'ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލާސް ކޮންފެރެންސް'ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ރާވާ އިންތިޒާމްކޮށްގެން ބާއްވާ 'ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލާރސް ކޮންފެރެންސް 2023'ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

މިއަދު އެމްއެމްޕީއާރްސީގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި ދިރާގާ އެކު ސޮއި ކުރިއިރު، މި އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒެވެ. އަދި، އެމްއެމްޕީއާރްސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދެވެ.

މި ކަމާ ގުޅިގެން "ސަން" އާ ވާހަކަދައްކަވަމުން ދިރާގުގެ އޮފިޝަލަކު ވިދާޅުވީ ރާއްޖެ ޕްރޮމޯޓްކުރާ ވަރަށް ބޮޑު މާކެޓިން ކޮންފަރެންސް އަކަށް މި ކޮންފަރެންސް ވާތީ އެ ކަމުގައި ދިރާގުން ބައިވެރުވުމަކީ އެ ކުންފުންޏަށް ލިބޭ އުފަލެއް ކަމުގައެވެ.

މި ކޮންފަރެންސްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 70 އަށް ވުރެ ގިނަ ކޮންޓެންޓް ކްރިއޭޓަރުން ބައިވެރިވާނެއެވެ. އޭގެ ތެރޭގައި ނޫސްވެރިންނާއި ޓްރެވަލް ރައިޓަރުންނާއި އިންފްލުއެންސަރުންނާއި މީޑިއާގެ ތަޖުރިބާކާރުން ހިމެނެއެވެ.

އެގޮތުން "ވީވް ޔޯ މޯލްޑިވިއަން ސްޓޯރީ" ޝިއާރުގެ ދަށުން ރާއްޖޭގެ ތާރީޚާއި ސަގާފީ ތަރިކައާ ބެހޭ މަޢުލޫމާތު އަދި ވާހަކައާއި ޚަބަރު އުފެއްދުމާއި ބެހޭ އެކި މަޢުލޫމާތު ބައިވެރިންނަށް ފޯރުކޮށްދޭނެއެވެ. އަދި، މީގެ އިތުރުން މި ކޮންފަރެންސްގައި ދިވެހި އުފެއްދުންތައް ދައްކާލާ ސްޓޯލްތައް ވެސް ހުންނާނެއެވެ.

ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލާސް ކޮންފަރެންސް 2023 ވެގެންދާނީ އެމްއެމްޕީއާރްސީގެ މި އަހަރުގެ އެންމެ ބޮޑު މާކެޓިން އިވެންޓަށެވެ. މި ކޮންފެރެންސް ކުރިއަށްދާނީ 30 މެއި އިން 2 ޖޫން 2023ގެ ނިޔަލަށެވެ.

ހޮސްޕިޓާލިޓީ އިންޑަސްޓްރީގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕާޓްނަރެއްގެ ގޮތުން ދިރާގުގެ އަމާޒެއް ކަމުގައި ބުނީ އަބަދު ވެސް އެ ދާއިރާ ކުރިއެރުވުމަށް ހިންގާ އެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެއްބާރުލުން ދިނުން ކަމަށެވެ.

comment ކޮމެންޓް