ރައީސް މޮރިޝަސްއަށް ފޮނުއްވި ސިޓީ ހާމަކުރުމަށް ގޮވާލައި ހުށަހެޅި މައްސަލަ ބޭރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް--- ފޮޓޯ/ މަޖިލިސް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ ހާމަކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މިއަދު ބޭރުކޮށްފިއެވެ.

ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު ހުށަހެޅުއްވި އެ މައްސަލައިގައި ވަނީ، ރާއްޖެ އާއި މޮރިޝަސްގެ އިން ކަނޑައެޅުމާ ބެހޭ މައްސަލައެއް މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީއަށް ހުށަހަޅާފައި ވަނިކޮށް، ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު އޮންނަނީ މޮރިޝަސްއަށް ކަމަށް ދިވެހި ސަރުކާރުން ގަބޫލު ކުރާ ކަމަށް ވިދާޅުވެ ރައީސް "ސިއްރު" ސިޓީފުޅެއް ފޮނުއްވި ކަމަށެވެ.

ރައީސް އެގޮތަށް އަމަލު ކުރެއްވީ ދިވެހި ރައްޔިތުންނަށާއި މަޖިލީހަށް އެއްވެސް ކަމެއް ހިއްސާކުރެއްވުމެއް ނެތި ކަމަށާއި އެ ސިޓީގެ ސަބަބުން އިޔާދަ ނުކުރެވޭ ފަދަ ބޮޑު ގެއްލުމެއް ރާއްޖެއަށް ލިބިފައިވާ ކަމަށް މައްސަލައިގައިވެއެވެ.

"އިސްވެ ބަޔާންކުރި މައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މޮރިޝަސްއަށް ފޮނުއްވެވި ސިޓީ ރައްޔިތުންނަށް ހާމަކުރުމަށާއި އެ ސިޓީ ފޮނުއްވަން ޖެހިވަޑައިގެންނެވި ސަބަބުތައް ރައްޔިތުންނަށް ހާމަކުރުމަށް ސަރުކާރަށް ގޮވާލާ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ދަށުން މި ކުއްލި މައްސަލަ ހުށަހަޅަމެވެ،" މަޑުއްވަރީ ދާއިރާގެ މެމްބަރު ހުށަހެޅުއްވި އެ މައްސަލައިގައިވެއެވެ.

އެ މައްސަލައަށް ބަހުސް ކުރުމަށް މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވީ 51 މެންބަރުންނެވެ. އެ ގަރާރު ބަލައިގަތުމާ ދެކޮޅަށް 33 މެންބަރުން ވޯޓު ދެއްވި އިރު ފެންނަ ކަމަށް ވޯޓު ދެއްވީ 18 މެންބަރުންނެވެ.

"ފާސްވުމަށް 26 މެންބަރުން ބޭނުންވޭ އެހެންވީމާ މި ކުއްލި މައްސަލަ ބަހުސް ކުރާކަށް ފާހެއް ނުވި،" ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.

އިމުގެ މައްސަލައިގައި އިޓްލޮސްއިން ނިންމީ ރާއްޖެއާއި މޮރީޝަސްއާ ކަނޑުގެ ސަރަހައްދުން ފުށުއެރި 95،563 އަކަ ކިލޯމީޓަރުގެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ދީ، މޮރީޝަސްއަށް 45،331 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ދިނުމަށެވެ.

މި ނިންމުމާ އެކު، ރާއްޖެއަށް 4687 އަކަ ކިލޯމީޓަރުގެ އިތުރު ސަރަހައްދެއް ލިބޭނެއެވެ. މޮރިޝަސް އިން ވަކާލާތު ކުރި ގޮތަށް މައްސަލަ ނިމުނުނަމަ، އެ ސަރަހައްދު ލިބޭނީ މޮރިޝަސް އަށެވެ.

މީގެ ކުރިން ރައީސް ވަނީ، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީގައި ބަޔާންކޮށްފައިވަނީ ޗާގޯސްގެ ރަށްތަކުގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ރާއްޖެއިން ބަލައިގަތް ވާހަކަ ކަމަށް ވިދާޅުވެފައެވެ. އަދި އެއީ، އިމުގެ މައްސަލައާ ގުޅިގެން ފޮނުއްވި ސިޓީއެއް ނޫން ކަމަށާއި މިއީ ދެ މައްސަލައެއް ކަމަށް އެ މަނިކުފާނު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

comment ކޮމެންޓް