ހަނިމާދޫ އެއާޕޯޓްގެ ތަރައްގީގެ މަޝްރޫއު ކުރިއަށް ގެންދާނީ އެ އެއާޕޯޓް ބަންދުނުކޮށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އިޔާދު ހަމީދު މިއަދު "ސަން"އަށް ވިދާޅުވީ އެއާޕޯޓްގެ ކޮންސްޓްރަކްޝަން މަސައްކަތް ވެސް ކުރިއަށް ދާނީ އޮޕަރޭޝަނަލްކޮށް ބާއްވައިގެން ކަމަށެވެ.
އޭނާ ވިދާޅުވީ މިހާރު އެއާޕޯޓްގެ މަސައްކަތް ދަނީ ބާރަށް ކުރިއަށް ކަމަށެވެ. އެ ގޮތުން ރަންވޭގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ބާރަށް ކުރިއަށް ދާ ކަމަށާއި އިމާރާތްތަކުގެ ކޮންކްރީޓް މަސައްކަތްތަކާއި ޑްރެޖިންގެ މަސައްކަތް ވެސް ދަނީ ކުރިއަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"ހަނިމާދޫ އެއާޕޯޓް ޝެޑިއުލާ އެއްގޮތަށް ނިންމާލެވޭނެކަމުގެ ބޮޑު ޔަގީންކަމެއް އެބައޮތް. ހަނިމާދޫ އެއާޕޯޓް ނިމެން ޝެޑިއުލް ކުރެވިފައި އޮތީ 2024ވަނަ އަހަރުގެ އޮކްޓޯބަރު މަހަށް،" އިޔާދު ވިދާޅުވިއެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_168439443563UpMK.jpeg)
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދަނީ --- ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ
އިޔާދު ވިދާޅުވީ އެއާޕޯޓް ވުޖޫދަށް އައުމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން ޑައިރެކްޓް ފްލައިޓްތައް ހަނިމާދޫއަށް އޮޕަރޭޓް ކުރެވޭނެކަމަށެވެ.
"މިހާރު އިންޓަނޭޝަނަލް އެއާޕޯޓެއްގެ ނަންބޯޑު ހުއްޓެއް ކަމަކު އިންޓަނޭޝަނަލް އެއާޕޯޓެއް ގޮތަކު ނޫން މި މަސައްކަތް ކުރަނީ. އޭގެ ސަބަބަކީ އެކަށީގެންވާވަރުގެ ރަންވޭއަކާއި ޓާމިނަލެއް ނެތުން. މި ސަބަބަށް ޓަކައި އަޅުގަނޑުމެން އެއާޕޯޓް ތަރައްގީ މި ކުރަނީ،" އިޔާދު ވިދާޅުވިއެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_168439445443Un7J.jpeg)
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދަނީ --- ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ
ދުނިޔޭގެ އެކި ކަންކޮޅުތަކުން ފްލައިޓްތައް އޮޕަރޭޓް ކުރެވެން ފެށުމުން އެ ސަރަހައްދަށް ޒިޔާރާތް ކުރާ ފަތުރުވެރިންނަށް ވަރަށް ބޮޑު ފަސޭހައަކަށްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ބޮޑުތިލަދުންމައްޗަށް އަންނަ ފަތުރުވެރިޔާއަށް އޭރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ނުގޮސް ސީދާ އެ ސަރަހައްދަށް ދެވޭނެކަމަށް ވެސް އިޔާދު ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ އިތުރަށް އެހެނިހެން ސިނާއަތްތަކަށް ވެސް މި މަޝްރޫއު ނިމުމުން ބޮޑެތި ފައިދާތަކެއް ވާނެ ކަމަށް އިޔާދު ވިދާޅުވިއެވެ.
ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތްކުރެވޭނެއެވެ. އަދި ބައިނަލްއަޤްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ގާއިމުކުރެވޭނެއެެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_166013705237DqLj.jpeg)
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ނިމޭއިރު އޮންނާނެ ގޮތުގެ ކުރެހުމެއް --- ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ
މިމަޝްރޫއު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ޚިދުމަތް ދެވޭނެއެެވެ. އަދި މެދުއިރުމައްޗާއި، ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ޤައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫއަށް އޮޕަރޭޓް ކުރުމުގެ ޤާބިލުކަން ލިބޭނެއެވެ.
މިމަޝްރޫއަކީ އިންޑިއާގެ އެގްޒިމްބެންކުގެ ލޯނު އެހީގައި ކުރިޔަށް ގެންދާ މަޝްރޫޢެކެވެ.