އޭޖީއަށް ނޯޓިސް ދީފި، މައްސަލަ އަދި އެޖެންޑާ ނުކުރޭ

ބަންޑާރަ ނައިބު އިބްރާޙިމް ރިފްއަތު --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައިގައި ޖަވާބުދާރީ ވުމަށް އޭނާއަށް މަޖިލީހުން ނޯޓިސް ދީފިއެވެ.

ދެވަނަ ދައުރުގެ ޖަލްސާތައް މިއަދު ފައްޓަވަމުން ރިޔާސަތުގައި އިންނަވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ މައްސަލަ މަޖިލީހަށް ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން، ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް 13 މެންބަރުންގެ ސޮޔާ އެކު މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހުގެ އިދާރާއަށް ލިބިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ވާ ގޮތުން ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ބަހުސް ކުރަން ފެށުމުގެ ކުރިން އެ މައްސަލައަށް ޖަވާބުދާރީ ވާން 14 ދުވަހުގެ ނޯޓިސް ދޭން ޖެހެއެވެ.

އެގޮތުގެ މަތީން މިދިޔަ އަންގާރަ ދުވަހު އޭޖީއަށް ނޯޓިސް ފޮނުވާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް އެ މައްސަލަ އަދި އެޖެންޑާ ކޮށްފައި ނުވާއިރު، މައްސަލަ އެޖެންޑާ ކުރާނެ ވަކި ތާރީޚެއް ފަހުން އަންގަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އޭޖީގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ގުޅިފައިވާ އިދިކޮޅު އިއްތިހާދުންނެވެ. އެ އިއްތިހާދުގައި ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ އިތުރުން އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އިސްކޮށް ހުންނަވާ ފިކުރެއްގެ ދިރުމާއި ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީ ހިމެނެއެވެ.

ނަމަވެސް މިކަން ކުރެވުމަކީ ވަރަށް ނާދިރު ކަމެކެވެ. އެއީ މަޖިލީހުގެ ބޮޑު ކޮންޓްރޯލް އަދިވެސް އޮތީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ކަމަށް ވާތީއެވެ.

އިދިކޮޅު އިއްތިހާދުން ބުނެފައިވަނީ ރިފްއަތުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާ ސަބަބުތަކުގެ ތެރޭގައި، ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ހިމާޔަތް ކުރުމުގައި އިހުމާލުވެފައިވާ ކަމަށް ބެލެވޭތީ އާއި ދިވެހިންނަށް ގެއްލުން ލިބޭ ގޮތަށް ސަރުކާރުން އެކި ފަރާތްތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ބޮޑެތި އަދަދުތައް ދިނުން ހިމެނޭ ކަމަށެވެ.

އަދި ރާއްޖޭގެ މަސްލަހަތު ހިމާޔަތް ކުރެއްވި ކަމަށް ވިދާޅުވި ނަމަވެސް ރާއްޖޭގެ ކަނޑުތައް ހިމާޔަތް ކުރުމާ ބެހޭ ގާނޫނުގައި ރާއްޖޭގެ އިގުތިސާދީ ސަރަހައްދާ ބެހޭ ގޮތުން ގޮތް ކަނޑައަޅާފައި ވަނިކޮށް ރިފްއަތު އަމަލު ކުރެއްވީ އެހެން ބަޔެއްގެ މަސްލަހަތު ހިމާޔަތް ކުރެއްވުމަށް ކަމަށްވެސް އެ އިއްތިހާދުން ވަނި ބުނެފައެވެ.

comment ކޮމެންޓް