ކުޑަ ކުއްޖަކު، ގައުމީ ދިދަ އަދި ފަލަސްތީނުގެ ދިދަ ހިފައިގެން --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އދ.ގެ މައި މަރުކަޒުގައި ބޭއްވުނު ޖަލްސާއެއްގައި ފަލަސްޠީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ.

މި ޖަލްސާއަކީ ފަލަސްޠީނުގައި ޔަހޫދީ ދައުލަތެއް އުފެއްދުމަށްޓަކައި ޒަޔަނިސްޓު ބާރުތަކުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް 1948 މޭ 14ގައި ފެށި ލާއިންސާނީ ޢަމަލުތައް ކުށްވެރިކޮށް އެ ޙާދިސާ ހިނގިތާ 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާއެކެވެ.

މި ޖަލްސާގައި ރާއްޖެއިން ހުށަހެޅި ބަޔާނުގައި ވަނީ ފަލަސްޠީނުގެ ރައްޔިތުންގެ އުނި ނުކުރެވޭނެ ޙައްޤުތައް ހޯދުމަށް އެ ރައްޔިތުން ކުރަމުންދާ މަސައްކަތްތަކަށް އެއްވެސް ޝަރުތަކައިނުލާ ފުރިހަމައަށް ތާއީދުކުރާކަން ތަކުރާރުކޮށްފައެވެ.

އެގޮތުން 1967ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައިވާ އިންތަކުގެ މައްޗަށް ޤާއިމުކޮށްފައިވާ، އިރުމަތީ ޤުދުސް ވެރި ރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ، މިނިވަން، މުސްތަޤިއްލު ފަލަސްޠީނުގެ ދައުލަތެއް އުފެއްދުމަށް ރާއްޖެއިން ތާއީދުކުރާކަން މި ބަޔާނުގައި ރާއްޖެއިން ވަނީ ފާހަގަކޮށްފައެވެ. އަދި، މިނިވަން، މުސްތަޤިއްލު، ފަލަސްޠީނެއް ޤާއިމުވުމާ ހަމައަށް ފަލަސްޠީނުގެ ރައްޔިތުންނާ އެކު ދެގޮތެއްނުވެ ސާބިތުކަމާ އެކު ދެމިތިބޭނެކަން ފާހަގަކޮށްފައެވެ.

ހަމައެއާ އެކު، 1948ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ވެސް، ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ލާއިންސާނީ ޢަމަލުތައް ހުއްޓުމެއް ނެތި ހިންގަމުންދާކަން ފާހަގަކޮށް، އެ ޢަމަލުތައް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފައެވެ. އަދި، އިޒްރޭލުގެ މިޢަމަލުތަކުގެ ސަބަބުން މެދުއިރުމަތީގައި ޞުލްޙަ ޤާއިމުކުރުމަށް ހުރަސްއެޅޭކަން ފާހަގަކޮށް، ރާއްޖެއިން ވަނީ އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ޤާނޫނާ ޚިލާފު ޢަމަލުތައް ވަގުތުން ހުއްޓާލުމަށާއި ޤާނޫނާ ޚިލާފަށް ޣައްޒާ ޙިޞާރުކޮށްގެން ތިބި ތިބުން ހުއްޓާލުމަށާއި ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް ގޮވާލާފައެވެ.

މީގެ އިތުރުން، ރާއްޖޭގެ ބަޔާނުގައި ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ޙަރަކާތްތެރިވަމުންދާ އދ.ގެ އެޖެންސީތަކާއި އެހެނިހެން ޖަމިއްޔާ ޖަމާޢާތްތަކަށް އެހީވުމަކީ ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ބޮލުގައި އެޅިފައިވާ ޒިންމާއެއްކަން ފާހަގަކޮށްފައެވެ.

އިޒްރޭލުގެ ބާރުތަކުން 1948ގައި ފެށި ލާއިންސާނީ ޢަމަލުތަކުގައި އެތައް ލައްކަ ފަލަސްޠީނު ރައްޔިތުންނެއް މަޖުބޫރުކަމާ އެކު އެ މީހުންގެ ޤައުމުން ނެރެ ފަލަސްޠީނުގެ އެތައް ސަތޭކަ އަވަށެއް ފަޅުކޮށް، އެތައް ހާސް ފަލަސްޠީނު ރައްޔިތުންނެއް ވަނީ ޝަހީދުކޮށްލައިފައެވެ. މި ޙާދިސާއަށް ފަލަސްޠީނުގައި ކިޔައި އުޅެނީ ނަކްބާއެވެ. މިއީ ނަކްބާ ފާހަގަކޮށް އެ ކަންކަމާ ދެކޮޅަށް އދ.ގެ މައި މަރުކަޒުގައި ޚާއްސަ އިޙްތިފާލެއް ބޭއްވުނު ފުރަތަމަ ފަހަރެވެ.

އިޒްރޭލުން ނަކްބާގައި ހިންގި ޢަމަލުތައް ކުށްވެރިކޮށް އެ ލާއިންސާނީ ޢަމަލުތަކާ ދެކޮޅު ހެދުމުގެ ގޮތުން ނަކްބާއަށް 75 އަހަރު ފުރޭ ދުވަސް މޭ 15ގައި ފާހަގަކުރުމަށް އދ.ގެ ޢާއްމު މަޖިލީހުގެ 77ވަނަ ސެޝަނުގައި ވަނީ ފާސްކޮށްފައެވެ. އެ ނިންމުމުގެ ދަށުން، ފާއިތުވި ހަފުތާގައި އދ.ގެ މައި މަރުކަޒުގައި ބޭއްވުނު ޖަލްސާގައި ފަލަސްޠީނުގެ ރައީސް، މަޙުމޫދު ޢައްބާސް ވެސް ބައިވެރިވެވަޑައިގަންނަވައި އދ.ގެ ޢާއްމު މަޖިލީހާ މުޚާތަބުކުރައްވާ ތަޤުރީރުކުރެއްވިއެވެ.

ނަކްބާއަށް 75 އަހަރު ފުރުން އ.ދ.ގައި ފާހަގަކުރުމަށް ގޮވާލައި އ.ދ.ގެ ޢާއްމު މަޖިލީހަށް ހުށަހެޅި ޤަރާރު ފާސްކުރުމަށް ވެސް ރާއްޖެއިން ވަނީ ވޯޓުދީފައެވެ.

މި ޤަރާރު ފާސްވެފައިވަނީ އ.ދ.ގެ މެންބަރު ޤައުމުތަކުގެ ތެރެއިން 90 ޤައުމުގެ ތާއީދާ އެކުއެވެ. މި ޖަލްސާގެ ބޭނުމަކީ ނަކްބާގެ ޙާދިސާގެ ހަނދާން އާކޮށް، އެޙާދިސާގައި ގެދޮރުގެއްލި އެހެނިހެން ގޮތްގޮތުން ގެއްލުން ލިބުނު އަދި މިހާރު ވެސް އެ ގެއްލުންތައް ތަޙައްމަލުކުރަމުންދާ ފަލަސްޠީނު ރައްޔިތުންގެ ތަޖުރިބާތަކާއި އިޙުސާސްތައް ޙިއްސާކޮށް އިޒްރޭލުގެ ލާއިންސާނީ ޢަމަލުތައް ކުށްވެރިކޮށް އެކަންކަމާ ދެކޮޅުހެދުމެވެ.

comment ކޮމެންޓް